ސުޕްރީމް ކޯޓް

ތާފަތާ ކުއްޔަށް ދިނުމާބެހޭ ބެހޭ އެއްބަސްވުމުގައި ސޮއިކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

އިބްރާހިމް ޒަކީ

ރ. ތާވަތާ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސް/ ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއި ކުރުމުގެ އެންމެހައި އިންތިޒާމުތައް 15 ދުވަހުގެ ތެރޭގައި ހަމަޖައްސައި ދިނުމަށް ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ) އަށް އަންގައި، ސިވިލްކޯޓުން ކުރި ހުކުމް ސުޕްރީމްކޯޓުން ވެސް ބާތިލު ކޮށްފިއެވެ.

މި މައްސަލައަކީ ރ. ތާވަތާގައި މަސްވެރިކަމާއި އެންވެރިކަމާ ބެހޭ ދިރާސާ ކުރުމަށާއި، މަސްދޯނި ފަހަރަށާއި އާއްމުކޮށް ތެޔޮ ގަންނަން ބޭނުންވާ ފަރާތްތަކަށް ތެޔޮ ވިއްކުމަށާއި، މަސްވެރިންނަށް ބޭނުންވާ އައިސް އުފައްދައި ވިއްކުމަށާއި، މިނަރެލްވޯޓާ ބަންދުކުރާ ކާރުހާނާއެއް ގާއިމު ކުރުމަށް ތާވަތާ ކުއްޔަށް ހިފުމަށް 24 ޖޫން 2015 ގުރާބު އިންވެސްޓްމެންޓުުން ހުށަހެޅި ޕްރޮޕޯސަލް ބެލުމަށްފަހު 21 އަހަރަށް އެރަށް ކުއްޔަށް ދިނުމަށް އެގްރިކަލްޗާ މިނިސްޓްރީން ނިންމުމަށްފަހު އެ އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ޝަރުއީ މަރުހަލާގައި ކުރިއަށްދިޔަ މައްސަލައެކެވެ.

އެރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ސެކިއުރިޓީ ޑިޕޮސިޓަށްވާ އެއްލައްކަ ރުފިޔާ ހަތް ދުވަހުގެ ތެރޭގައި އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށާއި، އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެއްބަސްވުން ބާތިލު ވާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ގުރާބު އިންވެސްޓްމެންޓަށް އެންގިއެވެ.

ނަމަވެސް އެ މުއްދަތުގައި އެރަށަށް ޑިޕޮސިޓް ފައިސާ ދެއްކުމުގެ މަސައްކަތް ކުރީ، ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުންނެވެ. އެއީ ގުރާބު އިންވެސްޓްމެންޓުުގެ މިލްކުވެރިކަން ޓްރެޝާބިޒް އިންޓަނޭޝަނަލް އަށް 27 އޯގަސްޓް 2015 ގައި ބަދަލުކޮށްފައިވާތީއެވެ.

އެކަން އެެހެން އޮތުމުން މީރާއިން ފައިސާ ބަލައި ނުގަނެ ހަތްދުވަހުގެ މުއްދަތު ފާއިތުވެގެން ދިޔައެވެ.

އެ މައްސަލައިގައި މީރާއިން ބުނެފައި ވަނީ، ފައިސާ ބަލައި ނުގަތީ، އެފައިސާ ދައްކާނީ ޓްރެޝާބިޒް އިން ކަމަށް މިނިސްޓްރީން އަންގާފައި ނުވާތީ އާއި، އެރަށް އެވޯޑު ކޮށްފައިވާ ލެޓާގައިވާ ގުރާބު އިންވެސްޓްމެންޓަކީ ވިޔަފާރި ނަމަކަށް ވެފައި، ގާނޫނީ ޝަހުސަކަށް ނުވުމާއި، ގުރާބު އިންވެސްޓްމެންޓްގެ މިލްކުވެރިކަން ޓްރެޝާ ބިޒް އަށް ބަދަލު ކުރިއިރު ތާވަތާ އާ ގުޅޭ އެއްވެސް އިލްތިޒާމެއް ޓްރެޝާ ބިޒް އަށް ނަގުލު ކޮށްފައި ނުވާތީ ކަމަށެވެ.

އެކަމާ ގުޅިގެން ޓްރެޝާ ބިޒްގެ ފަރާތުން މީރާއަށް ފައިސާ ދެއްކުމަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް އެގްރިކަލްޗާ މިނިސްޓްރީން ފައިސާ ދައްކާނެ ގޮތެއް ކަނޑައެޅުމަށްފަހު ފައިސާ ދައްކަން ދިން ހަތްދުވަސް ގުނާ ގޮތަށް އަލުން ހަދައި ދިނުމަށް އެދި ގުރާބު އިންވެސްޓްމަންޓުން 31 އޮގަސްޓް 2015 ގައި މިނިސްޓްރީއަށް ހުށަހެޅިއެވެ.

ނަމަވެސް އެ އެއްބަސްވުން ބާތިލު ވެފައިވާ ކަމަށް ނިންމައި މިނިސްޓްރީން އެކަމަށް ޖަވާބެއް ދީފައި ނުވާތީ، ޓްރެޝާ ބިޒްގެ ފަރާތުން އެމައްސަލަ ސިވިލްކޯޓަށް ހުށަހެޅިއެވެ.

މި މައްސަލަ ބެލުމަށްފަހު، ތާވަތާ ކުއްޔަށް ދިނުމާ ގުޅޭ ގޮތުން މިނިސްޓްރީ އާއި ގުރާބު އިންވެސްޓްމަންޓާ ދެމެދު ގާއިމުވި އެއްބަސްވުން ބާތިލު ކޮށްފައި ވަނީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، ހަތް ދުވަހުގެ ތެރޭގައި ތާވަތާ އާ ގުޅިގެން، ގުރާބު އިންވެސްޓްމަންޓް ގެ ފަރާތުން ދައްކަން ޖެހޭ ޑިޕޮސިޓް ފައިސާ ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށާއި، ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސް ގެ ފަރާތުން ޑިޕޮސިޓް ފައިސާ ދައްކަތާ 15 ދުވަހުގެ ތެރޭގައި ތާވަތާ ކުއްޔަށްދިނުމާބެހޭ އެއްބަސްވުން ލިޔުމަށް ތިރިކޮށް، އެ އެއްބަސްވުމުގައި ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސް / ޓްރެޝާ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ދައުލަތުގެ މައްޗަށް ސިވިލްކޯޓުން ހުކުމް ކުރިއެވެ.

އެ ހުކުމް އެގްރިލްޗާ މިނިސްޓްރީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ވަނީ ސިވިލްކޯޓުން ކުރި ހުކުމް ބާތިލު ކޮށްފައެވެ. ހައިކޯޓުގެ ހުކުމާމެދު ހިތްހަމަ ނުޖެހިގެން ޓެރެޝާބިޒްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.

މި މައްސަލަ ބަލައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ހައިކޯޓުން ކުރި ހުކުމަށް ތާއީދުކޮށް، ތާވަތާ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި 15 ދުވަސްތެރޭގައި ސޮއިކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފައެވެ.