ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރުމަށް، ޕޮލިސް ބޯޑުން ނިންމި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
އޮފިސަރުންތަކެއް ވަކި ކުރުމަށް އޯގަސްޓް ނުވައެއްގައި ބޯޑުން ނިންމައި އެކަން ތަންފީޒު ކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެ ނަންތައް ވަނީ ފޮނުވައިފައެވެ.
ވަކިކުރަން ނިންމި އޮފިސަރުންގެ ތެރެއިން، އެސިސްޓަންޓް ކޮމިޝަނަރު އަހްމަދު މުހައްމަދާއި މުހައްމަދު ޖަމްޝީދާއި، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމާއި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި މުހައްމަދު ދާއޫދު ގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅީ ދިވެހި ޗެމްބާޒްގެ ފަރާތުންނެވެ.
ދިވެހި ޗެމްބާސްގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެމީހުން ވަކި ކުރަން ނިންމާފައި ވާއިރު، އަމިއްލަ ދިފާއުގައި ބަސް ބުނުމަށާއި، ޖަވާބުދާރީ ވުމުގެ ފުރުސަތު ލިބިދީފައި ނުވާ ކަމަށެވެ.
އެކަމުގެ ސަބަބުން އެ އޮފިސަރުންގެ ގެއްލިފައިވާ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކުގެ ހިމާޔަތުގަ އާއި އެ އޮފިސަރުންނާ މެދު ކަން ކުރެވިފައިވާ އިޖުރާއަތްތަކަށް ބަލާއިރު ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އިޖުރާއީ ގޮތުން ހުރުމުން އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، މައްސަލަ ކޯޓަށް ބަލައިގެންފައިވާ ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ މައްސަލައަށް ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެ ފަރާތްތައް ވަޒީފާއިން ވަކި ކުރުމާގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، އެ ފަރާތްތަކުގެ ވަޒީފާ އަދާ ކުރުގެ ހައްގަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށާއި، ޕޮލިސް ބޯޑު އަދި ކަމާ ގުޅޭ އެއްމެހާ ފަރާތްތަކުގެ މައްޗަށް އަމުރު ކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ދިވެހި ޗެމްބާސްގެ ފަރާތުން ކޯޓަށް ވަނީ ހުށަހަޅައިފައެެވެ.
ދިވެހި ޗެމްބާސްއަކީ ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތުގެ ލޯފާމެވެ.