އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާވެސް ބަލިކޮށް، ނޭޕާލުން މުބާރާތުގެ ފުރަތަމަ ފައިނަލަކަށް ފުރުސަތު ބޮޑުކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ މެޗު ނޭޕާލުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ނޭޕާލު މޮޅުވެފައިވާ އިރު، އެޓީމަށް ވަނީ ހަ ޕޮއިންޓު ލިބިފައެވެ. އަނެއްކޮޅުން ލަންކާއިން ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާ އިރު، އެޓީމަށް ވަނީ ފައިނަލުގެ އުންމީދު ކުޑަވެފައެވެ.

މެޗު ފެށިގެން ލަންކާއިންވެސް ކުރިއަށް ޖެހި އޯޕަންކޮށް ކުޅުމަށް މަސައްކަތް ކޮށްފައިވާ އިރު، ދެޓީމުގެ ފަރާތުންވެސް ފެނުނީ އެޓޭކަށް ވިސްނައިގެން ކުޅުނުތަނެވެ. އެޓޭކަށް ވިސްނައިގެން ދެޓީމުންވެސް ކުޅެމުން ދިއުމާއެކު ފުރަތަމަ ހާފުވެސް ފެނުނީ ބެލުންތެރިން ޝައުގުވެރިވާނެ ހާފެއްގެ ގޮތުގައެވެ.

ލަންކާއިން ކުރިއަށް ޖެހި އުފައްދަން މަސައްކަތް ކުރި ހަމަލާތަކުގައި މާ ބޮޑު ނުރައްކަލެއް ނެތި ދިޔަ އިރު، އަނެއްކޮޅުން ނޭޕާލް ފެނުނީ މާ ބޮޑަށްވެސް ނުރައްކާކޮށެވެ. މެދުތެރެއިން ނޭޕާލުން ގިނަ ޕާސްތަކެއް ޖެހިތަން ފެނިގެން ދިޔަ އިރު، ނޭޕާލުގު ފޯވަޑު ލައިނުގެ ސްޕީޑުވީ ލަންކާގެ ޑިފެންސަށް އުނދަގޫ ކަމަކަށެވެ.

ނޭޕާލް ކުޅުންތެރިން ކުދި ޕާސްތަކާއެކު ލަންކާއަށް ނުރައްކާ ކުރުމަށް އެޓޭކުތައް އުފައްދާފައިވާ އިރު، ލަންކާ ކެޕްޓަން ސުޖަން ޕެރޭރާގެ ދެ ސޭވްއެއް ފުރަތަމަ ހާފުގައިވެސް ވަނީ ފެނިގެން ގޮސްފައެވެ. ނޭޕާލުން ކުރަމުން ދިޔަ އެޓޭކުތަކުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 31 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ.

އަރިމަތިން ވަރަށް ރީތިކޮށް ލަންކާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ނަވަޔުގް ޝްރެސްތާ ދިން ބޯޅައަކުން ނޭޕާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސުމަން ލަމާއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލަމާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ އަތުގައި ބޯޅަ ޖެހި، ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ.

ގޯލާއެކު ލީޑުގައި އޮވެ ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ނޭޕާލުންނެވެ. ލަންކާގެ ޑިފެންސް ވަރަށް ބޮޑަށް ވަރުބަލިކޮށް ފެނިގެން ގޮސްފައިވާ އިރު، 51 ވަނަ މިނެޓުގައި ނޭޕާލުން ލީޑު ފުޅާކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ނޭޕާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަންޖަން ބިސްޓާއެވެ. ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އަޔުޝް ފުރަތަމަ ޖައްސާލީ ނަވަޔުގް ޝްރެސްތާއަށެވެ. އޭނާ ފޮނުވާލި ހަމަލާ، ލަންކާގެ ކީޕަރު ސުޖަން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ، އަންޖަން ވަނީ ފަސޭހަކަމާއެކު ލަންކާގެ ގޯލަށް ފޮނުވާލައިފައެވެ.

ދެވަނަ ގޯލަކާއެކު ނޭޕާލުން ހަމަޖެހިލި ނަމަވެސް ލަންކާއިން މެޗަށް އަނބުރާ ވަނުމަށް ބޮޑު ފިޔަވަޅެއް ކުރިއަށް އެޅިއެވެ. މާ ބޮޑު ކުޅުމެއް ނެތިފައި އޮތް ލަންކާ ޓީމަށް އުންމީދެއް ގެނެސްދިނީ 57 މިނެޓުގައި މާވިން ހެމިލްޓަން އޮމޮލޭ ޖެހި ގޯލުންނެވެ. އިނގިރޭސިވިލާތަށް އުފަން، ލަންކާއަށް ނިސްބަތްވާ ހަމިލްޓަން އެ ގޯލު ޖަހައިދިނި އޭރިއާ ބޭރުންނެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.

ދެވަނަ ހާފު ފެނިގެން ދިޔައީ ހަމަލާތައް ގިނަ ހާފެއްގެ ގޮތުގައެވެ. ދެކޮޅުންވެސް ހަމަލާތައް ގިނަކޮށް ފެނިގެން ދިޔަ އިރު، ލަންކާއަށް ލިބުނު ފުރުސަތުތައް ލިބުނީ އިޝާން ކަވިންދޫއާއި ޑެ ސިލްވާއަށެވެ. އިޝާންގެ ދެ ހަމަލާއެއް ގޯލަށް އަމާޒުމުވެ މަތިން ގޮސްފައިވާ އިރު، އޭނާގެ ދެ ހަމަލާއެއް ނޭޕާލުގެ ޑިފެންޑަރުން ވަނީ ބްލޮކުވެސް ކޮށްފައެވެ. ޑެ ސިލްވާ ގޯލަށް ޖަހަން މަސައްކަތް ކުރި ދެ ހަމަލާވެސް ދިޔައީ މަތިން ބޭރަށެވެ.

އަނެއްކޮޅުން ނޭޕާލު ހިފަހައްޓަމުން ދިޔައީ ލަންކާގެ ގޯލްކީޕަރު ސުޖަންއެވެ. ފަހު ހާފުގައި ސުޖަންގެ ފުރިހަމަ ދެ ސޭވްއެއް ފުލުފުލުގައި ފެނިގެން ދިޔަ އިރު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނޭޕާލުގެ ސަންތޯޝް ފޮނުވާލި ހަމަލާ ކީޕަރު ސުޖަން ކުރިއަށް ނުކުމެ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އަޔުޝް ފޮނުވާލި ހަމަލާ ވެސް ލަންކާގެ ކީޕަރު ސުޖަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ނޭޕާލުން މެޗުގައި ޖެހި ތިންވަނަ ގޯލު، މެޗު ނިމެން ދަނިކޮށް ޖަހައިދިނީ އަޔުޝް ގަލަންއެވެ. އޭނާއަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފަށް ކުޅެން ނުކުތް ކުޅުންތެރިއެކެވެ. ތިންވަނަ ގޯލާއެކު ނޭޕާލަށް އަނެއްކާވެސް ހަމަ ނޭވައެއް ލިބިފައި އޮއްވައި، މެޗު ނިމިނިމި އޮއްވައި ލަންކާއަށް ޕެނަލްޓީއެއް ލިބުނެވެ.

މެޗުގެ 92 ވަނަ މިނެޓުގައި ނޭޕާލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ގޯތަމް ޝްރެސްތާ އަތުގައި ބޯޅަ ޖެހުމުން ލަންކާއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ލަންކާއަށް އަނެއްކާވެސް އުންމީދެއް ހޯދައިދިނީ ޑަ ސިލްވާއެވެ. އެ ޕެނަލްޓީއާއެކު ލަންކާއިން ފަހު މިނެޓުގައި ނަތީޖާ ހަމަހަމަކުރަން ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

ލަންކާއިން ދެން ކުޅެން ޖެހޭނީ ރާއްޖެއާ ދެކޮޅަށެވެ. ނޭޕާލު ދެން ކުޅޭނީ އިންޑިއާއާ ދެކޮޅަށެވެ.