އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ތިންވަނަ މެޗުގައި ބަންގްލަދޭޝްއާއި އިންޑިއާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ސާފް ޗެމްޕިއަންޝިޕުގެ 13 ވަނަ މުބާރާތް. މިއަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރާއިރު، މިއީ ރާއްޖޭގައި ފުލީ ހޯސްޓް ކުރާ ފުރަތަމަ މުބާރާތް. މުބާރާތް ފުރަތަމަ ބާއްވާ ގޮތަށް އޮތީ ބަންގުލަދޭޝްގައި ނަމަވެސް މިފަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރަން ނިންމީ ބަންގުލަދޭޝްގެ ކޮވިޑު ހާލަތު އޮތް ގޮތުން.

މިއަދުގެ މެޗަކީ އިންޑިއާއިން މިއަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗު. އަނެއްކޮޅުން ބަންގުލަދޭޝް އޮތީ ފުރަތަމަ ކުޅުނު މެޗުގައި 1-0 އިން ސްރީލަންކާ ބަލިކޮށްފައި. ބަންގުލަދޭޝްއިން މީގެ ކުރިން މުބާރާތް ކާމިޔާބު ކުރީ އެއްފަހަރު. އެއީ 2003 ވަނަ އަހަރު. އޭގެ ފަހުން ބަންގުލަދޭޝްއަށް އަދި މުބާރާތް ކާމިޔާބު ކުރެވިފައިނުވާ އިރު، އަނެއްކޮޅުން ނުކުންނަ އިންޑިއާއަކީ ރެކޯޑު ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ގައުމެއް. އެންމެފަހުން އިންޑިއާއިން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 2015 ވަނަ އަހަރު.

  • އިންޑިއާ - ސުނިލް ޗެތުރީ

އުމުރުން 37 އަހަރުގައި ޗެތުރީ އަނެއްކާވެސް އިންޑިއާ ގޮވައިގެން ސާފް ޗެމްޕިއަންޝިޕަށް ނުކުންނަ އިރު، އޭނާގެ އަތުގައި މިހާރުވެސް 2011 ވަނަ އަހަރާއި 2015 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް އެބައޮތް. 2011 ވަނަ އަހަރު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެތުރީ، އޭރުގެ ފޯމުގައި މިހާރު ނެތް ނަމަވެސް އަދިވެސް ނުރައްކާވާނެ ކަމަށް އިދިކޮޅު ކޯޗުން ދެކޭ. ޗެތުރީއަކީ އިންޑިއާގެ ރެކޯޑު ގޯލު ޖެހުންތެރިޔާ. ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ގައުމީ ޓީމަށް ކުޅުނު 120 މެޗުން 75 ގޯލު ޖަހައިދީފައި ޗެތުރީއަކީ ސާފްގެ ތާރީހުގައިވެސް ދެވަނައަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ. އެއްވަނައިގައި އޮތް ރާއްޖޭގެ އަލީ އަޝްފާގުގެ ފަހަތުން ޗެތުރީ ދެވަނައިގައި އޮތީ 13 ގޯލު ޖަހައިގެން.

  • ބަންގުލަދޭޝް - ޓޯޕޫ ބާމަން

ބަންގުލަދޭޝް ޗެމްޕިއަން ބަޝުންދަރާ ކިންގްސް ކެޕްޓަން ޓޯޕޫ ބާމަންއަކީ ބަންގުލަދޭޝްގެ ސެންޓަ ޑިފެންސުގެ އެއް ތަނބު. ޓޯޕޫ ވަނީ ލަންކާ ބަލިކުރުމަށް ބަންގްލަދޭޝްއިން ޖެހި ޕެނަލްޓީވެސް އެ މެޗުގައި ކާމިޔާބު ކޮށްފައި. 2018 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް ސާފް ޗެމްޕިއަންޝިޕްގައިވެސް މުހިއްމު ދައުރެއް އަދާކުރި އުމުރުން 26 އަހަރުގެ ޓޯޕޫއަކީ ދަނޑުމަތީގެ ލީޑަރެއް. 2015 ވަނަ އަހަރާއި 2018 ވަނަ އަހަރު، އަދި މިއަހަރުވެސް ޓޯޕޫ ސާފް ޗެމްޕިއަންޝިޕްގައި ގޯލު ޖަހައިފައިވާ އިރު، ބަންގްލަދޭޝްއިން ރަން މެޑަލްއަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ކުރުމަށް އޭނާގެ ދައުރު ބޮޑުވާނެ.