ގިނަ ހިދުމަތްތަކާއެކު ސްޓެލްކޯގެ ވޯކްޝޮޕް (ސްޓެވޯ) ހުޅުވައިފި އެވެ.

ސްޓެލްކޯގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ވޯކްޝޮޕް ހުޅުވައިދެއްވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.

ސްޓެލްކޯގެ ވޯކްޝޮޕުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޖަނެރޭޓަރު އެސެމްބަލް ކުރުމާއި ސާވިސް ކުރުމާއި ސާފު ކުރުމުގެ ހިދުމަތްތައް ހިމެނެއެވެ.

ސްޓެލްކޯއިން ބުނީ އެ ވޯކްޝޮޕުގައި ތިން މޮޑިއުލެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އެއީ އެސްޓީޑަބްލިޔު 300، އެސްޓީޑަބްލިޔު 600 އެސްޓީޑަބްލިޔު 800 އެވެ. އެ ވޯކްޝޮޕުން ކަސްޓަމަރުން ބޭނުން ގޮތަކަށް ޖަނަރޭޓަރު ސެޓްތައް މޮޑިފައި ކުރެވޭނެ ކަމަށާއި ވޮރެންޓީވެސް ދޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ ވޯކްޝޮޕުން ހާއްސަ ހިދުމަތެއްގެ ގޮތުގައި އަލްޓްރާ ސްރޯނިކް ކްލީނިންގެ ހިދުމަތް ދޭނެ އެވެ. އެ ހިދުމަތަކީ އަގުބޮޑު މެޝިނަރީޒް ސާފުކުރުމަށް ދޭ ހިދުމަތެކެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ސްޓެލްކޯއަކީ ގާބިލް މުވައްޒަފުން ތިބި ކުންފުންޏެއް ކަމަށާއި ސްޓެލްކޯގެ ވޯކްޝޮޕާއެކު ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.

ސްޓެލްކޯއަކީ ރާއްޖެއިން ބޭރުގައިވެސް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ހުރި ކުންފުންޏެއްކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތައް ޑައިވާސިފައި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ ސްޓެލްކޯ ވޯކްޝޮޕްގައި އެސެމްބްލް ކުރި ފުރަތަމަ ޖަނަރޭޓަރު ސެޓް އެސެމްބްލް ކުރި މުވައްޒަފުންގެ އަގު ވަޒަން ކޮށް ހަނދާނީ ލިޔުންވެސް ދީފައެވެ.