ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަރާލަން ޖެހޭ މީހެއް ކަމަށް ބުނި މީހާގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް ޔާމީނަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެފައި ވަނީ އަބްދުލް ހަމީދު ނަމަކަށް ކިޔާ މީހެއްގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުންނެވެ.
ފުލުހުން މިއަދު ބުނީ، ސޯޝަލް މީޑިއާގައި ރައީސް ޔާމީނަށް މަރުގެ އިންޒާރު ދީފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު މީޑިއާތަކަށް ވިދާޅުވީ، ޕާޓީގެ ފަރާތުން އެ މައްސަލަ ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ސިޓީގައި، ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ފޭސްބުކުގައި ލިޔެފައިވާ ލިޔުމުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށާއި ރައީސް ޔާމީނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދިފައިވާނެ ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު