ރާއްޖެއިން އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވުމާއެކު ވެއްޓުނީ އުނދަގޫ ހާލަތަކަށް ކަމަށާއި ދެން އޮތީ އެ ހާލަތުން އަރައިގަންނަން ހައްލު ހޯދުން ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ރާއްޖެއިން މިރޭ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި ބައްޔަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް ނޭޕާލް ކައިރިން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. ހަމަލާތައް ގިނައިން އުފައްދައި، ރަނގަޅަށް ކުޅެ ރާއްޖެ މެޗުން ބަލިވީ ނޭޕާލުން ފަހު ވަގުތު ޖެހި ގޯލުންނެވެ. 86 ވަނަ މިނެޓުގައި ނޭޕާލުގެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް މަނީޝް ޑަންގީއެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ސާފް ޗެމްޕިއަންޝިޕް ދިފާއުކުރުމަށް މިފަހަރު ރާއްޖެ ނުކުތީ ތިންވަނަ ފަހަރެއްގެ އަޒުމުގައެވެ. މިރޭގެ ނަތީޖާއާއެކު އެކަމަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.
"ފުރަތަމަ މެޗު ގެއްލިގެންދިއުމަކީ ޕްރެޝަރެއް. ޝައްކެއް ނެތް ކަމެއް. މިހާރު މި އޮތީ ކުރިއަށްވުރެ އުނދަގޫ ހާލަތެއް. ދެން އެއަށް ގޮތްތަކެއް ރާވައިގެން ހައްލު ގެންނަން ޖެހޭނީ. ރަނގަޅަށް ކުޅެވުނު ދުވަހެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔަ މެޗުގެ ބައެއް ހާލަތްތަކުގައި. އެހެން ނަމަވެސް ކައުންޓާ އެޓޭކްގައި ޓީމު ޕްރެޝަރަށް ވެއްޓިގެންދިޔަތަން ފެނިގެން މިދިޔައީ. ދެ ތިން ފަހަރެއް ދިޔަ އެފަދަ ހާލަތްތަކެއް. އޭގެ ތެރެއިން އެއް ފަހަރު ނޭޕާލުން މި ސްކޯކުރީ. ނޭޕާލަށް މަރުހަބާ ކިޔަން،" ސުޒޭން ބުނެފައިވެއެވެ.
ސުޒޭން ބުނެފައި ވަނީ މެޗު ފެށި ގޮތުންވެސް ނޭޕާލުން ކައުންޓާ އެޓޭކަށް ވިސްނާފައި ހުރިކަން އެނގުނު ކަމަށާއި ރާއްޖޭގެ ސްޓައިލުން އެނގުނު އެއް ކަމަކީ ބަލިވީ ފިޓްނަސްގެ މައްސަލައަކުން ނޫން ކަމަށް ކަމަށެވެ. އަދި ބުނީ މި މެޗުން ބަލިވިޔަސް އުންމީދު ކަނޑާލަން އަދި ނުވޭ ކަމަށާއި ކަންކަން ރަނގަޅުކޮށް ހައްލު ހޯދައިގެން ކުރިއަށް ދާނެ ކަމަށެވެ.
ރާއްޖެއިން މުބާރާތުގައި ކުޅޭ ދެވަނަ މެޗަށް ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު