ހުޅުމާލޭ ސެންޓްރަލް ޕާކުގައި އަޅާ މިސްކިތް ފަރުމާކުރުމުގެ މުބާރާތުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިމާނު ހަވާލުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ)އިން މިއަދު ބުނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އަޅާ މިސްކިތަކާއި އިސްލާމިކް ސެންޓަރު ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ވަނަތަކަށް ހޮވުނު ފަރާތްތަކުގެ އަގު ވަޒަންކޮށް މިއަދު އިނާމު ހަވާލު ކޮށްފައިވާ ކަމަށެވެ.

އެ ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވަނީ އެޗްޑީސީގައި މިއަދު ބޭއްވިި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

މި މުބާރާތުން އެއް ވަނައަށް ހޮވިފައި ވަނީ މާއި ޑިޒައިން ޕްރައިވެޓް ލިމިޓެޑެވެ. ދެވަނައަށް އައިޝަތު ރާސިއާ ހުށަހަޅާފައިވާ ކުރެހުން ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ އިންސައިޑް ޕްލަސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ކުރެހުމެވެ.

މި މުބާރާތުގެ އެއްވަނައަށް 300،000 ރުފިޔާގެ އަގުހުރި އިނާމެއް ވަނީ ކަނޑައަޅައިފައެވެ.

އެޗްޑީސީން ބުނީ، އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދިޔަ އެ ޑިޒައިން މުބާރާތަކީ ދިވެހި ސަގާފަތާ ގުޅޭ އިހުގެ މިސްކިތްތަކުން މިސާލު ނަގައިގެން ޑިޒައިން ކުރުމުގެ ފުރުސަތު ދިވެހި އާކިޓެކްޓުންނަށް ދިނުމުގެ ބޭނުމުގައި ހިންގި މުބާރާތެކެވެ.

މަޝްރޫއު އަދި ޑިޒައިން މުބާރާތުގެ ދަށުން ފަރުމާކޮށް ބިނާ ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ ކޯޓްޔާޑާ އެކު 2500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި އިސްލާމިކް ސެންޓަރުގައި ލައިބްރެރީއެއްގެ އިތުރުން މީޓިން ރޫމް ފަދަ ތަންތަން ހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.