ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް: ޔާމީން ދޫކޮލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މާދަމާ ގޮތެއް ނިންމަނީ

މުހައްމަދު އިޝާން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން އެ މައްސަލައިގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށް ދިނުމާއި، ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސައަށް ގޮތެއް ނިންމުން މާދަމާއަށް ތާވަލުކޮށްފި އެވެ.

މީގެ ކުރިން އެ މައްސަލައިގައި ގޮތެއް ކަނޑައަޅަން ތާވަލު ކޮށްފައި ވަނީ މިއަދުގެ އަޑުއެހުމުގަ އެވެ. ނަމަވެސް ފަނޑިޔާރު މަހާޒް ވިދާޅުވީ މިއަދު އެ މައްސަލައިގައި ގޮތެއް ކަނޑަ ނޭޅުނީ، ޔާމީންގެ ފަރާތުން ގިނަ ލިޔެކިޔުންތަކެއް ހުށަހަޅާފައި އޮތުމުން އެ ކަން ދިރާސާ ކުރަން ކަމަށެވެ. މީގެ އިތުރުން ޔާމީންގެ ފަރާތުން ހުށަހެޅި ހެކި ބަލައިގަތުމާ ގުޅޭ ގޮތުން ވެސް މާދަމާ ގޮތެއް ނިންމާނެ އެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު، އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ރިޔާސަތު ބަލަހައްޓަ ވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ.

މިއަދު އަޑުއެހުމުގައި ޔާމީންގެ ފަރާތުން ހުށަހެޅުންތައް ހުށަހަޅުއްވާ ސަބަބުތަކާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކަވާފަ އެވެ. ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ ސިޔާޒު ވަނީ، ކަފާލާތުގެ ހައްގު ފެށިގެން އަންނަނީ ދިރިހުރުމުގެ ހައްގާ ގުޅޭ މާއްދާއިންކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ވިދާޅުވީ، އަދަބު ތަންފީޒު ކުރަމުން އަންނަ ފަރާތަށް އަނިޔާއެއް ލިބެމުންދާކަމަށް ވާނަމަ، އަދި ޝަރީއަތް ނޫނީ ހުކުމް ތަންފީޒު ކުރަމުން އަންނަނީ އިންސާފުގެ ބޭރުން ކަމަށް ވާނަމަ ކަފާލަތުގެ ދަށުން މިނިވަންކުރަން ގާނޫނުން ޖާގަ ދީފައިވާ ކަމަށެވެ.

އެ ވާހަކަތައް ކުރު ގޮތަކަށް ތަފްސީލު ކޮށްދެއްވަމުން ޝިޔާޒު ވިދާޅުވީ، ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އިސްލާމީ ޝަރީއަތާއި ގާނޫނީ ހަމަތަކުގައި ބަޔާންކޮށްފައިވާ އުސޫލުގެ ބޭރުން ކަމަށެވެ. އަދި ޔާމީންގެ އިންސާނީ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ވެސް ޝިޔާޒް ވަނީ ވިދާޅުވެފަ އެވެ. ކޯޓުތަކުން ކަފާލާތުގެ ދަށުން ނޫނީ ބެއިލް އާއްމު ގޮތެއްގައި ނުދެނީ ތިން ހާލަތެއްގައި ކަމަށެވެ. އެ ތިން ހާލަތަކީ، އެ މީހަކު ދޫކޮށްލައިފިއްޔާ މުޖުތަމައަށް ނުރައްކާތެރިވުން، ޖަލުހުކުމުން ފިލަން ރާއްޖެ ދޫކޮށް ދިޔުން، ނޫނީ ކޯޓަށް ހާޒިރު ނުވުން ކަމަށް ޝިޔާޒް ވިދާޅުވި އެވެ. އެފަދަ އެއްވެސް ޝަރުތެއް ޔާމީންގެ ކިބައިގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެއަށްފަހު ވާހަކަ ދެއްކެވީ ޔާމީންގެ ގާނޫނީ ޓީމުގެ އިސްވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު އެވެ. ޑރ. ޖަމީލް ވިދާޅުވީ، ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އިސްލާމީ ޝަރީއަތާއި ގާނޫނާ ހިލާފަށް ކަން އެއޮތީ ފެންނަން ކަމަށެވެ. ގާނޫނޫ އަސާސީން މީހަކަށް ލިބިދޭ އެއްވެސް ހައްގެއް ހަނިކުރަން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ގާނޫނު އަސާސީގެ ދަށުން ލިބިދޭ ހައްގުތަކުގެ ތެރޭގައި ކަފާލާތު ހިމެނޭތީ ދައުލަތުން ވަކާލާތު ކޮށް ބާރުއަޅަން ޖެހެނީ ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށް ދިނުމަށް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި އެއީ ކުރިއަރާފައިވާ ދިމުގްރާތީ މުޖުތަމައުތަކުގައި ވެސް ކަންކުރާ އުސޫލު ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ބައެއް ސިޔާސީ ބޭފުޅުން ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް ނިންމަވާފައިވާ ބައެއް ނިންމުންތައް މިސާލެއްގެ ގޮތުން ޑރ. ޖަމީލް ފާހަގަ ކުރެއްވި އެވެ. އެގޮތުން ޑރ. ޖަމީލް ފާހަގަކުރެއްވީ ކުރީގެ ރައީސް، އަދި މިހާރު މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ދައުލަތުން ނަޝީދު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފައިވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އަދި ފާރިސް މައުމޫން ވެސް ކަފާލާތުގެ ދަށުން ދޫކުރި ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

އޭގެ އިތުރުން، އިންޑިއާގެ ބައެއް ކޭސްތަކާއި، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ މައްސަލައިގައި ފަނޑިޔާރުން ނިންމަވާފައިވާ ނިންމުން ވެސް ޑރ. ޖަމީލް ފާހަގަކުރެއްވި އެވެ. ދިގު މުއްދަތެއްގެ ހުކުމެއް އޮތުމަކީ ކަފާލާތު ނުދެވޭނެ ސަބަބެއް ނޫންކަން އެ ނިންމުމުގައި ބަޔާންކޮށްފައިވާކަން ޑރ. ޖަމީލް ފާހަގަ ކުރެއްވި އެވެ. އެކަން ފާހަގަ ކުރެއްވުމުން ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ މިއީ "ކުއްލި ކުއްލިއަށް ސަޕްރައިޒް" އަންނަ މަރުހަލާއެއް ނޫންކަން ފާހަގަކުރައްވައި، ހުށަހަޅުއްވާފައިވާ ބައިތަކުގެ ތަރަހައިގައި ހިފެހެއްޓުމަށް އެދިވަޑައިގަންނަވާފަ އެވެ.

ދައުލަތުން ދިފާއުގެ ވާހަކަތަކަށް ރައްދު ދެއްވައި ވިދާޅުވީ، ދިފާއުން ފާހަގަކުރާ ފަދަ ގާނޫނީ ހާލަތެއް އަދި ނެތް ކަމަށާއި، އެހެންކަމުން ކަފާލާތުގެ ދަށުން ޔާމީން މިނިވަން ނުކުރުމަށް ދައުލަތުން ވަނީ އެދިފަ އެވެ. ދައުލަތުން އެގޮތަށް އެދުނީ އިސްތިއުނާފު މަރުހަލާގައި ކަފާލާތުން ދޫކޮށްލަން ގާނޫނު ތަން ނުދޭކަން ފާހަގަކުރައްވަ އެވެ. ކަފާލާތުގެ ހައްގު އޮންނަނީ ދަށު ކޯޓުގެ މަރުހަލާގައި ކުށް ސާބިތުވުމުގެ ކުރިން ކަމަށް ވެސް ދައުލަތުން ވަނީ ވިދާޅުވެފަ އެވެ.