މިސްތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެތަންތަނުގައި ކެމެރާ ހަރުކުރަން މަޝްވަރާ ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިންތި، މިނިސްޓަރާ ސުވާލު ކުރެއްވީ، އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގައި ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާއާ މީހަކު ކުޅެފައިވާ މައްސަލަ އާއި ނޫރު މިސްކިތުގައި ހަރުކަށި ފިކުރުގެ ކަންތައްތަކެއް ހިންގައި ޓެރަރިޒަމްގެ ރޭވުންތައް ރާވާކަމަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތާއި ބޮން ގޮވާލާނެކަމަށް އެ މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ މައްސަލަ އަދި ރައީސް އޮފީހާއި އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް ތެރެއަށް މީހަކު ކުޑަކަމުދިޔަ މައްސަލައާ ބެހޭގޮތުންނެވެ.
މިނިސްޓަރު ވިދާޅުވީ، އެއީ މަސްތުވާތަކެތީގައި ޖެހިފައިވާ މީހުންގެ ފަރާތުން އަންނަ ކަންތައްތަކެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ފަރާތުން އަންނަ މައްސަލަތަކުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިސްކިތްތަކުގައި ހިންގާ ކަންތައްތައް ސަވައިލެންސް ކުރުމުގެ މަސައްކަތާބެހޭ ގޮތުން އިސްލާމިކު މިނިސްޓްރީއާ އެކުގައި މަޝްވަރާކޮށް، އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް ކުރައްމުންދާ ކަމަށެވެ. އަދި މިސްކިތްތަކުގައި ކެމެރާ ބެހެއްޓުމަކީ ރާއްޖޭގެ މިއަދުހާލަތަށް ބަލާއިރު ކުރަންޖެހޭކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން މިސްކިތްތަކުގެ ސަލާމަތާއި އެތަންތަނުގައި ހިނގާ ކަންކަން ބެލުމާއި އެތަންތަނުގައި ގާނޫނާއި ގަވާއިދާ ހިލާފުކަމެއް ހިނގާތޯ ބެލުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ބޮޑު ހަރަދެއް ހިގާނެ ކަމަކަށްވާތީ އެކަމަށް މަޝްވަރާ ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު