ހަމަ އެކަނި މާލޭ ސަރަހައްދުގައި ކޮނޑުޖަހައިގެން އުޅެން ވެއްޖެ ނަމަ ފަތުރުވެރިކަން ބިންދައިގެން ހިނގައިދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ ވަން މީޑިއާ ގުރޫޕުގެ ވަން ޕްލަސް އިން ގެނެސްދޭ "ވަން އެކްސްކްލޫސިވް" ގައި ދެއްކެވި ވާހަކައިގަ އެވެ.

މިނިސްޓަރު ވިދާޅުވީ، މާލެއިން އުތުރު (ތިލަދުންމަތި)، (ހއ، ހދ) އަކީ ފަތުރުވެރިކަން ކުރިއަށްގެންދަން ބޭނުންވާ މުހިންމު ސަރަހައްދެއް ކަމަށެވެ. އެ ސަރަހައްދުގެ ބައެއް ރަށްރަށަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށްވެސް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، ލަފާކުރެވޭ ގޮތުގައި 2023 ހިސާބުގައި ފަތުރުވެރިކަން ވަރަށް ބޮޑަށް ފަހިވެގެންދާނެ އެވެ. ތިލަދުންމަތީން އެކަމުގެ ހެކި މިހާރު ފެނިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިހާރުވެސް ތިލަދުންމަތީގެ ބައެއް ރަށްރަށަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށެވެ.

"އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި 2023 ހިސާބުގައި ތިލަދުންމަތީގައި ފަތުރުވެރިކަން ވަރަށް ފަހިވެގެންދާނެ. އެކަން ފެނޭ މިހާރުވެސް. ތިލަދުންމަތީގެ ބައެއް ރަށްރަށަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ވަރަށް ބޮޑު." މިނިސްޓަރު ވިދާޅުވިއެވެ.

"ތިލަދުންމައްޗަކީ ފަތުރުވެރިކަން ކުރިއަށްގެންދަން ބޭނުންވާ ސަރަހައްދެއް. އަނެއްހެން ބަލާއިރު ފަތުރުވެރިކަން މުޅި ރާއްޖެއަށް އޮންނައިރު، ހަމަ އެކަނި މާލެ ސަރަހައްދަށް ކޮނޑު ޖަހައިން ނަގައިން އުޅެންވެއްޖެއްޔާ ފަތުރުވެރިކަން ބިންދައިގެން ހިނގައިދާނެ. އެހެންވީމަ އުތުރުގައިވެސް އެބަ ޖެހޭ ކޮނޑު ޖަހަން." މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ތިލަދުންމަތީ ސަރަހައްދަށް އެކަށީގެންވާ ކުރިއެރުމެއް ލިބޭނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އޭގެ މައުނަވީ ގޮތެއްގައި ހިނގައިގަތީމަ ކަމަށެވެ. އަދި މާލެއިން އުތުރު، ތިލަދުންމަތިވެސް ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކަމަށާއި، އެއީ މިއަހަރުގެ ނަންބަރު ވަން މާކެޓް ކަމަށެވެ. އެގޮތުން އިންޑިއާ މާކެޓާ އެންމެ ގާތީ ތިލަދުންމަތި ކަމަށާއި، އެހެންކަމުން މަތިންދާ ބޯޓުގައި ކުރާން ޖެހޭ ދަތުރުގެ ވަގުތަށް ބަލާއިރުވެސް ވަރަށް ބޮޑު ކަންތައްތަކެއް ސަލާމަތް ވާ ކަމަށް ވިދާޅުވިއެވެ.

"ތިލަދުންމަތީ ސަރަހައްދަށް އެކަށީގެންވާ ކުރިއެރުމެއް ލިބޭނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އޭގެ މައުނަވީ ގޮތެއްގައި ހިނގައިގަތީމަ. މުސްތަގުބަލުގައި އަޅުގަނޑުމެންނަށް މި ފެންނަނީ މާލެއިން އުތުރު، ތިލަދުންމަތިވެސް ހަމަ ބޮޑު ކުރިއެރުމެއް ހޯދާތަން. އެއީ މިއަހަރު އަޅުގަނޑުމެންގެ ނަންބަރު ވަން މާކެޓް. އިންޑިއާ މާކެޓާ އެންމެ ގާތީ ތިލަދުންމަތި. އެހެންކަމުން މަތިންދާ ބޯޓު ދަތުރުކުރާ ވަގުތުންވެސް ވަރަށް ބޮޑު ކަންތައްތަކެއް ސަލާމަތްވޭ." މިނިސްޓަރު ވިދާޅުވިއެވެ.