ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އައްޑޫގައި ދިރިއުޅުއްވާ ގޭގައި އަލިފާން ރޯކޮށްލަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އަސްލަމް އައްޑޫ އަށް ވަޑައިގެން ދިރިއުޅުއްވަނީ އޭނާގެ އަނބިކަނބަލުންގެ ގޭގަ އެވެ. އެގޭގައި ރޭ ދަންވަރު ބަޔަކު ރޯކޮށްލަން ވަނީ މަސައްކަތް ކޮށްފައި ކަމަށްބުނެ ސޯޝަލް މީޑިއާގައި ވަނީ ފޮޓޯތަކެއް ދައުރުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އައްޑޫ ސިޓީ ގެއެއްގައި ރޯކޮށްލަން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:45 ގައި ލިބިފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

އަސްލަމްގެ ގޭގައި ރޯކޮށްލަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައި ނުވަނީ ރެއަކީ އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭ ވެހުނު ރެއަކަށް ވުމުން ކަމަށް ބައެއް މީހުން ސޯޝިއަލް މީޑިއާގައި ވަނީ ބުނެފަ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯކޮށްލުމަށް އެގޭގެ ދޮރުތަކަށް ވަނީ ތެޔޮ ޖަހާފަ އެވެ. އަދި ރޯކޮށްލި ނަމަވެސް ހުޅުގަނޑު ބޮޑަށް ނުފެތުރި ނިވިފައިވާ ގޮތަށް ފޮޓޯތަކުން ފެނެ އެވެ.

އަސްލަމްގެ ގޭގައި ރޯކޮށްލަން އުޅެފައި މިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މެންބަރު އަސްލަމަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

ބައެއް ފަރާތްތަކުން ވަނީ އަސްލަމް ގޭގައި ރޯކޮށްލީ ނާޒިލް ކަމަށް ވެސް ތުހުމަތު ކޮށްފަ އެވެ.