ބަންގްލަދޭޝް އިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން މޮޅުވި ނަމަވެސް، އެޓީމަށް ގޯލު ނުޖެހުމުގެ މައްސަލަ ބޮޑު ކަމަށް ކޯޗު އޮސްކާ ބްރޫޒޯން ބުނެފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ސާފް ޗެމްޕިއަންޝިޕް 2021 ގެ ފުރަތަމަ މެޗުގައި ބަންގުލަދޭޝް އިން ލަންކާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗަށް ގިނަ އަދަދެއްގެ ބަންގުލަދޭޝް ސަޕޯޓަރުން ދަނޑަށް ވަދެފައިވާ އިރު، ސަޕޯޓަރުން ހެއްވާލީ ޓޯޕޫ ބާމަން ޖެހި ޕެނަލްޓީއާ އެކުގައެވެ. މެޗުގެ ފަހު ހާފުގެ ބޮޑުބައި ލަންކާއިން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ޑިފެންޑަރު ޑަކްސަން ޕުސްލަސް އަށް ރަތް ކާޑު ދެއްކުމުންނެވެ.

އެ ރަތް ކާޑާއެކު ބަންގްލަދޭޝްއަށް މެޗު ހުޅުވާލައި، ހަމަލާތައް އުފައްދަން ފުރުސަތުތަކެއް ފަހިވެގެން ގޮސްފައިވީ ނަމަވެސް އެޓީމަށް އިތުރު ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. ގިނަ ފުރުސަތުތަކެއް ބޭކާރު ވެގެން ގޮސްފައިވާއިރު، ވަރުގަދަ ފޯވަޑެއް ނެތްކަން ފާހަގަވިއެވެ.

"ރަނގަޅު ކުރަން ޖެހުނު ކަމަކީ ގޯލު ޖެހުން. ބަންގްލަދޭޝް އަށް ރަނގަޅު ރީތި ފުޓުބޯޅައެއް ކުޅެވޭ. އެކަމަކު ގޯލު ޖެހުމަށް މައްސަލަތަކެއް ދިމާވި. އެހެންނަމަވެސް ޓީމުގެ ކުޅުމަށް 100 ޕަސެންޓް ހިތްހަމަ ޖެހޭ. އެކަމަކު މެޗުން ރަނގަޅު ކުރަން ޖެހޭ ކަމެއް ފެނުނު. އެއީ ގޯލު ޖެހުން. ފުރުސަތު ލިބުނު ހުރިހާ ގޮތަކުން. ސެޓް ޕީސްތަކާއި ކޯނަރުތަކުން، އޭގެ އިތުރުން ހަމަ އޯޕަން ކުޅުމުންވެސް ފުރުސަތު ލިބި ގޯލް ނުޖެހުނު،" އޮސްކާ ބުނެފައިވެ އެވެ.

އެ މައްސަލައަކީ މުބާރާތުގެ ކުރިންވެސް ހައްލުކުރަން ބަންގްލަދޭޝް އިން މަސައްކަތް ކުރި މައްސަލައެކެވެ. ނައިޖީރިއާ އަށް އުފަން އެލެޓާ ކިންގްސްލީ ޓީމުގައި ޖަހައިގެން ބަންގްލްދޭޝް އިން އޭނާ ސާފަށް ގެންނަން މަސައްކަތް ކުރި ނަމަވެސް ފީފާގެ ރަޖިސްޓްރީ ކަންކަން ނުނިމުމުން ކިންގްސްލީ ގެނެވޭ ގޮތެއް ނުވިއެވެ.

އޮސްކާ ބުނީ އިއްޔެގެ މެޗަށް ބަލާއިރު ބަންގްލަދޭޝް މާ ބޮޑަށްވެސް ފިޒިކަލީ ރަނގަޅު ކަމަށާއި، ޕްރެޝަރާއެކު ލަންކާ ކައިރިން ހޯދުނީ ހައްގު މޮޅެއް ކަމަށެވެ.

"އެނގޭ މެޗު އުނދަގޫވާނެ ކަންވެސް. މެޗުގެ ގިނަ ވަގުތުތަކުގައި ކޮމާންޑް ކޮށް ކުޅުނީ ބަންގްލަދޭޝް އިން. ފުރަތަމަ ހާފްގައި ލަންކާއިން ޑިފެންސް ކުރީ ވަރަށް ދަށް ކޮށް. އެހެންވެ އަހަރެމެންނަށް ފުރުސަތުތަކެއް ފަހިވި. އެ ޕްރެޝަރުގައި ދެވަނަ ހާފަށް ނުކުމެ ތަފާތު ދެއްކުނު. ފިޒިކަލީ ބަލާއިރު އަހަރެމެންގެ ކުޅުންތެރިން މާ ބޮޑަށްވެސް ރަނގަޅު. މާބޮޑަށްވެސް ވަރުގަދަކޮށް ބުންވަރުވެސް ރަނގަޅުކޮށް ފެނުނީ،" އޮސްކާ ބުނެފައިވެ އެވެ.

ބަންގްލަދޭޝް އިން މުބާރާތުގައި ދެން ކުޅޭނީ އިންޑިއާއާ ދެކޮޅަށެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު ކުޅޭ މެޗު އޮންނާނީ އެ ދުވަހު ހަވީރުއެވެ.