ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ރޭ މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޕީޖީ ގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު މިއަދު "ވަން" އަށް ވިދާޅުވީ، ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ރޭ މަރުވި މައްސަލަ އެ އޮފީހުން މިހާރު ބަލަމުން އަންނަ ކަމަށާއި، އަދި މައްސަލަ ބަލާފައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"އަޅުގަނޑުމެން މައްސަލަ ބަލަމުން މިދަނީ، އަދި މައްސަލަ ބަލައި އެކަމާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން." ޝަފީއު ވިދާޅުވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިސަރު ޔުސްރީން ރޭ "ވަން" އަށް ވިދާޅުވީ، ރޭ 7:00 ގައި ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އިމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެމުންދިޔަ ގައިދީއަކު ހާލު ދެރަވެ، އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަނިކޮށް މަރުވެފައިވާ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރޭ މަރުވި މީހާއަކީ މ. މަލަސް, އިސްމާއީލް ޝަބީން، 46، އެވެ.
ޝަބީން އަކީ މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތި ވިޔަފާރި ކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން މާލޭ ޖަލުގައި ބަންދުގައި ހުރި މީހެއް ކަމަށާއި، އަދި އޭނާއަކީ ހަކުރު ބަލި (ޑައިބެޓިކް) ހުންނަ މީހެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.