"މިއީ ބަންގުލަދޭޝް ފުޓުބޯޅަ، ބަންގުލަދޭޝް ފުޓުބޯޅައިގައި ދިރުން އެބަ އޮތް،" 10 ކުޅުންތެރިންނާއެކު މެޗުގެ ބޮޑު ބައި ކުޅެން ޖެހުނު ނަމަވެސް، އިންޑިއާ އަތުން ޕޮއިންޓެއް ހޯދައި، ޕޯސްޓް މެޗުގައި އޮސްކާ ބްރޫޒޮން ބުންޏެވެ. ބަންގްލަދޭޝް ލީގުގެ ބަޝުންދަރާ ކިންގްސްއާއެކު ޑޮމެސްޓިކް ހުރިހާ ކާމިޔާބީއެއް ހޯދުމަށްފަހު، އޮސްކާ އެގައުމުގެ ގައުމީ ޓީމާ ހަވާލުވީ ސާފަށް ކުޑަ ދުވަސް ކޮޅެއް އޮއްވަ އެވެ. ކުއްލިއަކަށް ގެނައި އެ ބަދަލާއެކު ގައުމީ ޓީމަށް އޮސްކާގެ ފިލޯސަފީ ގެނެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. ސަބަބަކީ އޮސްކާގެ ސްޓައިލަކީ ސްޕެނިޝްގެ ސްޓައިލެއްގެ ތެރެއިން އަންނަ، ޓްރާންސިޝަންތަކުން ފައިދާ ނަގާ ފުޓުބޯޅަ ސްޓައިލަކަށް ވާތީއެވެ.
މިހާތަނަށް ސަރަހައްދީ ކޮންމެ ކްލަބަކަށް އޮސްކާ ދިޔަސް، ބޭނުން ކުރަނީ އެ ސްޓައިލެވެ. ރާއްޖެއަށްވެސް އެ ސްޓައިލް އޭނާ ގެނެސް، ނިއު ރޭޑިއަންޓާއެކު ކާމިޔާބީތައް ވެސް ހޯދިއެވެ. މެޗަކުން ބަލި ނުވެ، ރާއްޖޭގެ ހުރިހާ ތައްޓެއް އޮސްކާ ނިއު ރޭޑިއަންޓާއެކު ހޯދިއިރު، އޭނާއަކީ މިހާރު ދެގައުމެއްގެ ޗެމްޕިއަނެކެވެ. އެއީ ސާފް ދެގައުމެކެވެ. ތިން ގައުމެއްގެ ފުޓުބޯޅަ ތަޖުރިބާ އެބަ އޮތެވެ. ބިދޭސީ ކުޅުންތެރިންގެ އެހީއާ ނުލައި، ގައުމީ ޓީމާއެކު 100 ޕަސެންޓް ލޯކަލް ކުޅުންތެރިން ލައިގެން އޮސްކާ އަށް ތަފާތެއް ދެއްކޭނެތޯ، އެއީ މުބާރާތުގެ ކުރިން އޮތް ސުވާލެކެވެ. ދެ މެޗުން ބަންގުލަދޭޝް ގެނައި އުންމީދާއެކު އެކަމަށް އޭނާ ޖަވާބު ދީފިއެވެ.
ބަންގުލަދޭޝްއަށް ގޮސް، އޮސްކާއަށް މަސައްކަތް ކުރަން ލިބުނީ މަދު ދުވަސް ކޮޅެއްގައި ނަމަވެސް، ގައުމީ ޓީމަށް ހޭނެން މާ ގިނަ ދުވަހެއް ނުނަގާނެ ސަބަބެއް އެބަ އޮތެވެ. ސާފްގެ މެޗުތަކަށް ނެރޭ ފުރަތަމަ 11 އަށް ބަލާއިރު، މެޗަށް ނުކުންނަ ޓީމުގައި ބަޝުންދަރާ ކިންގްސް އަށް މިހާރު ކުޅޭ އަށް ކުޅުންތެރިން ހިމެނެއެވެ. އެ ކުޅުންތެރިންނަކީ މުބާރާތުގައި ބަންގްލަދޭޝް ޓީމުގެ ތަރި ޓޯޕޫ ބާމަން އާއި ގޯލްކީޕަރު އަނީސުރު ރަހުމާން ޒީކޯ، ބިޕްލޯ އަހުމަދު، މަތިން މިއާ، ބިސްވަނަތު ގޯޝް، ބިޝްވަނަތު ގޯޝް، ތާރިގު ކާޒީ އަދި މުހައްމަދު އިބްރާހީމް އެވެ.
އޭގެ ތެރެއިން ގޯލްކީޕަރު އަނީސުރާއި މަތިން މިއާ، ގޯޝް، އަދި ކާޒީއަކީވެސް ކުރިން ގައުމީ ޓީމުގެ އެންމެ ރެގިއުލާ ސްޓާޓިން ކުޅުންތެރިންނެއް ނޫނެވެ. ހާއްސަކޮށް ގޯލްކީޕަރުގެ މަގާމަށް އޮސްކާ އަނީސުރަށް ކުރާ އިތުބާރަކީ ހަމަ ސީދާ ކްލަބުން އުފެއްދި އިތުބާރެއްކަން ފާހަގަކޮށްލެވެ އެވެ.
އިދިކޮޅު ޓީމުގެ ކޯޗުންވެސް ބަންގުލަދޭޝްގެ ޓީމުގައި ބަޝުންދަރާގެ ކުޅުންތެރިން ގިނަކަން ފާހަގަކޮށްފައިވާއިރު، އިއްޔެ މެޗުގެ ކުރިން އިންޑިއާ ކޯޗު ކުރި ސުވާލަކީ ބިދޭސީ ކުޅުންތެރިންނާ ނުލައި، އޮސްކާއަށް ބަންގުލަދޭޝް ތަފާތު ކޮށްލެވޭނެތޯ ކުރި ސުވާލެވެ. އިންޑިއާ ކޯޗު އީގޯ ސްޓިމަކް ކުރި ސުވާލަށް ޖަވާބު ދޭން އޮސްކާ މި މުބާރާތުގައި ބޭނުން ކުރަނީ ތަފާތު ވިސްނުމެކެވެ. އޭނާ ބަންގްލަދޭޝްގެ ޓީމަށް ގެނައީ ރޫހެކެވެ. އެއީ ދުނިޔޭގެ ލެވެލް އިން ގެނައި ރޫހެކެވެ.
"މިއަދު މިއީ ކޯޗަކުން ނޫނީ ޓެކްޓިކްސް އަކުން ތަފާތު ދެއްކި މެޗެއް ނޫން. މިއީ ގައުމުގެއްގެ ގަބޫލުކުރުން. ކުޅުންތެރިން ގައުމަށްޓަކައި ކުޅުނު ކުޅުން،" އިއްޔެ އިންޑިއާ ކައިރިން ހޯދި ޕޮއިންޓަށްފަހު އޮސްކާ ބުނެފައިވެ އެވެ.
އޮސްކާ އުފެއްދި ރޫހަކީ އިއްޔެގެ މެޗުން އެކަނި އުފެއްދި ރޫހެއް ނޫނެވެ. މެޗުގެ ކުރިން އިންޑިއާ ކޯޗު އުފެއްދި ސުވާލަށް އޮސްކާ ޖަވާބު ދެނީ ގައުމީ ރޫހުންނެވެ. ގައުމީ ޓީމަކަށް އެންމެ މުހިއްމު ރޫހަކީވެސް އެއީ އެވެ. ރާއްޖެއަށް އައިސް، ބަންގްލަދޭޝްގެ ސަޕޯޓަރުންނާއެކު އޮސްކާ އަށް އެކަން ފަސޭހަ ވެގެން ދާއިރު، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޮސްކާ ބުނަމުން އަންނަނީ ބަންގުލަދޭޝްގެ ގަބޫލުކުރުމަކީ، އެ ޓީމަކީ ދުނިޔޭގެ އެއްވަނަ ކަމަށް ކަމަށެވެ.
"ފީފާގެ ރޭންކިން އިން އަހަރެމެން (ސާފް ސަރަހައްދުން) ދެ ވަނަ އަށް އެންމެ ދަށް ޓީމަކަށް އޮތިއްޔާ އަހަރެން ބުނާނީ ކޮންފިޑެންސަށް ބަލާއިރު، އަހަރެމެންގެ ޓީމު އޮތީ ދުނިޔޭގެ ގަދަ 10 އެއް ގައޭ. އެ ވިސްނުމުގައި މެޗުތަކަށް ދާން. މި ވާހަކަ ދައްކާއިރު ވިސްނާނެ އެއް ކަމަކީ އޮފިޝަލް ރޭންކިން، އަނެއް ކަމަކީ އަން-އޮފިޝަލް (ނުރަސްމީ) ރޭންކިން. އަން އޮފިޝަލް ރޭންކިން އިން އަހަރެން ވިސްނާނީ މި ޓީމު އޮތީ ގަދަ 10ގަ އޭ. އެއީ ކޮންފިޑެންސަށް ބަލާއިރު،" ފުރަތަމަ މެޗުގެ ކުރިން އޮސްކާ ބުނެފައިވެއެވެ.
ގިނަ ބައެއްގެ ގަބޫލުކުރުމާ ހިލާފަށް އޮސްކާ ބުނީ ބަންގުލަދޭޝްއަކީ މުބާރާތުގެ ފެވަރިޓުން ކަމަށާއި، އެކަން ސާބިތު ކޮށްދޭނީ ބަންގުލަދޭޝްގެ ފުޓުބޯޅައިގެ ފެންވަރާ އެކުގައި ކަމަށެވެ. އިއްޔެގެ މެޗަށްފަހުވެސް އޮސްކާ ވަނީ އެ ވާހަކައިގައި ދެމި ހުރެފައެވެ.
"ބަންގުލަދޭޝް މުބާރާތަށް އައީ ތަށި ނަގަން. މިތަނަށް އައީ ވަރަށް ވަރުގަދަ ގަބޫލުކުރުމަކާއެކު. ބަންގުލަދޭޝް ފުޓުބޯޅަގައި ދިރުން ވާކަން ސާބިތުކޮށްދިނުމަށް. އަހަރެމެންނަށް ޕްރެޝަރެއް ނެތް. އެއީ އަހަރުމެންނަކީ ރޭންކިންގައި އެންމެ ކުރީގައި އޮތް ޓީމަކަށް ނުވާތީ. ބަންގްލަދޭޝަށް މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާތީ އަހަރެން އުފާކުރަން. އަހަރެމެން މެޗުގައި ގޯލަކަށް ކުރަން އޮތް ހުރިހާ ކަމެއް އަބަދުވެސް ކުރާނެ. އެއީ ކޯނަރުންނާއި ހިލޭ ޖެހުމުންވެސްއެކަންކަން ކުރާނެތީ،" އޮސްކާ އިއްޔެގެ ޕޯސްޓް މެޗުގައި ބުންޏެވެ.
އިއްޔެ މެޗަށްފަހު ވާހަކަ ދެއްކި ޕްރެސް ނިންމާލަމުން އޮސްކާ ފާހަގަކުރީ ރާއްޖެ މެޗު އުނދަގޫވާނެ ކަމުގެ ވާހަކައެވެ. ނިއު ރޭޑިއަންޓުގައި ކުރި ތަޖުރިބާއަކާއެކު އޮސްކާއަށް ރާއްޖޭގެ ފުޓުބޯޅައިން ދަސްވި ފިލާވަޅުތަކެއް ބޭނުން ކުރަން އޭނާ ހުރީ ކެތް މަދުވެފައެވެ.
"ތިން ދުވަސް ފަހުން އަހަރެމެން މި ކުޅެނީ ވަރަށް އުނދަގޫ ޓީމަކާ. ރާއްޖެ އޮތީ އަހަރެމެންގެ އިންތިޒާރުގައި. ރާއްޖޭގެ ޓީމު މިއަދު އެތިބީ އަރާމު ކުރަން. އޭގެ މާނައަކީ ރާއްޖެ އަންނާނީ ވަރަށް ފްރެޝްކޮށޭ. ވަރަށް ހަކަތައާއެކުގައޭ. އަހަރެމެން ޖެހޭނެ އެއަށް ތައްޔާރުވާން،" އޮސްކާ ބުނެފައިވެ އެވެ.
ރާއްޖޭގެ ޗެލެންޖު އޮސްކާއަށް ޓަފް ވާނެ ކަން އޭނާއަށް އެނގޭއިރު، ދެން އޮތީ ބުރާސްފަތި ދުވަހަށް އިންތިޒާރު ކުރުމެވެ. ރާއްޖޭގެ ޓީމަށް އެ މެޗުގެ ޕްރެޝަރު ބޮޑު ވާނެ އެވެ. އެއީ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވެފައި އޮތުމުންނެވެ. ބަންގުލަދޭޝް ޓީމުން ދެ މެޗުން ހަތަރު ޕޮއިންޓާއެކު ފައިނަލުގެ ރަނގަޅު ފުރުސަތެއްގައި އޮތް އޮތުމުން ޕްރެޝަރު ކުޑަވެފައި އޮތް އޮތުން އޮސްކާ ނަގާނީ ފައިދާއެއްގެ ގޮތުގައިކަން ޔަގީނެވެ. ތަޖުރިބާކާރު ކޯޗެއްގެ ހުރިހާ އުކުޅެއް އޮސްކާ އަންނަނީ ބޭނުން ކުރަމުންނެވެ. އޮސްކާގެ މެންޓާލިޓީއާ "ފޭސްކުރަން" ރާއްޖެއަށްވެސް ވާނީ ޗެލެންޖަކަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު