އަދާރަން ކުލަބު ރަންނާޅީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކަށް އެތަނުގައި މަސައްކަތް ކުރާ ސްރީލަންކާ ސުޕަވައިޒަރަކު ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެއްސަކަށް، އެ ރިސޯޓުގައި މަސައްކަތް ކުރާ މީހަކު ބިރު ދެއްކި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
އަނިޔާ ލިބުނު މީހާ ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ އޭނާ އަދާރަންގައި މަސައްކަތް ކުރުމަށް ދިޔައީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ. އޭނާ މީގެ ކުރިން ރިސޯޓު ދާއިރާގައި މަސައްކަތް ކުރި ނަމަވެސް ދުވަހަކުވެސް ބަދިގެ ބައިގައި މަސައްކަތް ނުކުރާ ކަމަށެވެ. އެކަން އެ ރިސޯޓުން އިންޓަވިއުއަށް ގުޅުމުންވެސް ކިޔައިދިން ކަމަށް އޭނާ ބުންޏެވެ.
އެހެން ނަމަވެސް ރިސޯޓަށް ދިޔަތާ ކައިރީގައި ވަރަށް ރަނގަޅަށް ކަންތައް ކުރި ކަމަށާއި ބަލި ވެގެން މަސައްކަތަށް ނުނިކުމެވުނު ދުވަހުން ފެށިގެން ވަރަށް ބޮޑަށް ތަފާތު ކުރުންތައް ގެންގުޅުނު ކަމަށެވެ.
"އަޅުގަނޑަކީ ސައިނަސް މައްސަލަ ހުންނަ މީހެއް. ދެން ވަރަށް ބުރަކޮށް ބަދިގޭގަ އުޅޭތީ އާއި އަބަދު އޭސީގަ އުޅޭތީ ވަރަށް ބޮޑަށް ސަކަރާތް ވީ. ރޯގާ ޖެހިގެން ބޮލުގަ ރިއްސާ ކަންތައް ވީމަ ޑިއުޓީ އަށް ނުނިކުމެވުނު ދެ ދުވަހަކު. ޑޮކްޓަރަށް ވެސް ދެއްކިން އެކޮޅުގަ. އޭނަ ދިން ބޭސް ކެއީމަވެސް އެ ރިހުން ހުރޭ. ދެން މި ދެ ދުވަސް ފަހުން ޑިއުޓީ އަށް ދިޔައިމަ ވަރަށް ތަފާތުކޮށް ކަންތައް ކުރީ." އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ އޭގެ ފަހުން ކޮންމެ ކަމެއް ކުރަން ހުއްޓަސް އެހީތެރިވުމަށްވެސް މީހަކު ނުފޮނުވާ ކަމަށެވެ. އަދި ކާންވެސް ގިނަ ފަހަރު ފޮނުވަނީ ސްޓާފް ކެންޓީން ބަންދު ކުރުމުން ކަމަށެވެ. އެކަނި މަސައްކަތް ކުރުމަށްފަހު ޑިއުޓީ ނިންމާފައި ނިދަން ކޮޓަރިއަށް ގޮސް ހުއްޓާ އެއްދުވަހު ހެޔަށްވެސް ގޮތްވި ކަމަށެވެ. އޭގެ ފަހުން މާލެއަށް އައިސް ޑޮކްޓަރަށް ދައްކާފައި އަނބުރާ ރިސޯޓަށް ދިޔުމުން ކުރިއަށްވުރެވެސް ގޯސްކޮށް އޭނާ އާ މެދު ކަންތައް ކުރި ކަމަށެވެ.
އެޗްޕީއޭ އިން މިހާރު އަމަލު ކުރާ އުސޫލުގައިވާ ގޮތުން މާލެއިން ރިސޯޓުތަކަށް ދާ މީހުން 72 ގަޑި އިރު ހަމަ ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ދިއުމުން ކަރަންޓީނު ވާކަށް ނުޖެހެ އެވެ. އެހެން ނަމަވެސް ބައެއް ރިސޯޓުތަކުން މި އުސޫލާ އެއްގޮތަށް އަމަލެއް ނުކުރެ އެވެ.
މާލެ އައުމަށްފަހު ނެގެޓިވް ޕީސީއާރް ޓެސްޓެއް ހިފައިގެން ދިއުމުންވެސް ކަރަންޓީނުގައި 14 ދުވަސް ހުންނަން ޖެހުނު ކަމަށާއި މި 14 ދުވަހުގެ މުސާރަވެސް ކަނޑާފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ކަރަންޓީނު ނިންމާލުމަށްފަހު އަލުން ޑިއުޓީއަށް ނިކުތުމުން ކަންތައް ކުރީ ވަރަށް އިހާނަތިކޮށް ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު މަސައްކަތް މި ކުރަނީ މެއިން ކިޗަންގަ. އެތަނުގަ އެންމެ އިސް މީހާ އިން ފެށިގެން ސުޕަވައިޒަރާ ހަމަޔަށްވެސް ގިނައިން ތިބޭނީ ލަންކާ މީހުން. ވަރަށް މަދު ދިވެއްސެއް ހުންނާނީ. ދެން ސުޕަވައިޒަރަށް ހުންނަ މީހާ އަބަދު ހަޅޭއްލަވާނެ. އެއްޗެހި ކިޔާނެ. ކަމެއް ނޭނގެޔޭ ކިޔާފަ. އެކަމަކު ފުރަތަމަ ދުވަސްކޮޅު ކިޔައިދިން ގޮތަށް ކިޔައިދޭނެ މީހަކު ނުހުރޭ. އަލަށް ދާ މީހަކަށް ނެނގޭނެ ދޯ ހުރިހާ އެއްޗެއް ކައްކަން. ދެން އެއްދުވަހު ސުޕަވައިޒަރަކަށް ހުރި މީހާ އައިސް ބުނަނީ ކަމެއް ކުރަން އެނގެނީއެއް ނޫނޭ. އެކަމަކު ތިމަންނަ މެންނަން ވުރެ މި މީހުންގެ މުސާރަ ބޮޑޭ. ކިޔާފަ ކަންފަތް މަތީގަ ފިޔައަކުން ޖެހީ. ސައިނަސް ހުންނާތީ އެ ގޮތަށް ޖެހީމަ ނޭފަތުން ވަރަށް ބޮޑަށް ލޭ އައި. މިހާރުވެސް ތަދު ހުރޭ." އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ އޭގެ ފަހުން އެއްޗެއް ކޮށަން ހުއްޓައި އެހެން ކަމެއް ކޮށްދޭށޭ ބުނުމުން މި ކޮށައި ނިންމާފަ މިދަނީ އޭ ބުނމުން ވަޅި ހިފައިގެން އައިސް ބިރު ދެއްކި ކަމަށެވެ. އަދި ތިމަންނާ މީ ސުޕަވައިޒަރޭ ބުނާ ކަމެއް ވަގުތުން ކުރަން ޖެހޭނެޔޭ ބުނި ކަމަށެވެ. އެއީ އެހާ އަވަހަށް ކޮށް ބޭނުންވާ އެއްޗެއް ނޫނޭ ބުނުމުން މައިންބަފައިންނާ އަޅުވައި އަވަގުރާނަ ގޮވި ކަމަށްވެސް ބުންޏެވެ.
"އަޅުގަނޑު ހަމަ އެއްވެސް އެއްޗެއް ނުބުނަން. ވަޒީފާއިން ކަނޑާލާނެ ކަމަށް ބިރުން. ވަޒީފާ ލިބުނީވެސް ކޮވިޑާ ހެދި ވަޒީފާ ގެއްލުނުތާ އެތައް ދުވަހެއް ފަހުން. އެހެންވެ އެއްޗެކޭ ނުބުނެ މައްސަލަވެސް ނުޖައްސާ ކެތް ކުރީ. އެކަމަކު ވަޅި ހިފައިގެން އައީމަ އަޅުގަނޑު ވަރަށް ބިރުގަތް. އެތާ ތިބީ ހުސް އޭނަގެ ގައުމުގެ މީހުން. ދިވެހިން ތިބީ ޗުއްޓީގަ. އެއްކޮޅަށް އަރާނެ މީހަކު ނުހުރޭ. ދެން ބިރުން ދައްތަ އަށް ގުޅާފަ ބުނީމަ ދައްތަ ބުނީ ޕޮލިހުގަ މައްސަލަ ޖައްސަން. ދެން ދައްތަ މައްސަލަ ޖައްސާފަ ބުނީ ރިސޯޓުން ފައިބައިގެން އަންނާށޭ. ބުނީމަ މިހާރު އަޅުގަނޑު މާލޭގަ މިހުރީ. އެކަމަކު ދެން އެ ރިސޯޓަށް ދާން ބޭނުމެއް ނުވޭ. އެކަމަކު އިތުރު ވަޒީފާއެއް ހޯދަން މަސައްކަތް ކުރިޔަސް ލިބޭނީ ކޮން ދުވަހަކު ކަމެއް ނޭނގޭ." އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ކަން ހިނގައި ދިޔަ ގޮތް އިސްމީހުންނާ ހިއްސާ ކޮށްފި ނަމަ އޭނާ އަށް ރިސޯޓުން ބޭރަށް ދާން ދަތިވާނެތީ ފުލުހުންނާ ހިއްސާކޮށް އެ މީހުންގެ ލަފަޔާ އެއްގޮތަށް އަމަލު ކޮށް ރިސޯޓުން އައީ ކަމަށެވެ. އެހެންނަމަވެސް ފުރަން ތައްޔާރުވިތަނުން އެތަނުގެ ސީނިއާ ޝެފަށް އެކަން ފާހަގަވެގެން ސުވާލު ކުރުމުން ކިޔައިދިން ކަމަށެވެ. އަދި އެތަނުގައި މިވަގުތު ހުންނަން ބޭނުން ނުވާ ކަމަށް ބުނެ ފުރައިގެން މާލެ އައީ ކަމަށް އޭނާ ބުންޏެވެ.
ރަންނާޅި ރިސޯޓުގެ މެނޭޖަރު މުހައްމަދު އަހުމަދަށް "ވަން" އިން ގުޅާލުމުން ވިދާޅުވީ ލިބިގެން އުޅެނީ ނުބައި މައުލޫމާތެއް ކަމަށެވެ. އަދި އެ ރިސޯޓުގައި ލަންކާ އަށް ނިސްބަތްވާ ސުޕަވައިޒަރަކު މަސައްކަތް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތިފަދަ ކަމެއް އެ ރިސޯޓުގައި ނުހިނގާނެ ކަމަށްވެސް ވިދާޅުވި އެވެ.