އެެހެން ގައުމުތަކުގެ މީހުން ރާއްޖޭގައި އެމީހުންގެ ދީން ޕްރެކްޓިސް ކުރަން ޖެހޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ޖެލްސާގައި މިއަދުވެސް ވާހަކަ ދައްކައިފިއެވެ.
ހެއްކާބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަމުން ޖާބިރު ވިދާޅުވީ، "އެެހެން ގައުމުތަކުގެ މީހުން މިރާއްޖޭގައި އެމީހުންގެ ދީން ސީދާ ޕްރެކްޓިސް ކުރާށޭ، އެ އޮންނަނީ ގުރުއާނުގައޭ ލިޔެފައި،" ކަމަށެވެ.
ޖާބިރު މި މޭރުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވާފައި މިވަނީ، މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި، އެހެން ދީންތަކުގެ މީހުންނަށް ރާއްޖެ އައިސް ނަމާދު ކުރެވޭނެ ގޮތް ހެދުމަށް ގޮވާލައި، ދެއްކި ވާހަކައާ ގުޅިގެން އޭނާ ހައްޔަރު ކުރަން ބައެއް ފަރާތްތަކުން ގޮވާލައިފައި ވަނިކޮށެވެ. އަދި އެ މައްސަލަ މަޖިލީހުގެ އިދާރާއިން ވެސް ބަލަމުން ގެންދަނިކޮށެވެ.
އެ މައްސަލައިގައި ޖާބިރު ވަގުތުން ހައްޔަރުކޮށް، ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ގޮވައިލީ ޖާބިރު ނިސްބަތްވާ ކާށިދޫ ކައުންސިލުންނެވެ. އޭގެ އިތުރުން ޖާބިރު އެ ދުވަހު ދެއްކެވި ވާހަކަ ތަކަކީ މުސްލިމަކު ދައްކަން ހެޔޮ ވާވަރުގެ ވާހަކަތަކެއް ނޫން ކަމަށް އިސްލާމިކް މިިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވެސް ވަނީ ވިދާޅުވެފައެވެ.
އެކަންތަކަށް އިޝާރާތްކޮށް ޖާބިރު މިއަދު ވިދާޅުވީ، އިސްލާމްދީން ވަރަށް ސާފު ކޮށް އެނގެން ޖެހޭ ކަމަށެވެ. އަދި "ޖާހިލު ބަޔަކު ދީން އެނގޭ ކަމަށް ހަދައިގެން ދޮގު މުރުތައްދު ވާހަކަ ދެއްކީމާ ކީރިތި ގުރުއާނުގެ އަލް ކާފިރޫން ސޫރަތުގައި ލަކުމް ދީނަކުމް ވަލިޔަދީން މިވަރު ނޭނގޭ އިސްލާމުންނަކީ އިސްލާމުންނަކަށް ނުވާނެ،" ކަމަށްވެސް ވިދާޅުވިއެވެ.
އެ ދުވަހު އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ މެރުމަށް އަދާލަތު ޕާޓީއަށް ނިސްބަތްވާ ބަޔަކު ގޮވައިލިކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވީ، އެއީ ޓެރަރިސްޓް ބްރީޑްވާ ޕޮއިންޓް ކަމަށެވެ. އަދާލަތު ޕާޓީއަކީ ފްރަންޓްލައިން ރީތި ކުރުމަށް އޮންނަ ޕާޓީއެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމީހުން ހައްޔަރު ކުރުމަށް، ހޯމް މިނިސްޓަރާއި، ރާއްޖޭގެ އަސްކަރިއްޔާގައި އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިސްލާމްދީނާ ގުޅޭ ގޮތުން އޭނާ ދައްކާ ވާހަކަަތައް ރަނގަޅު ކަމަށް ދޭހަކޮށްދިނުމުގެ ގޮތުން ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިީހުގައި ވާހަކަ ދައްކަނީ ގާނޫނުއަސާސީން ބަރާބަރަށް ބާރު ލިބިގެން ކަމަށެވެ.
"ގާނޫނުއަސާސީން ދެކަމަކަށް ސާފުކޮށް އަމުރު ކޮށްފައިވޭ، އެއީ ފްރީޑަމް އޮފް ސްޕީޗް، ރިލިޖަސް ޕްރެކްޓިސް، އެހެން ގައުމުތަކުގެ މީހުން މި ރާއްޖޭގައި އެމީހުންގެ ދީނަށް ސީދާ ޕްރެކްޓިސް ކުރާށޭ، އެއޮންނަނީ ގުރުއާނުގައޭ ލިޔެފައި އަޅުގަނޑެއް ނުދަންނަވަމޭ ދިވެހިން، އަނެއްކާ ބުޑިޒަމްގައި ތިބެފައި އިސްލާމް ދީނަށް ބަދަލުވި ގޮތަށް އަނެެއްކާ އެމީހުން ޖާހިލިއްޔަ ޒަމާނުގެ ދީންތަކަށް ދާން، އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުންނޭ، އަންޑަސްޓޭންޑް ވައްޗޭ،"
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު