ރާއްޖެއިން ބަންގްލަދޭޝަށް އެސްޓްރަޒެެނެކާ ވެކްސިންގެ ދެ ލައްކަ ޑޯޒު ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބުނީ، ދިވެހި ސަރުކާރުގެ ފަރާތުން އިއްޔެ 201،600 އެސްޓްރަޒެނެކާ ވެކްސިން ހަދިޔާ ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުގެ ދެމެދު އިއްޔެ ސޮއިކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ކަމަށާއި ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ހައިކޮމިޝަނުން ބުނީ، ރާއްޖެއިން ހަދިޔާކުރި ވެކްސިން މާދަމާގެ ވަގުތެއްގައި ދަކާސްތާ ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓަށް ފޯރާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ހެލްތު މިނިސްޓްރީ އަށް ގުޅުމުން އެ މައުލޫމާތު ދެއްވާނީ މިިނިސްޓަރު ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިނިސްޓަރު މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުން، ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ.