ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ މައްސަލައިގައި ދެ ފަރާތުން ހުލާސާ ބަޔާން އިއްވައި ނިންމާލައިފި އެވެ. ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް ކުރުން ކަމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވެއްޖެ އެވެ.
ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުުމުގެ ދައުވާ ޒިޔާދުގެ މައްޗަށް ކުރަނީ ޒިކުރާ މިސްކިތް ހުރި ބިިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލައިގައެވެ. ޒިޔާދުގެ އިތުރުން ދެން އެ މައްސަލައިގައި ދައުވާކުރަނީ އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަންގެ އެއިރުގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށެވެ.
މިއަދު އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވިދާޅުވީ، މިނިސްޓަރެއްގެ ހައިސިއްޔަތުން އެއްބަސްވުމުގެ ޒިންމާ ޑރ. ޒިޔާދު ނަންގަވަން ޖެހޭނެ ކަމަށެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން އެޓާނީ ޖެނެރަލް (އޭޖީ)އޮފީހުން ނުވަތަ އިސްލާމިކް މިނިސްޓްރީގެ ލީގަލް ޓީމުން ނަމަވެސް، ގާނޫނީ ލަފައެއް ޑރ. ޒިޔާދު ހޯއްދަވާފައި ނުވާ ކަމަށެވެ. ޑރ. ޒިޔާދުގެ ފަރާތުން އަމަލު ކުރީ ރައީސް އޮފީހުން އެންގި ގޮތަށް ކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ދައުލަތުން ވަނީ ރައީސް އޮފީހުގެ އެންގެވުމަށް ވަޒީރަކަށް ކޮންމެ ކަހަލަ ކަމެއްވެސް ކުރެވިދާނެތޯ ސުވާލު އުފައްދައިފަ އެވެ. ޒިކުރާ މިސްކިތުގެ މަޝްރޫއު ބީލަމަށް ހުޅުވައި ނުލައި ކުރިއަށް ގެންގޮސް، ޕްރޮޕޯސަލްގައި ވާ އަދަދަށްވުރެ އިތުރަށް ފަންގިފިލާ ހިމަނައިގެން އެއްބަސްވުން ހަވާލުކޮށްފައިވާއިރު، މިއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުންކަން ދައުލަތުން ފާހަގަ ކުރެއްވިއެވެ.
ދައުލަތުން ވަނީ މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައެވެ. ޑރ. ޒިޔާދުގެ ފަރާތުން ވެސް ވަނީ ހުލާސާ ބަޔާން އިއްވައިފަ އެވެ. އޭނާ އެދިވަޑައިގަތީ ކުށް ސާބިތު ވާ ވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި މައްސަލަ ބާތިލުކޮށްދެއްވުމަށެވެ.
އެހެންކަމުން ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރުމެވެ. އެގޮތުން 30 ދުވަސް ތެރޭގައި މި މައްސަލައިގެ ހުކުމް ކުރެއްވުމަށް އަޑުއެހުމެއް ބާއްވަވާނެ ކަމަށް ގާޒީ މުހައްމަދު މިސްބާހު ވިދާޅުވި އެވެ.
މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވަނީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އެ އަޑުއެހުމުގައި ދައުލަތުން ވިދާޅުވެފައި ވަނީ، ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ދައުލަތަށް ގެއްލުން ވާ ގޮތަށް ކަމަށެވެ. އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ވެވުނު އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ޒިޔާދުކަން ފުލުހުންގެ ފޮރެންސިކް ތަހުލީލުތަކުން އެނގޭ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ފައިދާ ނުވާ ކަމަށާއި ފައިދާ ލިބިގެން ދިޔައީ އެސްޖޭ ކޮންސްޓްރަކްޝަނަށް ކަމަށެވެ.
އެއަށް ރައްދު ދެއްވައި ޑރ. ޒިޔާދުގެ ފަރާތުން ވިދާޅުވެފައި ވަނީ، ދައުލަތަށް ގެއްލުން ވާ ގޮތަށް އަމަލުކުރި ކަމަށް ދައުލަތުން ބުންޏަސް، ދައުލަތަށް ގެއްލުންވީ މި ސަރުކާރުން އެއްބަސްވުން ބާތިލު ކުރުމުން ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުން ވެސް އެގޮތަށް ހުކުމް ކޮށްފައިވާ ކަމަށާއި އެ މަޝްރޫއު އެސްޖޭ ކުންފުންޏާ ހަވާލުކުރީ ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން ރައީސް އޮފީހުން ކަމަށެވެ. އަދި ލިޔުންތަކުން އެކަން ފެންނަން އެބައޮތް ކަމަށާއި އެއީ ބަހުސް ކުރެވެން ނެތް މިންވަރަށް ސާފު ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު