ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައް މަގާމުތަކުން ވަކި ކުރުމުގައި ޕޮލިސް ބޯޑުން ކަންތައް ކޮށްފައިވަނީ ގާނޫނުގައިވާ ގޮތަށް، ކަމަށާއި، އެ ނިންމުން ހިއްސާކޮށްފައި ނުވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އިމްރާން އާ ސުވާލު ކުރައްވަމުން ޖާބިރު ވިދާޅުވީ، އަދާލަތުކިޔާ ޕާޓީގައި ޓެރަރިޒަމަށް ސަޕޯޓް ކުރާ ބަޔަކު ތިބިކަން ހޯމް މިނިސްޓަރަށް އެނގިވަޑައިގަންނަވާ ތޯ، އާއި ފިޔަވަޅު ނާޅުއްވަނީ ކީއްވެގެންތޯ އެވެ. އަދި ކީރިތި ގުރުއާނުގެ އާޔަތެއް ކިޔައިފަ ނިކަން ސާފުކޮށް އެ އާޔަތުގައި ހިމެނޭ ވާހަކަ ބުނުމުން، ލަކުމް ދީނަކުންވަލިޔަދީން އަކީ އަލްކާފިރޫނަ ސޫރަތުގައި އޮތްކަން ނޭނގި، އަދުލުއިންސާފު ގާއިމު ކުރުމުގެ ތިންބާރު ވަކިވެފައި އޮންނަ ސިސްޓަމެއް އޮންނައިރު، ސެލެފިސްޓުން ކިޔާ ރަޖިސްޓާޑް ޖަމާއަތަކަށް ނުވާ، އަދާލަތު ޕާޓީގެ މެންބަރުންތަކެއް ސިޔާސީ މަގާމުތަކެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން އަދާލަތު ޕާޓީގެ ބޭފުޅެއްގެ ގޮތުގައި މިނިސްޓަރު ކަމުގެ މަގާމުގައި އިންނަވައިގެން އެ ފަރާތްތަކަށް ފިޔަވަޅު އެޅިދާނެ ކަމާމެދު ވެސް ޖާބިރު ސުވާލު ކުރެއްވިއެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީގައި ޓެރަރިސްޓަކު ނެތްކަމުގެ ޔަގީންކަން މަޖިލިސް މެންބަރުންނަށް ދެއްވާ ކަމަށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެދަށުން ފިޔަވަޅު އަޅަން ޖެހޭ އެއްވެސް މީހަކު އަދާލަތު ޕާޓީގައި ބަހައްޓައިގެން ނުތިބޭނެ ކަމަށާއި، އެ ފަދަ ފަރާތެއް ހުރިނަމަ އަދާލަތު ޕާޓީގެ ކޮމިޓީތަކުގެ ތެރެއިން އެ ބޭފުޅަކުގެ މެންބަރުކަން ނިގުޅައިގަންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ދެއްވި ޖަވާބާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، ޖާބިރު ސުވާލު ކުރެއްވީ ހޯމް މިނިސްޓަރާ ކަމަށެވެ. އެއީ އަދާލަތު ޕާޓީގެ ލީޑަރާ ކުރެއްވި ސުވާލެއް ނޫން ކަމަށާއި، އަދާލަތު ޕާޓީގެ ރައީސާއި، އަދި މެންބަރަކާވެސް ސުވާލު ކުރުމުގެ އުސޫލެއް މަޖިލީހުގައި ކަނޑައެޅިފައި ނުވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.