އޮސްކާ ބްރޫޒޯންއަކީ ދިވެހި ފުޓުބޯޅައަށް އާ މޫނެއް ނޫނެވެ. ދުރުދުރުން އެވާހަކަ ދައްކާނެ ކަމެއްވެސް ނެތެވެ. އޮސްކާ ދިވެހީންނަށް ފަރިތަވީ ނިއު ރޭޑިއަންޓުންނެވެ. 2017 ވަނަ އަހަރު ރާއްޖޭގެ ނިއު ރޭޑިއަންޓާއެކު އެއް ސީޒަނެއްގައި ޕްރެސިޑެންޓްސް ކަޕާއި ދިވެހި ލީގު އަދި އެފްއޭ ކަޕްވެސް އޮސްކާ ވަނީ ކާމިޔާބުކޮށްފައެވެ. އެފަހަރު ސީޒަން ނިއުއާއެކު އޮސްކާ ނިންމާލީ މެޗަކުން ބަލި ނުވެއެވެ. ރާއްޖޭގައި ހޭދަކުރި މުއްދަތުގައި އޮސްކާ ފެނުނީ އިހުތިރާމު ކުރާ، އެތައް ބައެއްގެ ލޯބި ހޯދި "ކެރެކްޓާ"އެއްގެ ގޮތުގައެވެ. ހާއްސަކޮށް ރާއްްޖޭގެ ފުޓުބޯޅަ އާއިލާއަކީ އޮސްކާގެ ގާތް ރަހުމަތްތެރިންނެވެ. ރާއްޖޭގެ ފުޓުބޯޅައިން އަބަދުވެސް އޮސްކާ ބަލައި ގަންނާނެއެވެ.
ނިއުގެ ދުވަސްތަކަށް ފަހު ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސްއާއެކު އެގައުމުގެ ލީގުގައި ކާމިޔާބީތަކެއް ހޯދި އޮސްކާ، އެގައުމުގެ ގައުމީ ޓީމާ ހަވާލުވީ ސީދާ ސާފް ޗެމްޕިއަންޝިޕަށެވެ. ބަންގުލަދޭޝް ފެޑަރޭޝަނުގެ ވިސްނުން ހުރީ ސީދާ ސަރަހައްދީ ތަޖުރިބާގެ ކޯޗަކާ ޓީމު ހަވާލުކުރުންކަން ޔަގީނެވެ. އެ ތަޖުރިބާ އޮސްކާގެ ފަރާތުން މިހާތަނަށް، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ފެނިއްޖެވެސް މެއެވެ. ފުރަތަމަ މެޗުގައި ސްރީލަންކާ ބަލިކޮށް، ދެވަނަ މެޗުގައި އިންޑިއާއާވެސް އެއްވަރުކޮށްފިއެވެ. ފައިނަލެއްގެ އުންމީދުގައި ދެން މިރޭ ނުކުންނާނީ ދިވެހިރާއްޖެއާ ދެކޮޅަށެވެ. މިރޭގެ މެޗު އޮސްކާއަށް ހާއްސައެވެ. ރާއްޖޭގައި ތިބީ އޭނާގެ ރައްޓެހިންނަށްވާތީއެވެ. ނަމަވެސް ތަޖުރިބާގެ އަލީގައި ރާއްޖެ ބަލިކުރުން ނޫން ވިސްނުމެއް އޮސްކާގެ ނެތެވެ.
"އަހަންނާ އަބަދުވެސް ވަރަށް ބޮޑަށް ގުޅިފައިވާ ބައެއް ދިވެހީންނަކީ. ދިވެހި ފުޓުބޯޅައަކީ. މިރޭގެ މެޗަކީ ޖަޒުބާތީ މެޗެއް. އެފްއޭއެމްގެ ރައީސް ބައްސާމް. ކޯޗު އަލީ ސުޒޭންއާ އަހަރެން ގުޅުން ބޮޑުވާނެ. ކުުޅުންތެރިންގެ ވާހަކަދައްކަން ނުޖެހޭނެ ކަންނޭނގެ. އެއީ ރާއްޖޭގެ ހަތެއް ނޫނީ އަށް ކުޅުންތެރިން އެއީ އަހަރެންގެ ރަހުމަތްތެރިން. އަހަރެންގެ ގުޅުންވެސް ބަރާބަރަށް އޮވޭ. އަހަރެން ގުޅުން ބަދަހި އިމްރާނަކީ ގޯލްކީޕަރު ކޯޗު. ނަމަވެސް 90 މިނެޓަށް އަހަރެން ހަނދާން ނައްތާލަންޖެހޭ މި ހުރިހާ ކަމެއް. މި ފަހަރު އަހަރެމެން އެބަޖެހޭ ފައިޓްކުރަން. ރަހުމަތްތެރިންނާ ފައިޓުކޮށްގެން މޮޅުވާން އެބަޖެހޭ. އަހަރެމެންނަކީ ޕްރޮފެޝަނަލުން. އެހެންވީމަ ޝައްކެއްވެސް ނެތް އަހަރެންގެ ތަޖުރިބާގެ ބޭނުންކޮށްގެން މޮޅުވާން މަސައްކަތް ކުރާނީ،" އިއްޔެގެ ޕްރެސްގައި ވާހަކަދައްކަމުން އޮސްކާ ބުނެފައިވެއެވެ.
އޮސްކާ ފާހަގަކުރީ ރާއްޖެއަކީ އެޓޭކިން ފުޓުބޯޅައެއްގެ ގައުމެއް ކަމަށާއި އެއީ ރާއްޖޭގެ ފުޓުބޯޅައާ އޭނާ ގަޔާވާ އެއް ސަބަބު ކަމަށެވެ. ނަމަވެސް ޑިފެންސްގެ މައްސަލަތައް އަބަދުވެސް ރާއްޖެއަށް އޮންނަ ކަމަށާއި ފައިދާ ނަގާނީ ޑިފެންސުން ކަމަށް އޮސްކާ ވަނީ ނުސީދާކޮށް ފާހަގަކޮށްފައެވެ.
"އަހަރެން ވަރަށް ގަޔާވޭ އެ ކަހަލަ އެޓޭކިން ފުޓްބޯޅަ ކުޅޭ ވިސްނުމުގެ ޓީމުތަކާ، އަހަންނަށް ރާއްޖެ ކަމުދާ އެއް ސަބަބު ރާއްޖޭގެ ފުޓްބޯޅަ ފިލޯސަފީ މި އޮންނަނީ އެޓޭކިން ފުޓްބޯޅަ ކުޅެން. އެކަމަކު އަބަދުވެސް ސުވާލަކީ ޑިފެންސް. ދެބަހެއް ނުވާނަން ޑިފެންސުން ފައިދާ ނަގަން ނުވިސްނާ ކަމަކަށް،" އޮސްކާ ބުންޏެވެ.
އޮސްކާ ފާހަގަކުރީ ރާއްޖޭގެ އެޓޭކިން ހަތަރު ކުޅުންތެރިޔަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެއީ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ހުއްޓުވަން ޕްލޭންތަކެއް ހަދާ އިރު، ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަކީ މުބާރާތުގައި ކުޅޭ އެންމެ ޓެކްނިކަލީ ރަނގަޅު ކުޅުންތެރިން ކަމަށެވެ.
ބަންގްލަދޭޝް އިން އެންމެ ފަހުން ރާއްޖެ އަތުން ސާފް ޗެމްޕިއަންޝިޕްގައި މޮޅުވީ 2003 ވަނަ އަހަރުގެ މުބާރާތުގައެވެ. އޭގެ ފަހުން 2011 އާއި 2015 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެ ވަނީ ބަންގްލަދޭޝް ބަލިކޮށްފައެވެ. ރާއްޖެއާއި ބަންގުލަދޭޝް ވާދަކުރާ މެޗު މިރޭ އޮންނާނީ 9:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު