އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި، މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމު، އިންޑިއާއިން ކުޅުނު ފުރަތަމަ މެޗުވީ މާޔޫސީ މެޗަކަށެވެ. ގައުމީ ދަނޑުގައި އިއްޔެ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ބަންގުލަދޭޝްގެ ބިޝްވަނާތު ގޯޝްއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ފަހު ހާފު އެއްކޮށް ކަހަލަ ގޮތަކަށް ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާއިން މެޗު ކޮންޓްރޯލް ކޮށް، ސުނިލް ޗެތުރީގެ ގޯލަކާއެކު ލީޑު ނެގިއެވެ. އެ ލީޑާއެކުވެސް ނުރައްކާ ކޮށް އިންޑިއާ ފެނުނުއިރު، ކައުންޓާގައި ބަންގުލަދޭޝްއިން ދިޔައީ ފުރުސަތު ހޯދަމުންނެވެ. ރަތް ކާޑާ އެކުވެސް ބަންގުލަދޭޝް އިން ހިތްވަރާއެކު ކުޅެމުން ގޮސްފައިވާއިރު، އިންޑިއާ ޓީމުން ދިޔައީ މިސް ޕާސްތައް ޖަހައި، ބޮޑެތި ގޯސްތައް ހަދަމުންނެވެ.

"އިދިކޮޅު ޓީމުން ބޯޅަ ހޯދަން ޕްރެސް ނުކޮށް އުޅެނިކޮށްވެސް ގިނަ ބޯޅަތަކެއް ގެއްލިގެން ދިޔަތަން ފެނިގެން ދިޔަ. އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެކަމަށް މަސައްކަތް ކުރަން ޖެހޭ. ބަންގުލަދޭޝް ޓީމަށް މަރުހަބާ ކިޔަން ޖެހޭ. އެމީހުން ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކުރި. ފެނިގެން ދިޔައީ ރަނގަޅު މެޗެއް. މި ނަތީޖާ ހަނދާން ނައްތާލައިފައި ދެން ކުރިއަށް ދާނީ،" މެޗަށްފަހު އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފައިވެއެވެ.

އިންޑިއާ ފަދަ ޓީމަކުން މެޗެއްގެ 15 ވަރަކަށް މިނެޓު ތެރޭގައި ކޫސަނި ގޯސްތަކެއް ހަދައިގެން ތިން ޕޮއިންޓު ގެއްލިގެން ދިޔައީ ކީއްވެކަން ކޯޗު ސްޓިމަކަށްވެސް ނޭނގުނެވެ.

"މެޗުގެ 70 މިނެޓާ ހަމައަށްވެސް އިންޑިއާ އިން ކުޅުނީ ވަރަށް ރަނގަޅު ފުޓުބޯޅައެއް. ރަނގަޅު ކުޅުންތައް ފެނިގެން ދިޔަ. އެކަމަކު ފަހު 15 މިނެޓު ހެދީ ހުސް ގޯސްތައް. އޭގެ ސަބަބުން ޓީމު ޕްރެޝަރަށް ވެއްޓި، ބަންގްލަދޭޝްގެ ކައުންޓާ އެޓޭކުތަކަށް ފުރުސަތު ލިބުނު. ކަން ހިނގި ގޮތް ކިޔައިދޭން ވެސް ނޭނގެ. އެ ގޯސްތައް ހެދީ ކީއްވެކަމެއް ވެސް އެނގޭ. އިންޑިއާ ޓީމުން ބޯޅަ ގެއްލުވާލި ގޮތަށް ބޯޅަތައް ގެއްލުވާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް،" ސްޓިމަކް ބުނެފައިވެއެވެ.

ކޯޗު ސްޓިމަކް ބުނެފައި ވަނީ އެންމެ ހިތްހަމަނުޖެހެނީ ތަޖުރިބާކާރު ކުޅުންތެރިން ތިބިއިރު، އެ ކުޅުންތެރިންގެ ފަރާތުން އެ ތަޖުރިބާގެ ބޭނުން ހިފި މަންޒަރު ނުފެނުމުން ކަމަށާއި، މޮޅުވާން ޖެހޭ މެޗެއް ގެއްލުމުން މާޔޫސްވާ ކަމަށެވެ. އެހެންނަމަވެސް ފުޓުބޯޅައިގައި މިފަދަ ނަތީޖާތައް ނުކުންނާނެ ކަމަށާއި، ކަންކަން ރަނގަޅުކޮށް އަންނަ މެޗަށް ތައްޔާރުވާނެ ކަމަށްވެސް ސްޓިމަކް ބުނެފައިވެއެވެ.