އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ، އަބްދުﷲ ޝާހިދުގެ ރިޔާސަތުން މުޅި ދުނިޔެއަށް ފަތުރައްވާ އުންމީދުގެ ފަސް ދޯދިން ރާއްޖޭގެ ގައުމީ މައްސަލަތަކާ ގުޅިފައިވާ ކަންބޮޑުވުންތަކަށްވެސް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ ޝާހިދުގެ ޝަރަފުގައި ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު ޝާހިދު ރާއްޖެ ވަޑައިގެންނެވީތީ ޝުކުރު އަދާ ކުރައްވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މަގާމު ދިވެއްސަކު ފުރުއްވަމުން ގެންދަވާ ކަމީ ކޮންމެ ދިވެއްސަކަށް ވެސް ލިބޭ ފަހުރަކާއި ޝަރަފެއް ކަމަށެވެ.

ކޮވިޑުން މިންޖުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާއި އެހެން ގައުމުތަކުގެ ތަޖުރިބާ ރާއްޖެއަށް މުހިންމުކަން ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ. އަދި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި ކުރިއަރާފައިވާ ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އދ. ގެ މަޖިލީހަކީ އެންމެންގެ ހައްގުތަކަށް އިހުތިރާމުކުރާ، އަދި މިހާރަށް ވުރެ އިންސާފުވެރި ހަމަހަމަ އުސޫލަކުން ހުރިހާ ގައުމުތަކާ މެދު މުއާމަލާތުކުރެވޭ މުއައްސަސާއަކަށް ވުމަކީވެސް ރާއްޖެއިން އެދޭކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު ހަރުދަނާ ގުޅުމަކުން ގުޅިފައިވާކަމުގެ ނިޝާނެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ އުންމީދުގެ ރިޔާސަތުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި މިހާރަށް ވުރެވެސް، ކުލަގަދަ ގޮތެއްގައި ރާއްޖޭގެ ނަން ފެވިގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު މެންދުރުފަހު ބޭއްވި މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ޝާހިދުގެ ދެކަނބަލުންގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.