އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މާޔޫސީ ބައްޔަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 އަށް މުޅި ގައުމު ތައްޔާރުވެ، ފުރަތަމަ މެޗަށް ނުކުތީ އުންމީދުގައި ނަމަވެސް، ކުރިމަތިލާން ޖެހުނީ މާޔޫސް ކަމާއެވެ. ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެއެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ގައުމީ ޓީމު ފައިބައިގެން ދިޔައީ ހިތްދަތި ކަމުގައެވެ. ހިތްވަރުކޮށްވެސް އުންމީދުތައް ހާސިލު ނުވެ ތިބެގެންނެވެ.

ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތަކާއެކު ފެށި ރޭގެ މެޗުގެ 86 ވަނަ މިނެޓާ ހަމައަށް ދިވެހި ސަޕޯޓަރުން ދިޔައީ ގައުމީ ދަނޑު ގުގުމަމުންނެވެ. ފަހިވި ކޮންމެ ފުރުސަތަކާއެކު ގޯލަކަށް އިންތިޒާރުކޮށް، "ގޯލެއް، ގޯލެއް، ގޯލެއް" ގޮވަމުން ދިޔައެވެ. ފުރުސަތުތަކާއެކުވެސް ގޯލެއް ނުޖެހި މެޗުގެ ފަހު ފަސް ވަރަކަށް މިނެޓާ ހަމައަށް ދިއުމުން އެތަކެއް ސަޕޯޓަރުންނެއް ފެނުނީ "ޓެންޝަން"ގައި ތިބި ތަނެވެ. ރަތް ކުލައިން ޖަރީވެފައި ތިބި ހޯމް ސަޕޯޓަރުން ރޮއްވާލީ ނޭޕާލުގެ މަނީޝް ޑަންގީ ހަލުވި ސްޕީޑުގައި އެކަނި އަރައި ރާއްޖެ ކޮޅަށް ފަހު ވަގުތު ޖެހި ގޯލުންނެވެ. މުޅި ދަނޑު ހަމަހިމޭންވިއެވެ. ދެން ފެނުނީ ދެކޮޅަށްވެސް ސަޕޯޓަރުންގެ ވާހަކަތައް ދެކެވެން ފެށިތަނެވެ.

"އަދިވެސް ތިބޭނީ ގައުމީ ޓީމާއެކުގައި، ހެޔޮ ބަލިވިޔަސް،" ބައެއް ސަޕޯޓަރުން ދަނޑުން ނުކުމެ ބުނަމުން ދިޔައީ މިހެންނެވެ. "މިއީ މުސްކުޅިން ލައިގެން ވާނެ ވަރަކީ،" އަނެއް ބައި ސަޕޯޓަރުންގެ ރާގާއި ބަސްމަގު މުޅިން ތަފާތެވެ. މިއީ މުބާރާތުގެ ކުރިންވެސް އަންދާޒާ ކުރެވުނު ވާހަކަތަކެކެވެ. އަޅުގަނޑުގެ އަންދާޒާއެއް ނޫނެވެ. އެ ޕްރެޝަރުގެ އަންދާޒާއަކީ މާޒީގެ އަލީގައި ކުރީގެ ކުޅުންތެރިންނާއި ތަޖުރިބާކާރުންވެސް ކުރި އަންދާޒާއެކެވެ. ހާއްސަކޮށް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ރަން ކެޕްޓަން އަައްސަދު އަބްދުލްޣަނީ "ވަން ޕްލަސް"އަށް ކިޔައިދިން ތަޖުރިބާގެ ވާހަކަތަކުގައިވެސް ސަޕޯޓަރުންނަށް އެ މެސެޖު ވަނީ ފުންކޮށް ދީފައެވެ.

"މުޅި މުބާރާތް ރާއްޖޭގައި އޮތުމަކީ ޕްރެޝަރެއް. އޭގެ އެއް ސަބަބަކީ ކުޅިވަރާ ދޭތެރޭގައި ރައްޔިތުން، ނޫނީ ސަޕޯޓަރުން ދެކޭ ގޮތް. އެއީ ދަނޑަށް މީހުން ނުވަދެ އޮތުމާއި، ފަހަކަށް އައިސް ގައުމީ ޓީމު ކުޅުނުއިރު މީހުން ދަނޑަށް ވަންނަ ގޮތާއި، ދެކެވެމުންދާ ވާހަކަތަކާއި މިހުރިހާ އެއްޗަކަށް ބަލާފައި މިހާރު ތިބި ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑު ޕްރެޝަރެއް އޮންނާނެ ހަގީގަތުގައިވެސް. އެ ކުދިންގެ ސިކުނޑީގައި އެކަން ހިނގަމުންދާނެ މިހާރުވެސް. ބަލިވެއްޖެއްޔާ ސަޕޯޓަށް ވާނެ ގޮތާއި، ޓީމު ތެރޭގައި ވާނެ ގޮތާއި، އެ ހުރިހާ ކަމަކާއެކު ވަރަށް ބޮޑު ޒިންމާއެއް އެކުދިންގެ ބޮލުގައި އެޅިފައި މި އޮންނަނީ،" އޭނާ ބުންޏެވެ.

އައްސަދު ބުނިގޮތުގައި ކުޅުންތެރިންގެ އިތުރުން ކޯޗިން ސްޓާފާއި އެފްއޭއެމްގެ ހިންގުންތެރިންގެ ބޮލުގައި ވެސް އޮތީ ބޮޑު ޒިންމާއެއް އެޅިފައެވެ. މާހައުލު އޮތް ގޮތުން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތް ބައެއް މީހުން ގަބޫލުނުކުރާނެ ކަމަށް އައްސަދު ބުންޏެވެ.

"އެކަމަކު ދިވެހީންގެ ލޭގައި ހުރި ކަމެއް ގައުމީ ޓީމަށް ސަޕޯޓު ކުރަމަކީ، އެހެންވީމަ ގައުމީ ޓީމު ކުޅެންޏާ އެ ސަޕޯޓަރު ލިބޭނެ. އެހެންނަމަވެސް މިއަދު އޮތް ހާލަތުން ވަރަށް ޕްރެޝަރު ބޮޑުވާނެ މުބާރާތް މާލޭގައި ކުޅެން ޖެހުން،" ގައުމީ ޓީމަށް އޮތް ޕްރެޝަރުގެ ވާހަކަދައްކަމުން އައްސަދު ބުންޏެވެ.

އެ ޕްރެޝަރު އަންނާނެތީ އެ ޕްރެޝަރުގެ ތެރެއިންވެސް ހިތްވަރު ކުރަން ތިބި ސަޕޯޓަރުންނަށް އައްސަދު ވަނީ ހާއްސަ މެސެޖެއް ދީފައެވެ. އައްސަދު ހުރިހާ ދިވެހި ރައްޔިތުންގެ ގާތުގައި އެދުނީ ކޮންމެ ހާލަތެއްގައިވެސް ދިވެހި ޓީމަށް ހިތްވަރުދީ، ހެޔޮ ދުއާ ކޮށްދިނުމަށެވެ.

"2008 ވަނަ އަހަރު ތަށި އުފުލާލެވުނީ ކުޅުންތެރިންނާއެކު ކުރި މަސައްކަތުން. އެ ތަށި އުފުލާލަން ލިބުނު ހިތްވަރަކީ ސަޕޯޓަރުން އެ ދިން ސަޕޯޓު. އެހެންވީމަ މިއަދު އޮތް ޒުވާން ޓީމަށްވެސް 2008 ގައި ދިން ސަޕޯޓު ދެއްވަދޭށޭ. އެ ކުދިންނަށް މި ތަށި ރާއްޖޭގައި ބަހައްޓަން ފުރުސަތު ފަހިކޮށްދޭށޭ. ތިޔަ ރައްޔިތުންދޭ ލޯތްބާއި ހެޔޮ ދުއާއޭ އެކުދިންގެ ހިތްވަރަކީ. އެ ކުދިންނަށް ލިބިގެންދާނެ ހިތްވަރަކީ ތިޔަ ރައްޔިތުން ދެއްވާ ތަރުހީބު. އެހެންވީމަ އެކަން މުޅި މުބާރާތުގައި މެދުކެނޑުމެއް ނެތި ކޮށްދޭށޭ،" އައްސަދު "ވަން ޕްލަސް"އަށް ބުނެފައިވެއެވެ.

މުބާރާތުގެ ކުރިން ދިން އެ މެސެޖުގެ އިތުރުން ޓީމު ފުރަތަމަ މެޗުން ބަލިވުމުންވެސް އައްސަދު ދިނީ އެ ރޫހުގެ ގައުމީ މެސެޖެކެވެ. އޭނާގެ ފޭސްބުކުގައި ބުނެފައި ވަނީ މާޔޫސް ނުވުމަށެވެ. އިތުރު ހިތްވަރަކާ އެކީ އެއް ރޫހެއްގައި ނުކުތުމަށް އެދި އައްސަދު ދިނީ ފުރިހަމަ މެސެޖެކެވެ.

"މާޔޫސް ނުވާށޭ. އިތުރު ހިތްވަރަކާއެކީ އެންމެން އެއް ރޫހެއްގައި ނުކުންނާށޭ. ކާމިޔާބަކީ ތެދުވެރިކަމާއި ބުރަ މަސައްކަތުން ހޯދޭނެ އެއްޗެކޭ. ފުރަތަމަ ބަައްޔަކީ ފައިނަލަށް ނުދެވެންވީ ސަބަބެއް ނޫން. ގައުމީ ޓީމަށްޓަކައި އަބަދުވެސް ފަހުރުވެރި ވަން. ދިވެހި ޓީމަށް އަބަދުވެސް އެދެނީ ކާމިޔާބު ލިބުމަށް،" އައްސަދުގެ މެސެޖުގައި ބުނެފައިވެއެވެ.

ކޯޗު އަލީ ސުޒޭންވެސް މެޗަށްފަހު ވާހަކަދައްކަމުން ފާހަގަކުރިހެން ހާލަތު އުނދަގޫ ވެއްޖެއެވެ. ދެން އޮތީ އެކުގައި އެ ހާލަތަށް ހައްލެއް ހޯދުމެވެ. އެ ހައްލުގައި ތިޔަ ހުރިހާ ސަޕޯޓަރުންގެ ހިއްސާ ހިމެނޭނެއެވެ. އެ ހައްލަކީ ތިޔަ ގައުމީ ރޫހުގެ ހިތްވަރުގަދަ 12 ވަނަ ކުޅުންތެރިންނާއެކު ނޫނީ ގައުމީ ޓީމަށް ނުހޯދޭނެ ހައްލެކެވެ. ކުރީގެ ކެޕްޓަން އައްސަދުގެ ވިސްނުގައި ދެން އޮތް މެޗަށް ދަމާ ހިނގާށެވެ.