ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް، މަސްދަރު ހާމަކުރަން ކޯޓުން ނޫސްވެރިންނަށް މަޖުބޫރު ކުރުވޭ ގޮތަށް އޮތް ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކޮށް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މަޖިލީހުގެ ތަޅުމުގައި އެބިލަށް ކުރިއަށް ގެންދިޔަ އިބްތިދާއީ ބަހުސް ނިމުމުން، ބިލު މަޖިލީހަށް ބަލައިގަނޭތޯ ބެލުމަށް ނެގި ވޯޓުގައި މަޖިލީހަށް ބިލު ބަލައިގަތީ، އެވަގުތު ޖަލްސާގައި ތިއްބެވި 33 މެންބަރުންގެ ތެރެއިން 30 މެންބަރު ވޯޓު ދެއްވައިގެންނެވެ.
ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިޔަކަށް މީހަކު މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަ ނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ، ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް، ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް މި މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެ ކަމަށެވެ.
އެގޮތަށް މަޖުބޫރު ކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް އެމީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ އާއި މައުލޫމާތު ދޭ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި މާއްދާ ފުށުއަރާ، ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބުނެފައި ވަނީ، ނޫސްވެރިކަން ކުރުމާއި މުވާސަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށެވެ.
އޭގެ ތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅު ކުރުމާއި، ޝާއިއު ކުރުމާއި ފެތުރުމުގެ މިނިވަންކަން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެގޮތަށް ޝާއިއު ކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައި، ނޫސްވެރީންގެ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް މާއްދާ އަނބުރާ ގެންދިއުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، މޯލްޑިވްސް އެޑިޓާސް ގިލްޑް، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެމްނެސްޓީ އިންޓަނޭޝަން އާއި މޯލްޑީވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ގިވާލައިފައެވެ.
ބިލުގެ ބަހުސްގައި އެ މާއްދަތާ ގުޅިގެން ގިން މެންބަރުންތަކެއްވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. ބިލުގައި އެކަމާ ގުޅޭ ގޮތުން ހުރި މާއްދާތައް މުރާޖައާ ކުރާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް