ސާފް ޗެމްޕިއަންޝިޕްގެ އެންމެ އައިކޯނިކް އެއް ކުޅުންތެރިޔަކީ އިންޑިއާގެ ލެޖެންޑަރީ ފޯވަޑް ސުނިލް ޗެތުރީއެވެ. ސަރަހައްދީ ލެވެލްގައި އެންމެ މަތީ ފަންތީގައި ގުނައި ލެވޭ ޗެތުރީ، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ފުރަތަމަ މެޗަށް ނުކުންނާނީ މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 120 މެޗުން 75 ގޯލު ޖަހައިދީފައި ޗެތުރީއަކީ މުބާރާތުގެ ތާރީހުގައިވެސް ދެވަނައަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އެއްވަނައިގައި އޮތް ރާއްޖޭގެ އަލީ އަޝްފާގުގެ ފަހަތުން ޗެތުރީ ދެވަނައިގައި އޮތީ 13 ގޯލު ޖަހައިގެންނެވެ.

އުމުރުން 37 އަހަރުގައި ޗެތުރީ އަނެއްކާވެސް އިންޑިއާ ގޮވައިގެން ސާފް ޗެމްޕިއަންޝިޕަށް ނުކުންނައިރު، އޭނާގެ އަތުގައި މިހާރުވެސް 2011 ވަނަ އަހަރާއި 2015 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް އެބައޮތެވެ. 2011 ވަނަ އަހަރު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެތުރީ، އޭރުގެ ފޯމުގައި މިހާރު ނެތް ނަމަވެސް އަދިވެސް ނުރައްކާވާނެ ކަމަށް އިދިކޮޅު ކޯޗުން ދެކެއެވެ. އޭގެ ތެރެއިން އެކަކީ އިންޑިއާއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރޫޒޯން އެވެ.

"ސުނިލް ޗެތުރީއާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަ ދެއްކިދާނެ. ތަޖުރިބާކާރެއް. ވަރަށް ވާދަވެރި ކުޅުންތެރިއެއް. ވަރަށް ބުރަ މަސައްކަތް ކުރާ ވަރަށް ހުނަރުވެރި، އެންމެ މަތީ ދަރަޖައިގެ ކުޅުންތެރިއެއް. މާދަމާގެ މެޗުގައި ވަރަށް ބޮޑަށް ޗެތުރީއަށް ސަމާލުކަން ދޭން ޖެހޭނެ. މިނެޓެއް ވިޔަސ،ް ފަޅި ސިކުންތެއް ވިޔަސް، މިނެޓެއްގެ ފަޅިއެއް ލިބުނަސް ޗެތުރީ ފުރުސަތުގެ ބޭނުން ކުރާނެ. އެއީ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ. އެއީ އިންޑިއާ ޒުވާން ކުޅުންތެރިންގެ ހިތްވަރު. އޭނާއަކީ ޓީމުގެ ލީޑަރު، އެޓޭކް ލީޑު ކުރަނީވެސް ސުނިލް. އެކަމަކު އަހަރަމެންނަށް އެނގޭ ޗެތުރީ ހުއްޓުވާނެ ގޮތެއް. ރޭވުމެއް އެބައޮތް. އަނެއްކާ ބަންގްލަދޭޝްގެ ޓީމުގައި މޮޅެތި ޑިފެންޑަރުން އެބަތިބި،" ގައުމީ ދަނޑުގައި އިއްޔެ ބޭއްވި ޕްރި މެޗު ޕްރެސްގައި އޮސްކާ ބުނެފައިވެއެވެ.

ޗެތުރީއަކީ އިންޑިއާގެ ރެކޯޑު ގޯލް ޖެހުންތެރިޔާއެވެ. އޭނާއަކީ އެގައުމުގެ ލީޑަރެވެ. އޮސްކާގެ ބުނުމުގައި ވާ ފަދައިން ފަޅި ސިކުންތެއް ލިބުނަސް އޭނާ ތަފާތު ދައްކާނެ އެވެ. އެހެންނަމަވެސް ފާއިތުވު ދެތިން ސީޒަނެއްގައި ޗެތުރީގެ ފަރާތުން ކްލަބު ލެވެލްގައި ފެނުނީ ޕީކު ކުޅުމެއް ނޫނެވެ. އެންމެފަހުން 2017-18 ވަަނަ އަހަރުގެ ސީޒަންގައި ޗެތުރީ ބެންގަލޫރު އެފްސީއަށް ކުޅުނު 33 މެޗުން 24 ގޯލު ޖެހި ނަމަވެސް ދެން ޖެހިގެން އައި ސީޒަންގައި ކްލަބަށް ކުޅުނު 22 މެޗުން ޖެހުނީ 10 ގޯލެވެ. އަދި އޭގެ ފަހުންވެސް ޗެތުރީއަށް ކުރީގެ އެންމެ ރަނގަޅު ފޯމް ދެވިފައެއް ނުވެއެވެ. 2019-20 ވަނަ އަހަރުގެ ސީޒަންގައި ޗެތުރީ ކުޅުނު 19 މެޗުން ޖެހީ 11 ގޯލެވެ. އަދި މިދިޔަ ސީޒަންގައި ކުޅުނު 21 މެޗުން ކްލަބަށް ޖެހުނީ ނުވަ ގޯލެވެ.

ކްލަބުގެ ރެކޯޑުތައް އެހެން ހުރި ނަމަވެސް ގައުމީ ޓީމުގައި ޗެތުރީގެ ފެންވަރު އަދިވެސް ދަށްވެގެން ނުދެއެވެ. 2018 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުނު ހަ މެޗުން އަށް ގޯލު ޗެތުރީ ޖަހައިފައިވާއިރު، 2019 ވަނަ އަހަރުގައި ކުޅުނު 11 މެޗުން އޭނާ ވަނީ ހަތް ގޯލު ޖަހައިފައެވެ. ކޮވިޑާއެކު 2020 ވަނަ އަހަރު މެޗެއް ނުކުޅުނު ނަމަވެސް މިހާތަނަށް މިއަހަރުވެސް ކުޅުނު ފަސް މެޗުގައި ޗެތުރީ ވަނީ ތިން ގޯލު ގައުމީ ޓީމަށް ޖަހައިފައެވެ. ގައުމީ ޓީމުގެ އަދަދުތަކަށް ބަލާއިރު، އަދިވެސް ޗެތުރީއަށް ތަފާތު ދެއްކޭނެ ކަމަށް ގަބޫލުކުރަން ޖެހެއެވެ. އޭނާ "އަންޑައެސްޓިމޭޓް"އެއް ނުކުރެވޭނެއެވެ.

އިއްޔެގެ ޕްރެސްގައި އޮސްކާ އިތުރަށް ބުނީ ގޯލު ޖެހުމުގެ ޑިޕާޓުމަންޓުން މައްސަލަތަކެއް ފާހަގަވި ކަމަށާއި، އެކަމަކު ގޯލު ޖެހުން އޮތީ މުޅި ޓީމުގެ ޒިންމާއެއްގެ ގޮތުގައި ކަމަށެވެ.

"ޖަމާލްއަކީ މެދުތެރެއިން ކުޅޭ ކުޅުންތެރިއެއް ނަމަވެސް އޭނާގެ ވެސް ޒިންމާއެއް އެއީ ގޯލު ޖެހުމަކީ. ވިންގުންނަށާއި ފޯވަޑުންނާއެކު މުޅި ޓީމަށްވެސް އޮތް ޒިންމާއެއް މިހާރު ގޯލު ޖެހުން އެއީވެސް. ޓީމެއް ގޮތުގައި ވަރަށް ރަނގަޅަށް ތައްޔާރުވެފައި މިހާރު ބަންގްލަދޭޝް އޮތީ. މިހާރު މުބާރާތުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމަކީ ބަންގްލަދޭޝް. އެގޮތަށް މިހާރު ފެންނަނީ،" އޮސްކާ ބުނެފައިވެ އެވެ.