ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވާ ގޮތަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ޑރ. މުއިއްޒުގެ ޝަރީއަތް ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ. އޭނާގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާކުރަނީ ނޫމަޑި މައްސަލައިގަ އެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ފެށީ މިދިޔަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުއެވެ.

ނޫމަޑިން ޖޫން 25، 2019 ގައި ދިވެހި ދައުލަތާ ދެކޮޅަށް ނެދަލޭންޑްސްގެ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކުންފުނީގެ ހެކިވެރިއަކަށް ވެފައިވަނީ ޑރ. މުއިއްޒެވެ. އެ މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ނޫމަޑިން އެދިފައި ވަނީ 155 މިލިއަން ޑޮލަރު ގެއްލުމުގެ ބަދަލެއް ހޯދުމަށާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދުމަށެވެ.

ނަމަވެސް އެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށް، ސަރުކާރުން ވަނީ އެކުންފުންޏަށް 55 މިލިއަން ޑޮލަރު ދައްކައިފައެވެ.

ދައުލަތުން ޑރ. މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ، ހައުސިން ޔުނިޓު މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާ ކަމަށް ބުނެ ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށާއި ފުލުހަށްވެސް ޑރ. މުއިއްޒު ހާޒިރުކުރިއެވެ.