ދިވެހި ދައުލަތުން އެރުވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބަކީ އޭނާ ފަދަ ނިކަމެއްޗަކަށް ހައްގު އިއްޒަތެއް ނޫން ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވީ ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، އޭނާއަށް ދެއްވި މަތިވެރި އިއްޒަތަކީ އޭނާ ފަދަ ނިކަމެއްޗަކަށް ހައްގު އިއްޒަތެއް ނޫން ކަމަށާއި ރައީސް ސޯލިހު އެ އިއްޒަތް އޭނާއަށް ދެއްވީ އެމަނިކުފާނުގެ ހިތްޕުޅުގައިި ގައުމިއްޔަތަށް އޮތް ވަރުގަދަ ލޯތްބެއްގެ ސަބަބުން ކަމަށެވެ. އަދި އެ އިއްޒަތް ބަލައިގަންނަނީ އޭނާއާއެކު މަސައްކަތްކުރެއްވި ބޭފުޅުންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރައްވައި، ރާއްޖެއަށް ރައީސް ސޯލިހުގެ ޒައާމަތުގައި އަންނަ ކުރިއެރުންތައް ބަލައިގަންނަމުން ކަމަށްވެސް ވިދާޅުވިއެވެ.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ ދިވެހިންނަށް ލިބުނު ފަހުރަކާއި ޝަރަފެއް ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ނިއުޔޯކުގައި ހުންނަ އދ. ގެ މަޖިލީހުގެ ހެޑްކުއާޓަރުގައި ރާއްޖޭގެ ދިދަ ވިހުރެން ފެށިތާ 56 އަހަރު ތެރޭ އެ މަޖިލީހުގެ ރިޔާސަތުގައި ދިވެއްސަކު އިނުމަކީ ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތުން ދުނިޔޭގެ ގައުމުތަކުން ނުދެކޭ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އެ ކާމިޔާބީގެ ފަހަތުގައި ވަނީ ދިވެހި ސަރުކާރުތަކުން ކުރައްވާފައިވާ ބޮޑެތި މަސައްކަތްތަކާއި ރައީސް ސޯލިހުގެ ޒައާމަތުގައި ދުނިޔެއާ ގުޅިލާމެހުމުގެ ރަނގަޅު ނަތީޖާ ކަމަށްވެސް ވިދާޅުވިއެވެ.
"މަނިކުފާނު (ރައީސް ސޯލިހު) ރާއްޖޭގެ ރިޔާސަތާ ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖެއަކީ ބިކަވެ ބާކީވެ، އެކަހެރިވެފައިވާ ގައުމެއް. އަޅުގަނޑުމެން އދ.ގެ ސަލާމަތީ މަޖިލީހަށް ހޮވުމަށް މަސައްކަތް ކޮށް، ބޮޑުތަނުން ބަލިވެފައި އޮތް، ނިކަމެތިވެފައި އޮތް ގައުމެއް. ނަމަވެސް މަނިކުފާނު ރިޔާސަތާ ހަވާލުވެ ވަޑައިގަތުމަށްފަހު، އެ ނިންމެވި ހާރިޖީ ސިޔާސަތުގެ ސަބަބުން ދުނިޔެއާ ގުޅި ލާމެހެން ބޭނުންވެފައިވާ ކަން ގަބޫލުކުރައްވައި އެ ނިންމެވި ނިންމެވުމުގެ ސަބަބުން އަޅުގަނޑުމެންގެ ދިދަ، މިއަދު ވިހެރެމުން އެދަނީ ދުނިޔޭގެ އެންމެ އުސް ކުރިބޯށީގައި،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އެކަމަކީ ދިވެހި ލޭ ހިނގާ ކޮންމެ ރައްޔިތަކު ފަހުރުވެރިވާން ޖެހޭ ހަގީގަތެއް ކަމަށާއި އެއީ ވަކި ރައްޔިތަކަށް ލިބޭ ފަހުރެއްވެސް ނޫން ކަމަށެވެ. އަދި އެއީ އޭނާއަށްވެސް ހައްގު ތައުރީފެއް ރައްދުވާން ޖެހޭ ކަމެއް ނޫން ކަމަށާއި އެކާމިޔާބީގެ ފަހަތުގައި ވަނީ ދިވެހި ރައްޔިތުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު