އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިއަދު ސްރީ ލަންކާއާއި އިންޑިއާ ކުޅުނު މެޗު، ގޯލެއް ނުޖެހި އެއްވަރުވެގެން ނިމުނު އިރު، މެޗުގައި ލަންކާއިން މަސައްކަތްކުރީ ވަގުތު ބޭކާރު ކުރުމަށް ކަމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފިއެވެ.

މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމު އިންޑިއާއިން މި މުބާރާތުގައި ކުޅުނު ދެ މެޗުންވެސް މޮޅު ނުވެވި އިންޑިއާއަށް ފައިނަލަށް ފުރުސަތު ހަނިވެފައިވާ އިރު، މިއަދުގެ ނަތީޖާއާއެކު ލަންކާއަށް ވަނީ ފައިނަލުގެ ފުރުސަތު އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިފައެވެ. އިންޑިއާއިން ފުރަތަމަ ކުޅުނު މެޗުގައި ބަންގުލަދޭޝްއާ 1-1 އިން އެއްވަރުވި އިރު، މެޗުގެ ފަހު ހާފު އެއްކޮށް ބަންގުލަދޭޝްއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުންނެވެ. އަދި މިއަދު އިންޑިއާއިން ނުކުތީ މެޗުގެ ކުރިން މިހާތަނަށް މުބާރާތުގައި ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ ލަންކާއާ ދެކޮޅަށެވެ.

"މެޗާ ގުޅޭގޮތުން ދައްކަން މާ ބޮޑު ވާހަކަތަކެއް ނެތް ދައްކާކަށް. ސްރީލަންކާއިން ބޮޑަށް ބެލީ ވަގުތު ގެއްލުވާލާނެ ގޮތެއް. ކުޅުމަށްވުރެ ބޮޑަށް ލަންކާއިން ވިސްނީ އެކަމަށް. އަހަންނަށް ގަބޫލެއް ނުކުރެވޭ އަހަރެމެންނަށް ގޯލެއް ނުޖެހުމެއް. އިންޑިއާއިން މާ ބޮޑަށްވެސް ރަނގަޅަށް ކުޅުނު. ރަނގަޅު ޕާސްތަކަކާއެކު ކުޅުނީ. އެހެންނަމަވެސް ގޯލެއް ނުޖެހުނު. އަހަންނަށް އެހާ ޝައުގުވެރި މެޗެއް ނޫން މިއަދު މި ކުޅުނީ. އެއީ މިފަދަ ދެކުނު އޭޝިއާގެ ފުޓުބޯޅައަށް މުހިއްމު މުބާރާތެއްގައި ރަނގަޅު މެޗެއް ކުޅުމަށް މަސައްކަތް ކުރަން ޖެހޭނީ. މާ ބޮޑަށް ފަހަތަށް ޖެހި ފަހަތުގައި ތިބުން އެއީ ރަނގަޅު ގޮތެއް ނޫން،" އިންޑިއާގެ ކްރޮއޭޝިއާ ކޯޗު ސްޓިމަކް ބުނެފައިވެއެވެ.

ސްޓިމަކަށް އިންޑިއާގެ ސަޕޯޓަރުންގެ ބޮޑު ފާޑުކިޔުންތަކެއްވެސް މިހާރު އަންނަމުންދާ އިރު، އޭނާ ވަނީ އިންޑިއާ ޓީމުގެ މައްސަލައެއް އުޅޭ ކަމަށް ގަބޫލުކުރަން އިންކާރު ކޮށްފައެވެ. ސްޓިމަކް ބުނީ މޮޅެއް ނުހޯދި އިންޑިއާ އޮތް ނަމަވެސް އަދި މައްސަލައެއް ނެތް ކަމަށާއި އިންޑިއާއަށް ދެމެޗުންވެސް މަދުވަނީ ގޯލު ކަމަށެވެ. އަދި މެޗުގެ ނަތީޖާގެ އިތުރުން "ސްޓެޓްސް"އާއި ކުޅުންވެސް އޭނާއަށް މުހިންމު ކަމަށް ބުންޏެވެ.

"ދެ މެޗުންވެސް ފެނުނީ އިންޑިއާއިން މާ ބޮޑަށްވެސް ޑޮމިނޭޓުކޮށް ކުޅުނުތަން. އިންޑިއާއަކީ މޮޅު ޓީމުކަން ދެ މެޗުންވެސް ފެނުނު. ހަމައެކަނި މަދުވަނީ ގޯލު. އަހަންނަށް ދަނޑު މައްޗަށް އަރައި ގޯލެއް ނުޖެހޭނެ. ގޯލެއް ނުޖެހުން އެއީ މައްސަލައަކީ. ފިޓްނެސް ނޫނީ އެޓިޓިއުޑު މައްސަލައެއްވެސް ނެތް. ނަތީޖާ އެކަންޏެއް ނޫން މުހިންމީ. ސްޓެޓްސްވެސް އަހަންނަށް މުހިންމު،" ސްޓިމަކް ބުންޏެވެ.

ކުރިން ކްރޮއޭޝިއާ ގައުމީ ޓީމަށް 50 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ސްޓިމަކް ބުނެފައި ވަނީ ބައެއް ފަހަރު ފަސޭހަ މެޗުތައް އުނދަގޫވާނެ ކަމަށާއި އުނދަގޫ މެޗުވެސް ފަސޭހަ ވެދާނެ ކަމަށެވެ. އަދި ދެން އޮތް ދެމެޗުންވެސް މޮޅުވެ ފައިނަލަށް ދާނެ މަގު ތަނަވަސްވެފައި އޮތުމަކީ ހިތްވަރެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ސްޓިމަކް ބުނެފައި ވަނީ ނޭޕާލާއި ރާއްޖެއަކީ ފަހަތުގައި މަޑުކޮށްގެން ކުޅޭ ދެ ޓީމު ނޫން ކަމަށާއި އެ ދެމެޗުން މޮޅުވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އިންޑިއާއިން ދެން މުބާރާތުގައި ނޭޕާލާ ދެކޮޅަށް ނުކުންނާނީ މިމަހު 10 ވަނަ ދުވަހުގެ ރޭގައެވެ.