ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް ނުކުންނަ އިންޑިއާ އަކީ ކޮންމެ ފަހަރަކު ވެސް މުބާރާތުގެ ފޭވަރިޓެކެވެ. ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމަކީ އިންޑިއާ އެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރާ ފަސް ޓީމުގެ ތެރެއިން ފީފާ ރޭންކިންގެ އެންމެ ކުރީގައި އޮތް ޓީމަކީ ވެސް އިންޑިއާ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި 1993 ވަނަ އަހަރުން ފެށިގެން އިންޑިއާ އިން ވަނީ ޖުމުލަ ހަތް ފަހަރު ޗެމްޕިއަން ކަން، ހަތަރު ފަހަރު ރަނަރަޕް މަގާމު އަދި އެއް ފަހަރު ތިންވަނަ މަގާމު ހޯދައިފަ އެވެ. އިންޑިއާއަށްފަހު ދެން މުބާރާތުގައި އެންމެ ކާމިޔާބު ޓީމަކީ ރާއްޖެއެވެ. ނަމަވެސް ސާފްގެ ކާމިޔާބީ އަށް ބަލާނަމަ، އިންޑިއާ އާއި ރާއްޖެއާ ދެމެދު ބޮޑު ފަރަގެއް އެބައޮތެވެ.
ރާއްޖެއިން ދެ ފަހަރު ޗެމްޕިއަންކަން ހޯދި އިރު، ތިން ފަހަރު ރަނަރަޕްކަން އަދި އެއް ފަހަރު ތިންވަނަ މާގާމު ހޯދާފައިވެއެވެ. އަދި ރާއްޖެއިން ވަނީ ސާފްގައި ހަތަރު ފަހަރަކު ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. މުބާރާތުގައި އެންމެ ވާދަވެރި ދެ ޓީމަކީ ވެސް އިންޑިއާ އާއި ރާއްޖެއެވެ. ރާއްޖެ އާއި އިންޑިއާގެ އިތުރުން ދެން މުބާރާތް ކާމިޔާބުކުރެވިފައިވަނީ ބަންގުލަދޭޝް އާއި އަފްޣާނިސްތާން އަދި ސްރީލަންކާއަށެވެ. އެއިން ކޮންމެ ޓީމަކަށް ވެސް މުބާރާތް ކާމިޔާބުކުރެވިފައިވަނީ އެއް ފަހަރެވެ.
އިންޑިއާ އިން ސާފަށް ތައްޔާރުވުމަށް ވަނީ އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. އެއީ ފަހަކަށް އައިސް މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ނާޕޭލާ ދެކޮޅަށް ކުޅުނު ދެ މެޗެކެވެ. އިންޑިއާއަށް އެ މެޗުތައް ވެގެންދިޔައީ ފަސޭހަ މެޗުތަކަކަށް ނޫނެވެ.
މިދިޔަ މަހުގެ ކުރީކޮޅު އިންޑިއާ އިން ނޭޕާލާ ދެކޮޅަށް ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގައި ނޭޕާލަށް އަންޖަން ބިސްޓާ ލީޑު ހޯދައިދީފައި ވަނިކޮށް، އިންޑިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އަނިރުދް ތަޕާއެވެ.
އޭގެ ތިން ދުވަސް ފަހުން ކުޅުނު މެޗުގައި އިންޑިއާ އިން ވަނީ 2-1ގެ ނަތީޖާއަކުން ނޭޕާލް ބަލި ކޮށްފައެވެ. ފާރުކް ޗޯދަރީ އާއި ކެޕްޓަން ސުނިލް ޗެތުރީގެ ލަނޑުތަކުން އިންޑިއާ އިން ދެ ލަނޑުގެ ލީޑެއް ހޯދާފައި ވަނިކޮށް، ނޭޕާލުގެ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. ނޭޕާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ތޭޖް ތަމަންގްއެވެ.
ސެޓެފަން ކޮންސްޓަންޓިންއަށް ފަހު، 2019 ވަނަ އަހަރު އިންޑިއާގެ ގައުމީ ޓީމާ ހަވާލުވީ ކްރޮއޭޝިއާގެ ގައުމީ ޓީމަށް އިރުޝާދު ދިން ކޯޗު އިގޯ ސްޓިމަކްއެވެ. ޖުލައި 2012ގައި ކްރޮއޭޝިއާއާ ހަވާލުވި ކޯޗު ސްޓިމަކް، އަހަރެއް ނުވަނީސް އެޓީމުގެ ކޯޗުކަމުން ވަކިވާން ޖެހުނީ ކްރޮއޭޝިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ "24ސަޓާ" އިން ނެގި ވޯޓެއްގައި 98 ޕަސަންޓް މީހުން އޭނާ ވަކިކުރަން ވޯޓު ދިނުމުންނެވެ.
އިންޑިއާގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ވެސް ސްޓިމަކް އަށް އެންމެ ރަނގަޅު ކާމިޔާބީތައް ހޯދިފައެއް ނުވެއެވެ. އޭނާގެ އިރުޝާދުގެ ދަށުން އިންޑިއާ އިން ކުޅުނު 17 މެޗުން މޮޅުވެވިފައިވަނީ އެންމެ ތިން މެޗުންނެވެ. ހަތް މެޗުން އެއްވަރުވި އިރު، ހަތް މެޗަކުން ވަނީ ބަލިވެފައެވެ.
ވޯލްޑް ކަޕް ކޮލިފައިނަށް ބަލައިލާ އިރު، އިންޑިއާ ހިމެނުނީ އެހާ އުނދަގޫ ގްރޫޕެއްގައެއް ނޫނެވެ. އެ ގްރޫޕުގައި އިންޑިއާގެ އިތުރުން ދެން ހިމެނުނީ ގަތަރާއި އޮމާނާއި އަފްޣާނިސްތާން އަދި ބަންގުލަދޭޝް އެވެ. އޭގެ ތެރެއިން އަފްޣާނިސްތާނާ ބަންގުލަދޭޝް އަކީ އިންޑިއާއަށް އާ ޓީމުތަކެއް ނޫނެވެ. ސާފް ޗެމްޕިއަންޝިޕްގައި ވެސް އިންޑިއާ އިން ވަނީ އެ ދެ ޓީމު ކައިރިން ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އިންޑިއާ އަށް އޮތް ހަމައެކަނި ޗެލެންޖަކަށް ވީ ގަތަރާއި އޮމާނެވެ.
އެ ގްރޫޕުގެ ތިންވަނައިގައި އިންޑިއާ އިން ނިންމާލީ ހަތް ޕޮއިންޓާއެކުއެވެ. ކޮލިފައިންގައި އިންޑިއާ އިން އެއަށްވުރެ ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި ނަމަވެސް، އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު ދެ މެޗާއި ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަކުން ވެސް އިންޑިއާ ވަނީ އެއްވަރު ވެފައެވެ. އިންޑިއާއަށް ހޯދުނު އެންމެ ރަނގަޅު ނަތީޖާއަކީ ގައުމުން ބޭރުގައި ގަތަރު އަތުން ހޯދި ޕޮއިންޓެވެ.
ކުރިން ސާފަށް ޒުވާން ކުޅުންތެރިންތަކެއް ނެރުނު އިންޑިއާ އިން ވަނީ މިފަހަރު ނެރޭނީ ސީނިއާ ކުޅުންތެރިންގެ ޓީމެއް ކަމަށް ބުނެފައެވެ. އަދި މުބާރާތް ކާމިޔާބު ކުރުމުގެ ސީރިއަސްކަން އިންޑިއާ އިން ވަނީ ދައްކައިދީފައެވެ. ފަހަރެއްގައި އެއީ އެހެން ޓީމުތަކަށް ދެއްކި ބިރެއް ކަމަށް ވެދާނެއެވެ. ސީނިއާ ކުޅުންތެރިންތަކާއެކު ފަހަކަށް އައިސް، އިންޑިއާއަށް އެންމެ އެދެވޭ ނަތީޖާތައް ހޯދިފައެއް ނުވެއެވެ.
އިންޑިއާ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. މިފަހަރުގެ މުބާރާތަކީ އޭނާއަށް ވަރަށް މުހިންމު މުބާރާތެކެވެ. މީގެ ކުރިން އިންޑިއާއެކު ދެ ފަހަރު ސާފް ކާމިޔާބުކުރި އުމުރުން 37 އަހަރުގެ ޗެތުރީއަށް މިފަހަރުގެ މުބާރާތަކީ އިންޑިއާއާއެކު ކުޅޭ އެންމެ ފަހު މުބާރާތަށް ވެދާނެއެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިފަހަރުވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންގެ ތެރޭގައި ޗެތުރީ ހިމެނެއެވެ. އޭނާގެ އިތުރުން ދެން ހިމެނެނީ ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ތަރިންނާއެކު އެންމެ ގިނަ އިންޓަނޭޝަނަލް ގޯލު ޖެހި 50 ކުޅުންތެރިންގެ ލިސްޓުގައި ވެސް ދަގަނޑޭ އާއި ޗެތުރީ ހިމެނެއެވެ. އެ ލިސްޓުގެ ދިހަވަނައިގައި އޮތް ޗެތުރީއަށް މެސީގެ ކުރިއަށް ޖެހިލުމަށް ބޭނުންވަނީ ފަސް ގޯލެވެ. އާޖެންޓީނާއާއެކު މެސީ 79 ގޯލު ޖަހާފައިވާ އިރު، އިންޑިއާއާއެކު ޗެތުރީ ވަނީ 75 ގޯލު ޖަހައިފައެވެ.
ޗެތުރީގެ ކުޅުމަށް ބަލާ ނަމަ، ފަހަކަށް އައިސް އޭނާގެ ފޯމު ދަށެވެ. ބެންގަލޫރު އެފްސީގެ ކެޕްޓަންކަން ވެސް ކުރާ ޗެތުރީއަށް ކްލަބާއެކު ވެސް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. ފާއިތުވި ދެ އަހަރު އޭނާ ގޯލު ޖަހާ ރޭޓު ދަށެވެ. ޗެތުރީ އާއި ލެޖެންޑް ބައިޗަންގް ބުޓިއާ ފަދަ ގޯލާ ރައްޓެހި އިތުރު ފޯވަޑުން އުފެއްދުމުގައި އިންޑިއާ ވަނީ ފެއިލި ވެފައެވެ.
މިފަހަރުގެ ސާފްގައި އިންޑިއާ އިން ކުޅޭ ފުރަތަމަ މެޗަކީ ބަންގުލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗެވެ. ރާއްޖޭގެ ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު 4:00 ގައި އިންޑިއާއާ ދެކޮޅަށް ނުކުންނަ ބަންގުލަދޭޝް ވަނީ ފުރަތަމަ މެޗުން މޮޅުވެ އުންމީދު ހޯދައިފައެވެ.
އިންޑިއާއަށް އެންމެ އުނދަގޫ ކަމަކަށް ވާނީ ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަންގުލަދޭޝް ރައްޔިތުންތަކެއް އެގައުމުގެ ޓީމަށް ސަޕޯޓުކުރުމަށް ދަނޑަށް ވަނުމެވެ. އެއީ އިންޑިއާގެ ޓީމަށް އޮންނާނެ ޕްރެޝަރެކެވެ. ރާއްޖޭގެ ދަނޑަކީ ބަންގުލަދޭޝްގެ ދެވަނަ ހޯމް ދަނޑެވެ. އެ މަންޒަރުތައް ދަނޑުން ފެނިގެންދާނެއެވެ.
އިންޑިއާއަށް އޮތް އަނެއް ޕްރެޝަރަކީ ބަންގުލަދޭޝްގެ ޓީމުން ހޯދަމުން އަންނަ ކުރިއެރުންތަކެވެ. ސާފް ޗެމްޕިއަންޝިޕް 2018ގައި ވެސް އަމިއްލަ ގައުމުގައި ރަނގަޅު ނަތީޖާތަކެއް ހޯދި ބަންގުލަދޭޝް އިން މިފަހަރު ވެސް ނުކުތީ ރަނގަޅު ޓީމަކާއެކުއެވެ. މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ބަންގުލަދޭޝްގެ ޓީމާ ހަވާލުވި އޮސްކާ ބްރުޒޯން އަކީ ވެސް މޮޅު ކޯޗެކެވެ. އޭނާ ވަނީ ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަންގުލަދޭޝްގެ ބަޝުންދަރަ ކިންގްސްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އަދި އޭނާއަށް މި ސަރަހައްދުގެ ކުޅުންތެރިންނަކީ އާ ކުޅުންތެރިންނަކަށް ނުވާނެއެވެ.
ބަންގުލަދޭޝްގެ ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ދެއްކިއެވެ. އެޓީމުން ރަނގަޅު ކުރަން ޖެހޭ ޑިޕާޓްމަންޓެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ގޯލު ޖެހުމުގެ ޑިޕާޓްމަންޓެވެ. އިންޑިއާގެ ދަށް ފޯޯމާއެކު އުފެދޭ ސުވާލަކީ ބަންގުލަދޭޝްގެ މައްޗަށް އިންޑިއާއަށް ކުރި ހޯދިދާނެތޯއެވެ. އިންޑިއާ އިން ތަފާތު ފެނިދާނެތޯއެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް