ކޮވިޑުގެ ދަތި ހާލަތުގައި ބަލިމަޑުކަމުން އަރައިގަތުމުގެ ސިއްރަކީ މުދައްރިސުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލި ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު އައިޝާ ދެއްވި ހިތޯބުގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމެއް ދަރިވަރުންނަށް ގެނެސްދިނީ މުދައްރިސުންގެ ގުރުބާނީގެ ސަބަބުން ކަމަށެވެ. އަދި އެ ދަތިހާލަތުގައި ބަލިމަޑުކަމުން އަރައިގަތުމުގެ ސިއްރަކީވެސް މުދައްރަިސުން ކަމަށް ވިދާޅުވިއެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރަކީ ކިޔަވައިދިނުން އިހު އޮތް ގޮތަށް އިއާދަކުރުމުގެ ހިތަކީ މުދައްރިސުން ކަމަށެވެ. އެހެން ކަމުން ކިޔަވައިދިނުން އިހު އޮތް ގޮތަށް އިއާދަކުރުމުގެ މަސައްކަތުގެ ހިތަކީ، ނުވަތަ ރޫހަކީ ޓިޗަރުން ކަމަށެވެ. އަދި ކަމެއް އިހު އޮތް ގޮތަށް އިއާދަކުރަން ޖެހޭނީ، އެކަމަކަށް ހީނަރުކަމާއި ބަލިކަށިކަމެއް ލިބުމުން ކަމަށެވެ.
އެގޮތުން ކޮވިޑު ބަލި މަޑު ކަމުގެ ސަބަބުން ކިޔަވައިދިނުން އެތައް ދުވަހަކަށް މެދުކެނޑިފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު އައިޝަތު ވިދާޅުވީ އިންޓަނެޓާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި ކިޔަވައިދިން ކަމުގައި ވިއަސް، ކުރިން ކިޔަވައިދޭ ފެންވަރަށް، އެ މިންވަރަށް ކިޔަވައިދެވިފައި ނުވާކަން މުދައްރިސުންވެސް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް މިއީ ހަމައެކަނި ރާއްޖޭގައި ހިނގާފައިވާ ކަމެއް ނޫން ކަމަށާއި މިއީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ހިނގި ކަމެއް ކަމަށެވެ.
"ޝައްކެތް ނެތް. ކޮވިޑުގެ ދުވަސްވަރު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ދަރިވަރުންނަށް ގެނެސްދިން ބަޔަކީ މުދައްރިސުން. މުދައްރިސުންނަށް މި ޖެހުނީ އެހެންޏާ ބޭނުން ނުކުރާ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭން. އެހެންޏާ ކިޔަވައި ނުދޭ ގޮތަށް ކިޔަވައިދޭން. މުދައްރިސުން މިކަން ނުކުރެއްވި ނަމަ ގޭބިސީތަކުގެ އިޖުތިމާއީ ދިރިއުޅުމަށް އަންނާނެ ހުސްކަން އަޅުގަނޑަށް ދަންވަންވެސް ދަތި. މިހާރު އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކީ ދަރިވަރުންގެ ކިޔެވުން އިހު އޮތް ގޮތަށް އިއާދަ ކުރަން މަސައްކަތް ކުރުން." އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އައިޝަތު އަލީ އިތުރަށް ވިދާޅުވީ ކޮވިޑު ރޯގާއާ ގުޅިގެން ސިއްހީ ދާއިރާ އާއި އެހެން ދާއިރާތަކުގެ މަސައްކަތްތެރީންގެ ހިދުމަތް ފާހަގަކުރި ގޮތަށް، މުދައްރިސުންގެ ރޯލު ފާހަގަކުރުމަކީ ލާޒިމު ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު