އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ހިތްދަތި ގޮތަކަށް ނޭޕާލް އަތުން ބަލިވެއްޖެއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި ބައްޔަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް ނޭޕާލް ކައިރިން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. ހަމަލާތައް ގިނައިން އުފައްދައި، ރަނގަޅަށް ކުޅެ ރާއްޖެއިން މެޗުން ބަލިވީ ނޭޕާލުން ފަހު ވަގުތު ޖެހި ގޯލުންނެވެ. 86 ވަނަ މިނެޓުގައި ނޭޕާލުގެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް މަނީޝް ޑަންގީއެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ސާފް ޗެމްޕިއަންޝިޕް ދިފާއުކުރުމަށް މިފަހަރު ރާއްޖެ ނުކުތީ ތިންވަނަ ފަހަރެއްގެ އަޒުމުގައެވެ. މުޅި ގައުމު އެކުގައި އެ އަޒުމުގައި އޮތްކަން މެޗުގައި ފެނުނު މަންޒަރުތަކުން ދޭހަވިއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ޖާޒީގައި މެޗު ބެއްލުވުމަށާއި، ގައުމީ ޓީމަށް ތަރުހީބު ދެއްވުުމަށް ދަނޑަށް ވަޑައިގެންފައިވެއެވެ.
ރާއްޖޭގެ ސަޕޯޓަރުންގެ ރަތް ކުލައިން ދަނޑު އެއްކޮށް ފެންނަމުން ދިޔަ އިރު، މިރޭގެ މެޗު ފެށީ ހިތްގައިމު ހުޅުވުމުގެ ރަސްމިއްޔާތަކުންނެވެ. ބަޑިބޭހުގެ ކުޅިވަރުތަކާއެކު ސަގާފީ ހަރަކާތްތަކަވެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ފެނިފައިވެއެވެ.
މެޗު ރަނގަޅު ޓެމްޕޯއެއްގައި ފެށީ ދިވެހި ރާއްޖެއިންނެވެ. ފުރަތަމަ ފަސް މިނެޓު ތެރޭގައިވެސް ފުލުފުލުގައި ނުރައްކާތެރި ދެ ހަމަލާއެއް އުފެއްދި ތަން ފެނިގެން ދިޔައެވެ. އެ ދެހަމަލާގެ ވެސް މޭސްތެރިއަކީ ލެޖެންޑަރީ ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ)އެވެ. އަރިމަތިން ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކަށް އޭރިއާ ތެރެއަށް ވަދެ ދަގަނޑޭ ފޮނުވާލި ހަމަލާ ނޭޕާލް ގޯލްކީޕަރު ކިރަން ކުމާރު ޕަންޗުކޮށް ބޭރުކޮށްލުމުން ދެވަނަ ފަހަރަށް ފޮނުވާލަންވެސް ހަމްޕުއަށް ލިބުނެވެ. ރީބައުންސްގައި ހަމްޕު ބޯޅަ ފޮނުވާލި ނަމަވެސް ނޭޕާލް ޑިފެންޑަރު ވަނީ އެ ހަމަލާ ބްލޮކް ކޮށްފައެވެ.
ވާރޭގެ ސަބަބުން ދަނޑު ވަރަށް ބޮޑަށް ތެމިފައި އޮތުމުން އެކަމުގެ އުނދަގޫތައް ދެޓީމަށްވެސް ކުރަމުން ދިޔަ އިރު، ގައުމީ ރަތް ކުލައިން މުޅި ސްޓޭޑިއަމް އޮތީ ޖޯޝުގައެވެ. ގައުމީ ޓީމަށް ސަޕޯޓު ކުރުމުގެ އަޑު ބޮޑުބެރުން ގުގުމަމުން ދިޔައީ "މަހަލްދީބު، މަހަލްދީބު"ގެ ޗޭންޓުތަކާ އެކުގައެވެ.
ރާއްޖެއިން މެޗުގެ ކުރީކޮޅުގައި އުފެއްދި ދެވަނަ ހަމަލާއަކީ ހަމްޕުގެ ބޯޅައަކުން ދަގަނޑޭ އުފެއްދި ހަމަލާއެކެވެ. އެ ފުރުސަތުގައި ދަގަނޑޭ ފޮނުވާލި ހަމަލާވެސް މަތަކުރީ ނޭޕާލް ޑިފެންޑަރެވެ. އެންމެފަހުގެ ސާފް ޗެމްޕިއަން ރާއްޖެއިން ކޮންފިޑެންސްގައި ކުޅެމުން ދިޔަ އިރު، އެޓޭކް ލައިނުން ދަގަނޑޭއާއި ހަމްޕުގެ ނުރައްކާ ފާހަގަވިއެވެ. ފުރަތަމަ ހާފުގައި އަލީ ފާސިރު (ސެންޓޭ) ބާރު ހަމަލާއެއްގެ އިތުރުން ދަގަނޑޭއަށްވެސް ވަނީ އިތުރު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
އޭގެ ފަހުންވެސް ހާފުގެ ފަހުކޮޅުގައިވެސް ހަމަލާތައް އުފެއްދީ ރާއްޖެއިންނެވެ. ދަގަނޑޭއާއި ސެންޓޭއަށް ލިބުނު ފުރުސަތުތައް ނުރައްކާތެރިކޮށް ފެނުނު އިރު، ގޯލެއް ނުޖެހި ހާފު ނިންމާލަން ޖެހުންވީ ރާއްޖެއަށް މާޔޫސް ކަމަކަށެވެ.
ދެވަނަ ހާފަށް ނުކުމެ ނޭޕާލުން ކުޅުން ރަނގަޅުކުރިއެވެ. ރާއްޖޭގެ ހާފް ތެރެއަށް ކުރިއަށް ޖެހި، ރާއްޖޭގެ ގޯލަށްވެސް އެޓީމުން ނުރައްކާ ކުރިއެވެ. އެގޮތުން ސުޖަލް ފޮނުވާލި ދެ ހަމަލާއެއް ފައިސަލް ފަސޭހަކަމާއެކު ދިފާއުކުރި އިރު، ރާއްޖޭގެ އެޓޭކުތައް ހުއްޓުވުމުގައިވެސް ނޭޕާލް ފެނުނީ ކާމިޔާބީތަކެއް ހޯދިއެވެ.
ހާފުގެ ކުރީކޮޅުގައި ނޭޕާލުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ރާއްޖެއިން ވަނީ އަނެއްކާވެސް މެޗުގެ އޮއިވަރު ބަދަލުކޮށްލައިފައެވެ. ސަމޫހު އަލީ (ސަމުއްޓެ) ހިލޭ ޖެހުމަކަށް އަރައި ފޮނުވާލި ބޯޅަ ނޭޕާލް ގޯލްކީޕަރު ކިރަން ހުޝިޔާރު ކަމާއެކު ދިފާއުކުރި އިރު، ދަގަނޑޭއަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތު ބާރަށް ފޮނުވާލި ނަމަވެސް ދިޔައީ މަތިންނެވެ.
ގޯލަކަށް ރާއްޖެއިން ބުރަކޮށް މަސައްކަތް ކުރަމުން ދިޔައީ އެޓޭކު ލައިނަށް ގެނައި ބަދަލުތަކަކާ އެކުގައެވެ. ނާއިޒް ހަސަން (ދާދު) އާއި އިސްމާއީލް އީސަ (މެސީ) ގެ އިތުރުން އިބްރާހީމް ވަހީދު (އިއްބެ) ވެސް ދަނޑަށް ނެރެފައިވާ އިރު، އޭގެ ތެރެއިން އެންމެ ނުރައްކާކޮށް ފެނުނީ ދާދުއެވެ. ދާދު ފައިގައި ޖެހޭ ކޮންމެ ބޯޅައެއްވެސް ނުރައްކާކޮށް ފެނިގެން ގޮސްފައިވާ އިރު، އޭނާ ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތިން ދިޔައީ ހުރަސް ދަނޑީގައި ކޭއްތި ލައިފައެވެ.
ގޯލަކަށް ރާއްޖެއިން ގާތަށް ޖެހެމުން ގޮސް ޓީމު އެއްކޮށް އެޓޭކަށް ޖެހިލިއެވެ. އޭގެ ފައިދާ ނޭޕާލުން ނެގީ ނުރައްކާތެރި ކައުންޓާ އެޓޭކެއްގައެވެ. މެޗުގެ 86 ވަނަ މިނެޓުގައި ނޭޕާލުގެ މަނީޝް ޑަންގީގެ ބާރު ދުވެލީގައި ރާއްޖޭ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. ޑިފެންޑަރުންނަށް އެ ކައުންޓާ ހުއްޓުވަން ފަހަތަށް ފޭބޭ ގޮތް ނުވި އިރު، އެ ގޯލާއެކު ނޭޕާލުން ހޯދީ، ސާފް ޗެމްޕިއަންޝިޕް ތާރީހުގައިވެސް ރާއްޖެ ކައިރިން އެގައުމު ހޯދި ފުރަތަމަ މޮޅެވެ.
ރާއްޖެއިން މުބާރާތުގައި ކުޅޭ ދެވަނަ މެޗަށް ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް