ލީގު ވަންގައި ރެނެސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ޕީއެސްޖީއަށް ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިއްޖެއެވެ.
ރެނެސްގެ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް މިއަދު ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީން މި ސީޒަނަށް ތައްޔާރުވީ ޔޫރަޕްގެ އެންމެ ވަރުގަދަ ތަރިންނާއެކުއެވެ. އެހެންކަމުން ޕީއެސްޖީގެ މި ބައްޔާއެކު އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވާނެ ކަން ޔަގީނެވެ. ހާއްސަކޮށް ކިލިއަން އެމްބާޕޭ އާއި ނޭމާގެ އިތުރުން ލިއޮނަލް މެސީގެ އެޓޭކިން ލައިނެއް ނުކުމެ ރެނެސްގެ ގޯލަށް ޝޮޓެއް ނުހެދި މެޗު ނިމުން ވެގެންދާނީ ބޮޑު ލަދަކަށެވެ.
ފުރަތަމަ ހާފުގެ ފަހު ދެ މިނެޓުގައި ރެނެސްއިން މެޗުގައި ދެ ގޯލު ޖެހިއިރު، އެ ގޯލުތައް ޖަހައިދިނީ ގަޓެޓާން ލަބޯޑޭ އާއި ފްލާވިއެން ޓައިޓްއެވެ.
މިއަދުގެ މެޗުން ވި ބައްޔަކީ ޕީއެސްޖީން ލީގުގައި އޭޕްރީލް މަހަށް ފަހު ވި ފުރަތަމަ ބައްޔެވެ. އެޓީމުން އެންމެ ފަހުން ލީގުގައި ބަލިވެފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ލިލް އަތުންނެވެ.
މެޗުގައި ރެނެސްގެ ޖެހި ދެ ގޯލަށްފަހު ދެވަނަ ހާފުގައި ޕީއެސްޖީން ގޯލަކަށް ބުރަކޮށް މަސައްކަތް ކޮށްފައިވާއިރު، އެމްބާޕޭ އާއި ޑިމަރިއާގެ އިތުރުން މެސީގެ ހަމަލާތައްވެސް ގޯލާ އަމާޒެއް ނުވިއެވެ. މެޗުގައި މެސީ ޖެހި ހިލޭ ޖެހުން އަމާޒުވީ ގޯލު ދަނޑިއަށެވެ. ދެވަނަ ހާފުގައި އެމްބާޕޭ ޖެހި ބޯޅައެއް ގޯލަށް ވަން ނަމަވެސް ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ އެ ބޯޅައަށް މަސައްކަތް ކުރިއިރު އެމްބާޕޭ އޮފްސައިޑު މަގާމެއްގައި ހުރި ކަމަށެވެ.
މެޗުން ބަލިވި ނަމަވެސް ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެޓީމަށް ނުވަ މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ލެންސް ދެވަނައިގައި އޮތީ ޕީއެސްޖީއަށްވުރެ ހަ ޕޮއިންޓް މަދުން ލިބިގެންނެވެ. މި މޮޅާއެކު ރެނެސް ވަނީ ލީގުގެ ހަތްވަނައަށް ޖެހިލައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު