ޚަބަރު

ތާރީހީ ބަދަލެއް: ޖަލަށް ލުމުގެ ބަދަލުގައި މުޖުތަމައަށް ހިދުމަތް ކުރުމަށް ހުކުމް ކޮށްފި

މުހައްމަދު އިޝާން

1

ޖަލު ހުކުމުގެ ބަދަލުގައި މުޖުތަމައުއަށް ހިދުމަތް ކުރުމުގެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ ޖަލު ހުކުމުގެ ބަދަލުގައި މުޖުތަމައަށް ހިދުމަތް ކުރަން ރާއްޖޭގައި ހުކުމްކުރި ފުރަތަމަ ފަހަރެވެ.

އެ ހުކުމް ކޮށްފައި ވަނީ، ބިދޭސީ ދެމީހެއްގެ މައްޗަށެވެ.

މައްސަލައިގައި ހިމެނޭ ދެ ބިދޭސީންނަކީ ކޮވިޑް-19އިގެ ސަބަބުން ކައިބޮއި ހަދާނެ ގޮތެއް ނެތި ނިކަމެތިވި ދެ މީހުންނެވެ. އެހެންކަމުން ފައިސާ ހޯދުމަށް އެ ދެ ބިދޭސީން ވަނީ ލިޓަސް ސެންޓަރަށް ވަދެ ވައްކަންކޮށްފަ އެވެ. ލިޓަސް ސެންޓަރަށް ވަދެ ވައްކަން ކޮށްފައިވަނީ އެހެންވެ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ. އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމާއި ވައްކަމާއި މުދަލަށް ގެއްލުން ދިނުމާއި އެހެން މީހެއްގެ މުދަލަށް ބާރު ހިންގުމުގެ ދައުވާ ދައުލަތުން ވަނީ އެ ދމީހުންގެ މައްޗަށް ކޮށްފަ އެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދެ މީހުން ވަނީ ކުށަށް އިއުތިރާފުވެ އެކަމާ ދެރަވާ ކަމަށް ބުނެފަ އެވެ. އެހެންކަމުން ދެން އެ މައްސަލަ ބެއްލެވީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ.

ދައުލަތުން ކޮށްފައިވާ ބައެއް ދައުވާތަކަށް އެ ދެ މީހުންނަށް ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. ދެ ދައުވާއަކާ ގުޅިގެން ޖަލު ހުކުމާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ކަނޑައެޅި އެވެ. މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު އިއްވާފައި ވަނީ، އެއް ބިދޭސީއެއްގެ މައްޗަށް އޭނާ ކުރި ވައްކަމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އަދަބަކަށާއި އަނެއް މީހާގެ މައްޗަށް އުފުލި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއަށެވެ.

އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ އަދަބަކަށް އޮތީ, ގާނޫނުލްއުގޫބާތު އޮތް ގޮތުން އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދަބުގެ މިންވަރު ދަށްވެފައިވަނީ އިއުތިރާފުވެފައިވާތީ އެވެ. އަދި އޭނާގެ ކުށުގެ ރިކޯޑެއް ނެތުމުގެ ސަބަބުންނެވެ.

ދެވަނަ މީހާގެ މައްޗަށް ސާބިތުވި ވައްކަން ކުރުމުގެ ބައިވެރިވުމުގެ ދައުވާގެ އަދަބަކަށް އޮތް މިންވަރަކީ ވެސް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންވެ، ކްރިމިނަލް ކޯޓުން ހުކުމް ކުރީ އަދަބުގައި އޮންނަ 24 ދުވަހުގެ ބަދަލުގައި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ކަނޑައަޅާށެވެ. މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ކަނޑައަޅަން ޖެހެނީ އުސޫލުގައިވާ ގޮތުން, ޖަލު އަދަބާއެކު, އެ އަދަބު ކުޑަ ވާނެ ގޮތަށެވެ.

އެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު އެވެ. ގާޒީ އާދަމް މުހައްމަދު އިއްވެވި ހުކުމްގައިވާ ގޮތުން 24 ދުވަހުގެ ޖަލު ހުކުމުގެ ބަދަލުގައި ދެ މީހުން ވެސް 137 ގަޑިއިރަށް މުޖުތަމައަށް ހިދުމަތް ކުރަން ޖެހޭނެ އެވެ. އަދި, އެކަން ކަރެކްޝަނަލް ސާވިސް އިން ތަންފީޒުކުރަން ވެސް ޖެހޭނެ އެވެ. ކަރެކްޝަންސް އިން އެ ދެ މީހުން ލައްވައި ކުރުވާ މަސައްކަތަކީ ގާތުން ބަލައި މޮނީޓާ ކުރެވޭނެ ފަދަ މަސައްކަތަކަށް ވާން ޖެހޭނެ އެވެ. އަދި, ކަނޑައެޅި 137 ގަޑިއިރަށް އެމީހުން އެ މަސައްކަތްކޮށް ނިމުމުން ހުކުމް ތަންފީޒު ވީ ކަމަށް ބެލެވޭނެ އެވެ.

ކުށް ސާބިތު ވާ މީހުން މުޖުތަމައަށް ހިދުމަތް ކުރުމުގެ ހުއްދަ ދިނުމަށް ދައުލަތުން ވަނީ ދެކޮޅު ހަދައިފަ އެވެ. ދައުލަތުން އެ މައްސަލައިގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، އެ ދެ ބިދޭސީންނަކީ ވެސް އިމިގްރޭޝަންގެ ގަވައިދާ ހިލާފަށް އުޅޭ ދެ މީހުން ކަމަށްވާތީ, ބަންދުން ދޫކޮށްލައިފިނަމަ ފިލައިފާނެ ކަމަށެވެ. އަދި މުޖުތަމައުއަށް ހިދުމަތް ދިނުމުގެ އަދަބާ ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސް އިން ހަދަން ޖެހޭ އުސޫލު މިހާތަނަށް ހަދާފައި ނެތުމުން ހުކުމް ތަންފީޒު ކުރަން އެ އިދާރާއަށް ދަތިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ގާޒީ އާދަމް މުހައްމަދު ވިދާޅުވެފައި ވަނީ، ކަރެކްޝަންއިން ވަކި މުއްދަތެއްގެ ތެރޭގައި ހަދަން ޖެހޭ އުސޫލު ހަދާފައި ނެތުމަކީ ގާނޫނުން ދައުވާ ލިބޭ މީހާއަށް ލިބެން އޮތް ލުޔަކަށް ހުރަކަށް ވެގެން ނުވާނެ ކަމަށެވެ.