މަލޭގެ ހޮޓަލެއްގައި ރޫހާނީ ފަރުވާ ކްލާސްތަކެއްގެ ނަމުގައި ހިންދޫ ދީން ފަތުރަން އައި ކަމަށް ތުހުމަތު ކުރެވޭ ހިންދޫ ފާދިރީ އާއި އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ޑރ. ގަނޭޝް ޑުބޭ ނަމަކަށް ކިޔާ އެ މީހާ ވަނީ، ރާއްޖޭގައި ރޫހާނީ ފަރުވާ ކްލާސްތަކެއް ހިންގުމަށް ރާއްޖެ އައިސްފައި ހުރި ކަމަށް ބުނެ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އިޝްތިހާރު ކޮށްފަ އެވެ. އަދި އެ ކުލާސްތަކުގައި ބައިވެރިވާން 100 އެމެރިކާ ޑޮލަރު ނަގަ އެވެ.

ފުލުހުންގެ މީޑިއާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ހުރި އެ މީހާ، ދިމާވާ ގޮންޖެހުންތަކަކަށް ރޫހާނީ ހައްލު ހޯދައިދޭން ދަސްކޮށްދޭ ކްލާސްތަކެއް ހިންގާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިވާކަން އެ އިދާރާގެ ސަމާލުކަަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން އެ މީހާއާއި އެކަމުގައި ބައިވެރިވި ކަމަށް ބެލެވޭ އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމުންގެންދާ ކަމަށްވެސް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާބެހޭ ގާނޫނާ ހިލާފުކަމަކަށްވާތީ، އެ ކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ބެލުމުގެ ދަށަށް ގެނައި މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ފުލުހުން މިހެން ބުނި އިރު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވަނީ، ހިންދޫ ދީނުގެ އެ ފާދިރީގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގައި ބުނާ ގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި މީހުންގެ މެދުގައި ދީނީ ގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަދެއްކުމާއި އެފަދަ ގޮތް ގޮތަށް އަމަލުކުރުމާއި މި އިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ މަނާ ކަމެކެވެ.