އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ބަނދުކުރުމުގެ އަމުރަކަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ 23 އޮކްޓޯބަރު 2019 ވަނަ ދުވަހުއެވެ. އެއަށްފަހު ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވިކަމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލިއެވެ.

ނަމަވެސް އަމީންގެ މައްޗަށް ކުރި ދައުވާތައް ބާތިލުކޮށް އޭނާ މިނިވަންކުރަން ހުސްވި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ހައިކޯޓުން ހުކުމްކުރިއެވެ.

ހައިކޯޓުގެ އެ ހުކުމް ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބާތިލުކޮށްފައެެވެ. އޭގެ އިތުރުން އަމީންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދެ ދައުވާގެ ޝަރީއަތް ހައިކޯޓުން ބާތިލުކުރި އިރު އޮތް ހިސާބުން އަލުން ކުރިމިނަލް ކޯޓުގައި ފެށުމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު މިއަދު ''ވަން'' އަށް ވިދާޅުވީ، އަމީންގެ ބަންދުގެ މައްސަލަ މުރާޖައާކުރުމުގެ އަޑުއެހުމެއް ބާއްވައި ދިނުމަށް އެދި އިއްޔެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އަދި ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"ހައްޔަރުކުރުމުގެ އަމުރަކަށް ނޫން އަޅުގަނޑުމެން ހުށަހެޅީ ބަންދު މުރާޖައާކުރުމުގެ އަޑުއެހުމެއް ބާއްވައި ދިނުމަށް ހުށަހެޅީ، ދެން އެ އަޑުއެހުުގައި ބަންދުގައި ބަހައްޓަން ހުށަހަޅާނީ،" ޝަފީއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މޮނިކޮމް އަމުރެއްގެ ދަށުން އަމީން މިހާރުވެސް ބަލަހައްޓަމުން ގެންދަނީ ފުލުހުން ކަމަށެވެ. ފުލުހުން ވަރަށް ބޮޑަށް އެކަން މޮނިޓާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.