ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ހަ އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް މަރުވި މައްސަލަ ބަލަނީ

އައިޝަތު ނިއުޝާ

ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ހަ އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލް މެނޭޖަރު މުހައްމަދު ލިރާރު "ވަން" އަށް މިރޭ ވިދާޅުވީ އެކުއްޖާ ހޮސްޕިޓަލަށް ގެނައީ ބަނޑަށްތަދުވެ ހޮޑުލާތީ ކަމަށާއި ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ މިރޭ 7:00 ހާއިރު ކަމަށެވެ. މަރުވެފައިވަނީ ހަ އަހަރުގެ އަންހެން ކުއްޖެކެވެ.

ލިރާރު ވިދާޅުވީ އެކުއްޖާ ހޮސްޕިޓަލަށް ގެނައީ މިއަދު މެންދުރުފަހު ކަމަށާއި ހޮސްޕިޓަލަށް ގެނައުމާ އެކު ވަގުތުން ސީޕީއާރު ދީފައިވާނެ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލަފާގެ މަތިން އެކުއްޖާއަށް ފަރުވާ ދީފައިވާނެ ކަމަށާއި ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ދެވެން ހުރި ހުރިހާ ފަރުވާއެއް ޑޮކްޓަރުން ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުއްޖާއަށް ހޮސްޕިޓަލުން އިހުމާލުވިކަމުގެ ތުހުމަތު އާއިލާއިން ކުރާ ކަމަށާއި އެ މައްސަލަ ހޮސްޕިޓަލުން ބަލާނެ ކަމަށެވެ. އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ކުއްޖާ ހޮސްޕިޓަލަށް ގެނައުމާއެކު ޓްރީޓްމެންޓް ދީފައިވަނީ. 3:15 ހާއިރު ސީޕީއާރު ދީ، އައިޖީއެމްއެޗް ގެ ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ފަރުވާ ދީފައިވެސް ވަނީ. ދެން ހޮސްޕިޓަލްގެ އެއްވެސް އިހުމާލެއް ވޭތޯ އަޅުގަނޑުމެން ބަލާނަން. އަދި އެއްވެސް އިހުމާލެއް ވާނަމަ ފިޔަވަޅުވެސް އަޅާނަން،" ލިރާރު ވިދާޅުވިއެވެ.

"ވަން" އަށް މައުލޫމާތުދެމުން ކުއްޖާގެ ބައްޕަ މިރޭ ބުނީ، އޭނާއަކީ ބަލި ކުއްޖެއް ނޫން ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައީ ކޮވިޑް އަލާމާތްތައް ހުރުމާ އެކު ހޮޑު ލެވޭތީ ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން 5:15 ހާއިރު އިންޖެކްޝަނެއް ޖެހުމުން ކުއްޖާ ވަގުތުން "ހުއްޓުނު" ކަމަށް އޭނާ ބުންޏެވެ.

"ހޮސްޕިޓަލުން ޖެހީ ކޮންކަހަލަ އިންޖެކްޝަނެއް ކަމެއް އަދި އަޅުގަނޑަކަށް ނޭންގޭ. އެހެން ނަމަވެސް އެއީ ބަލި ކުއްޖެއް ނޫން. ދަރިފުޅުގެ ކޮވިޑް ސިމްޓަމްސް ހުރުމުން ހޮޑު ލެވޭތީ ޑޮކްޓަރަށް ދައްކަން މިއަދު ގެންދިޔައީ،" ކުއްޖާގެ ބައްޕަ ބުންޏެވެ.

އޭނާ ބުނީ ދަރިފުޅުގެ މަރުގެ މައްސަލައިގައި އެއްވެސް ފަރާތަކަށް ތުހުމަތު ކުރަން ބޭނުން ނުވާ ކަމަށާއި އެ މައްސަލަ އަދި އެއްވެސް އިދާރާއަކަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މަރުގެ މައްސަލަ ބެލުމަށް ހެލްތު މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ގަޔަށް ޖަހާފައިވަނީ ބަސްކޯޕެން އިންޖެކްޝަނެވެ. ނަމަވެސް އެކުއްޖާ ގަޔަށް ޖަހާފައިވަނީ ކިހާ ޑޯޒެއް ކަމެއް ސާފެއްނުވެއެވެ.