ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމުގެ ތެރޭގައި އިމާރާތުގެ އޮނިގަނޑަށް ބަދަލު ގެނައި 30 މީހަކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޖޫރިމަނާކޮށްފިއެވެ.

އެޗްޑީސީން މިރޭ "ވަން" އަށް ބުނީ، ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރަން ޖެހޭ ވަކި އުސޫލެއް އެޗްޑީސީން އާންމުކޮށްފައިވާ ކަމަށާއި ފިނިޝިން މަސައްކަތް ކުރުމުގެ ތެރޭގައި އެ މިންގަނޑުތަކާ ހިލާފަށް އިމާރާތުގެ އޮނިގަނޑަށް ބަދަލު ގެނައުމާ ގުޅިގެން 30 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެ އުސޫލުގައި ބުނާގޮތުން އެތެރޭގެ އެއްވެސް މަސައްކަތެއް ކުރެވޭނީ އެޗްޑީސީގެ ހުއްދަ ހޯދައިގެންނެވެ. އަދި އެ ހުއްދައާއެކު ވެސް މަސައްކަތް ކުރިއަށް ގެންދެވޭނީ އިމާރާތުގެ އޮނިގަނޑަށް ގެއްލުމެއް ނުވާނެ ގޮތަށެވެ. އެގޮތުން އިމާރާތުގައިވާ ކޮންކްރީޓް ސްޓްރަކްޗަރަށް އެއްވެސް އުނިކަމެއް އަންނަ ފަދަ ބަދަލެއް ގެނައުމަކީ މަނާ ކަމެކެވެ.

"އިމާރާތުގައިވާ ކޮންކްރީޓް ސްޓްރަކްޗަރަށް ގެއްލުންވާފަދަ ބަދަލުތައް ގެނެސްފައިވާ 100 މައްސަލައެއް މިހާތަނަށް ހުށަހެޅިފައިވޭ. އަދި އެކަމާ ގުޅިގެން 30 މީހުން މިހާތަނަށް ޖޫރިމަނާކޮށްފައިވާނެ." އެޗްޑީސީން ބުންޏެވެ.

ހިޔާގެ އެއްބަސްވުމުގައި ބުނާ ގޮތުން ހާލަތަށް ބަލައި ސްޓްރަކްޗަރަލް އެސެސްމަންޓެއް ހެދުމަށްފަހު، ޖޫރިމަނާ ކުރަންޖެހޭ އަދަދު 100،000 ރުފިޔާއަށްވުރެ ބޮޑު ނަމަ އެކަން ފްލެޓް ވިއްކާ ފަރާތުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކަށް އެންގޭނެއެވެ. އެފަދަ ހާލަތެއްގައި ޖޫރިމަނާއެއް ދައްކަން ޖެހިއްޖެ ނަމަ، ފްލެޓް ގަންނަ ފަރާތުން ވިއްކާ ފަރާތަށް 14 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދައްކަން ޖެހެއެވެ.

އިއްޔެ އެޗްޑީސީން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ރިއަލް ސްޓޭޓް ޑިޕާޓްމަންޓްގެ ޑިރެކްޓާ ޝާޒިމް ސައީދު ވިދާޅުވީ ޖޫރިމަނާ ފައިސާ ދެއްކުމުން އެ ފަރާތްތަކަށް މަސައްކަތް ކުރިއަށް ގެންދަން އަލުން ހުއްދަދީފައިވާ ކަމަށެވެ.