އައްޑޫ ސިޓީގައި އިމާރަތްކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

އައްޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަދި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުން މިހާރުވެސް ގެންދަނީ އައްޑޫގައި ހަތަރު މިސްކިތެއްގެ މަސައްކަތް ކުރަމުން ކަމަށާއި ސްކޫލު ދަރިވަރުންނާއި އާންމު ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީން ގެންދަނީ ދީނީ ޕްރޮގްރާމުތައް ރާވައި ހިންގަމުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން އައްޑޫގައި ފަށާފައިވާ މަޝްރޫއުތަކުގެ މަސައްކަތް ނިމުމުން އައްޑޫ މުޅިން ބަދަލުވެގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ މި ސަރުކާރުން މިސްކިތްތަކާއި އެކި މަޝްރޫއުތައް ބިނާކުރުމަށް، ހަމައެކަނި ބިންގާ އެޅުމަށްފަހު ދޫނުކުރައްވާ ކަމަށާއި މި ސަރުކާރުން ފަށަނީ އެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ކަމަށެވެ. އެގޮތުން މިއަދު އަމަލީ މަސައްކަތް ފެށި އިސްލާމީ މަރުކަޒަކީ މިސްކިތެއްގެ އިތުރުން ދީނީ ތަފާތު ޕްރޮގްރާމުތައް ހިންގޭނެ ގޮތަށް ހަދަމުން އަންނަ މަރުކަޒެއް ކަމަށެވެ.

އަދި އެފަދަ ބިނާތަކަކީ އިސްލާމީ ޝިއާރު ފާޅުކުރުމަށް ކުރާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ގިނަ އުމްރާނީ ތަރައްގީތަކެއް ގެނެސްދެއްވާފައިވާ ކަމަށާއި އައްޑޫ އިސްލާމީ މަރުކަޒަކީ އެކަމުގެ ރަމްޒެއް ކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ. އަދި އައްޑޫ އިސްލާމީ މަރުކަޒުގެ ޑިޒައިނަކީ ރައީސް ސޯލިހު ހިޔާރުކުރެއްވި ޑިޒައިނެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން މިހާތަނަށް 12 މިސްކިތެއްގެ މަސައްކަތް ނިމިފައިވާ އިރު، 19 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެއިން ކޮންމެ މިސްކިތަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާ މިސްކިތްތަކެއް ކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މި ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، މަސައްކަތުގެ ކޮންޓްރެކްޓަރުންވެސް އެހީތެރިކަންދީ، އެއްބަސްވެފައިވާ މުއްދަތަށް އެ މަސައްކަތް ނިންމަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެ ރަށެއްގައި ބިނާކުރުމަށް ކަނޑައެޅޭ މިސްކިތުގެ ޖާގަ ކުޑަވުމުގެ މައްސަލަ ދިމާވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫ މޭޔަރު ނިޒާރު ވަނީ ރާއްޖޭގައި ދީނީ ޝިއާރުތައް ކުރިއަރުވައި، އެފަދަ ބިނާތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރަތްކުރާ އިރު، އެފަދަ ގިނަ މުހިންމު މަޝްރޫއުތަކެއް އައްޑޫގައި ކުރިއަށްގެންދާތީ ޝުކުރު އަދާކުރައްވައިފައެވެ.

އައްޑޫ ސިޓީ އިސްލާމިކް ސެންޓަރަކީ 1،500 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ ސެންޓަރެކެވެ. އެ ބިނާގައި މަލްޓިޕާޕަސް ހޯލަކާއި، ހަތަރު ކްލާސްރޫމާއި، ދެ ސެމިނާ ރޫމާއި، އިދާރީ މަސައްކަތްކުރުމަށް އޮފީސްބަޔަކާއި، އިސްލާމިކް ލައިބްރަރީއެއްވެސް ހުންނާނެއެވެ.

އިސްލާމިކް މިނިސްޓްރީން އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 55،528،189.74 (55.5 މިލިއަން) ރުފިޔާއަށް 540 ދުވަހުގެ ނިންމާ ގޮތަށެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ މިއަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހުއެވެ.