ރާއްޖޭގައި އެހެން ދީން ތަކުގެ މީހުނަށް އަޅުކަން ކުރެވޭނެ ގޮތް ހަދަން ގޮވާލައި، މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ދެއްވި ވާހަކަ ތަކަކީ މުސްލިމަކު ދައްކަން ހެޔޮ ވާވަރުގެ ވާހަކަތަކެއް ނޫން ކަމަށް އިސްލާމިކް މިިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ. ޒާހިރު މިއަދު ވިދާޅުވީ، އެ ދުވަހު ޖާބިރު މަޖިލީހުގައި ދައްކަވާފައިވާ ވާހަކަތަކަކީ، ގާނޫނުތަކާ ވެސް ހިލާފު ވާހަކަތަކެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނަމަވެސް ވާހަކަ ދައްކަން ޖެހޭނީ، ގާނޫނުއަސާސީ އާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުތަކުގައި ހުރި ކަންތައްތަކާ ފުށު ނާރާ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ގާނޫނުއަސާސީގައި ވެސް އޮވޭ، ރާއްޖޭގައި އޮންނާނީ އިސްލާމް ދީންކަން، އިސްލާމް ދީނާ ހިލާފު ގާނޫނެއް ނުހެދޭނެކަން، އެގޮތަށް ހެދޭ އެއްޗަކީ އެއީ ބާތިލު އެއްޗެއް ކަމަށް، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގައިވެސް މަނާކަމެއް އެއީ އިސްލާމްދީން ނޫން އެހެން ދީނެއްގެ ޝިއާރު ފާޅު ކުރުމަކީ، އެއީ ދީނީ މަސްލަހަތު ގެއްލޭ ކަންކަމަށް ގޮވައިލުން، މުސްލިމަކު ދައްކަން ހެޔޮވާވަރުގެ ވާހަކައެއް ނޫން އެއީ،" މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ އެވާހަކައިގެ ސަބަބުން އޭނާ އިސްލާމްދީނުން ބޭރުވެއްޖެ ކަމަކަށް ނުބެލޭނެ ކަމަށެވެ.
"އިސްލާމްދީނުން ބޭރުވެއްޖެ ކަމަކަށް ނުބެލެވޭނެ، އޭނާ ބުނޭ ﷲ އެއްކައުވަންތައޭ، ﷲގެ ފާގިފުޅާއެކީގައޭ، އެއްކައުންތަ ﷲހޭ އެގޮތަށް ވާހަކަ ދެއްކެވި، އެވާހަކަތަކަށް ބަލައިފަ ދީނުން ބޭރުވިކަމަކަށް ނުބެލެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުންނަށް ރާއްޖެ އައިސް ނަމާދު ކުރެވޭ ގޮތް ހެދުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ޖާބިރު ވަނީ ވާހަކަ ދައްކަވައިފައެވެ.
ހެއްކާބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ހެއްކަކީ އަމާނާތެއް ކަމަށެވެ. ކޮންމެ މީހަކުވެސް އެ އަމާނާތް އަދާކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް ހެއްކާބެހޭ ގޮތުން އިރުކޮޅަކު ވާހަކަ ދެއްކެވުމަށްފަހު ޖާބިރު ވިދާޅުވީ އަޅުގަނޑުމެން ދިވެހިންނަކީ އެކި ގައުމުތަކުން ރާއްޖެ އައިސް އުޅޭ ބައެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންނަކީ އެކި ގައުމުތަކުން އައިސް އުޅޭ ވަކަރުގޭ ކުދިން، ވީމާ ބެހިގެން މިތަނަށް އައި މީހުންކަން ކިތަންމެ ރީތިކޮށް ހުރި ޅ އެއްވިޔަސް ވަކަރުގޭ ކުދިން ވާނީ ހަމަ ވަކަރުގޭ ކުދިންނަށް،" ޖާބިރު ވިދާޅުވިއެވެ.
އަޅުގަނޑުމެން ރާއްޖެ އައީ އެކި ތަންތަނުގައި ފިލައިގެން އުޅުމަށްފަހުގައި ކަމަށާއި، ހަގީގަތަކީ އަޅުގަނޑުމެންނަކީ އެކި ގޮތްގޮތުން ރާއްޖެ އައިސްފައި ތިބި ބަޔަކަށް ވުން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އަޅުގަނޑުމެން ތަހުޒީބު ވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން ކިތަންމެ ރީތި ރަން ވިދާ ހެދުމާއި މީއްޗިހި ލިޔަސް އަޅުގަނޑުމެން ތަހުޒީބު ވާން ޖެހޭ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ޝަރީއާ ތަހުޒީބު ކަމަށާއި، ކީރިތި ގުރުއާން ތަހުޒީބު ކަމަށެެވެ. އަދި މާތް ﷲ ވޮޑިގެންވާ ކަމަށާއި، ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރު ފުޅާއެކު އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން ކަމަށެވެ. މި ރާއްޖޭގައި މާމޮޅު ދީންވެރިޔަކު ނެތް ކަމަށާއި، ނަމަވެސް އެންމެންނަކީ ނަމާދު ކުރާ މީހުން ކަމަށްވެސް ވިދާޅުވިއެވެ.
ދެން ވިދާޅުވީ "އެެހެން ދީންތަކަށް މިރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތުގެ މައްޗަށް ލަކުމް ދީނުކުމް ވަލިޔަދީން މިގައުމުގައި އުފައްދަން އެބަ ޖެހޭ، މާނައަކީ އެހެންދީންތަކުގެ މީހުންނަށް އައިސް ނަމާދުކޮށް މިތާނގައި އުޅެވެން ވާނެ،" ކަމަށެވެ.
ޖާބިރުގެ ވާހަކަތަކާ ގުޅިގެން މަޖިލިސް އިދާރާއިން ވަނީ ޖާބިރުގެ މައްސަލަ ބަލަން ފަށައިފައެވެ. އަދި އެ މައްސަލައުިގައި ޖާބިރު ވަގުތުން ހައްޔަރު ކޮށް، ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކާށިދޫ ކައުންސިލުން ވަނީ ގޮވާލައިފައެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު