އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ހަތަރުވަނަ މެޗުގައި ނޭޕާލްއާއި ސްރީ ލަންކާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ނުކުންނައިރު ނޭޕާލުން އޮތީ ފުރަތަމަ މެޗުގައި ރާއްޖެ ކައިރިން 1-0 އިން މޮޅުވެފައި. އަނެއްކޮޅުން ނުކުންނަ ލަންކާ އޮތީ 1-0 އިން ބަންގުލަދޭޝް އަތުން ބަލިވެފައި. މިރޭގެ މެޗުން މޮޅުވެ ނޭޕާލަށް ފައިނަލަށް އުންމީދު އާކުރެވޭނެ. މިހާތަނަށް ސާފްގެ ތާރީހުގައި ނޭޕާލުން ފައިނަލެއް ކުޅެފައެއް ނުވޭ. ލަންކާގެ ސާފް ތާރީހަށް ބަލާއިރު، ލަންކާއިން 1995 ވަނަ އަހަރު މުބާރާތުގެ ރަން މެޑަލް ހޯދާފައިވޭ. މިހާރު ލަންކާ ފުޓުބޯޅަ އެންމެ ރަނގަޅު ހާލަތުގައި ނެތް ނަމަވެސް އެޓީމުން މިރޭ ހިތްވަރު ކުރާނެ ކަމަށް ކޯޗު ވަނީ މެޗުގެ ކުރިން ބުނެފައި.

  • ނޭޕާލް - އަބްދުﷲ އަލްމުތައިރީ

"އަހަރެމެން ބުރަ މަސައްކަތުން ފުރަތަމަ މެޗުން މޮޅުވެފައި، މާދަމާ މޮޅެއް ނުލިބިއްޖިއްޔާ ރާއްޖެ މެޗުގައި ކުރި މަސައްކަތުގެ އެއްވެސް ބޭނުމެއް ނެތް. ލަންކާ މެޗަށް ނުކުންނައިރު އަހަރެމެން ރާއްޖެ މެޗުގެ އުފަލުގައި ތިބެއްޖެ ނަމަ މާދަމާ އަހަރެމެން ވަރަށް ގަދަޔަށް ރޯން ޖެހިދާނެ. ރާއްޖެ މެޗުން މޮޅުވުމުން އުފާވިޔަސް މިވަގުތު އެކަން ހަނދާނެއް ނުކުރާނަން. އަހަންނަށް އެނގޭ ލަންކާއަކީ ވަރަށް ވަރުގަދައަށް ޓެކްލް ކުރާ ޓީމެއް ކަން. އެ ޓެކުލްތަކުން ލަންކާ ކުޅުންތެރިންނަށް ފައިދާ ވިޔަ ނުދޭން ބޭނުން ހިފާނަން"

  • ސްރީ ލަންކާ - އާމިރު އަލަގިޗް

"މެޗުން ޕޮއިންޓެއް ލިބުމަކީ ވެސް ގޯސް ނަތީޖާއަކަށް ނުވާނެ. އެކަމަކު އަހަރެމެންނަށް (ފައިނަލުގެ ޖާގަ ހޯދުމުގެ) ރޭހުގައި ދެމި އޮވެވޭނީ މިރޭގެ މެޗުން މޮޅުވެގެން. ފުރަތަމަ މެޗުން ބަލިވުމަކީ އަހަރަމެންނަށް ގަބޫލުކުރަން ދަތި ނަތީޖާއެއް. އެއީ އެ މެޗުގައި ކަންތައްތައް ދިޔަ ގޮތުން. އުންމީދުކުރަނީ (މިރޭގެ) މެޗުގައި ލަންކާ ޓީމުން ރަނގަޅު ވާދައެއް ކުރާނެކަމަށް."