އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯގެ މާޓީވީން އަޅުވާ ގޮތަށް ހަމަޖައްސައިފިއެވެ.

ބޮޑުތަކުރުފާނު މަގު އުސްފަސްގަނޑާވީ ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ މާޓީވީން ރާއްޖޭގެ މެޗުތައް އަޅުވަން ސްޓެލްކޯއިން ނިންމީ، ގައުމީ ރޫހު އިތުރަށް އާލާކޮށް، ވީހާވެސް ގިނަބަޔަކަށް ރާއްޖެ ކުޅޭ މެޗުތައް ބެލޭނެ އިންތިޒާމުތައް ހަމަޖައްސުމަށެވެ.

ސްޓެލްކޯއިން ބުނީ ގައުމީ މިފަދަ ކޮންމެ ކަމެއްގައި ބައިވެރިވެ، ރައްޔިތުންނަށް ފަސޭހަކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ، އެކުންފުނި ވެސް އޮތީ ގައުމީ ފުޓްބޯޅަ ޓީމާ އެކުގައި ކަމަށާއި އުންމީދަކީ މިފަހަރު ރާއްޖެއަށް ތަށި ދިފާއު ކުރެވުން ކަމަށެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިރޭ ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވެއްޖެ ނަމަ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް ވަރަށް ހަނިވާނެއެވެ.