ބަންގްލަދޭޝްގެ ލީގު ފުޓުބޯޅަ ނިމި ގައުމީ ޓީމުގެ ތައްޔާރީއަށް ލިބުނީ ގާތް ގަނޑަކަށް ހަފުތާއެއް ދުވަސް ކަމަށާއި، އެ މުއްދަތުގައި ޓީމު ތައްޔާރުކުރަން އުނދަގޫވި ނަމަވެސް، އެއީ ނުކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ކޯޗު އޮސްކާ ބްރޫޒޮން ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕަށް މިފަހަރު ބަންގްލަދޭޝް އައީ ކުއްލިއަކަށް ކޯޗު ބަދަލު ކޮށްގެންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝް ފެޑަރޭޝަނުން ކޯޗު އޮސްކާއާ ގައުމީ ޓީމުގެ ކޯޗުކަން ހަވާލު ކޮށްފައި ވަނީ ސީދާ ސާފް ޗެމްޕިއަންޝިޕަށް ޓާގެޓް ކޮށްގެންނެވެ. ކުރިން މަގާމުގައި ހުރި ޖޭމީ ޑޭ މަގާމުން ކުއްލިއަކަށް ވަކިކޮށް، އެގައުމުގެ ލީގުގައި ކާމިޔާބީތަކެއް ހޯދި ކޯޗު އޮސްކާއާ ޓީމު ހަވާލު ކޮށްފައި ވަނީ މުބާރާތް ހޯދުމަށް ޓާގެޓް ކޮށްގެންނެވެ.

އޮސްކާއަކީ ސްޕެއިންގެ ކޯޗެކެވެ. އޭނާއަކީ މި ސަރަހައްދުގެ ފުޓުބޯޅައިގެ ތަޖުރިބާ ބޮޑު މޮޅު ކޯޗެކެވެ.

އޮސްކާ ވަނީ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗުކަން ކޮށްދީފައެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ރާއްޖޭގެ ނިއު ރޭޑިއަންޓާއެކު އެއް ސީޒަނެއްގައި ޕްރެސިޑެންޓްސް ކަޕާއި، ދިވެހި ލީގު އަދި އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފަ އެވެ. އޭގެ ކުރިން އިންޑިއާގެ މުމްބާއީ އެފްސީއަށްވެސް އޮސްކާ ކޯޗުކަން ކޮށްދީފައިވާ އިރު، ރާއްޖޭގައި ހޭދަކުރި ދުވަސްތަކަށް ފަހު ދިޔައީ ބަންގުލަދޭޝްގެ ޕްރިމިއާ ލީގަށެވެ. އެ ލީގުގައި އޮސްކާ އަންނަނީ ބަޝުންދުރާ ކިންގްސްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

އޮސްކާ ހަވާލުވި ފަހުން ބަންގުލަދޭޝްގައި ބަޝުންދުރާ ވާދަކުރި ހުރިހާ މުބާރާތެއް ވަނީ ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ގައުމުގެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދައިފައެވެ. ދާދިފަހުން އޮސްކާ ވަނީ ބަޝުންދުރާއާއެކު އޭއެފްސީ ކަޕަށް ވެސް ރާއްޖެއަށް އައިސްފައެވެ. އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި ބަޝުންދުރާ އިން ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެން ގްރޫޕު ނިންމާލީ ދެވަނައިގައެވެ. އެއީ މިހާތަނަށް ބަންގުލަދޭޝްގެ ޓީމުތަކަށް ބަލައި، އޭއެފްސީގެ ރަނގަޅު ނަތީޖާއެކެވެ.

"އަހަންނާ ކޯޗުކަން ހަވާލުކުރި ސަބަބު ސާފުކޮށް ބުނަން އެނގޭނީ ފެޑަރޭޝަނަށް. ފެންނަ ފެނުމަށް މިއީ އަވަސް އަރުވާލައިގެން ނިންމި ނިންމުމެއް ގޮތަށް އޮތަސް އަހަރެން މިކަން މި ކުރަނީ އަހަރެން ދަންނަ ކޯޗިން ސްޓާފުން ވެސް ގެނެސްގެން. އަހަރެމެންގެ ކުޅުންތެރިން ވެސް ގައުމީ ޓީމުގައި ގިނަ. ހަމައެކަނި ބޮޑު ތަފާތެއް މި އަންނާނެ ކަމަށް މި ބަލަނީ ކުޅުމުން. އަހަރެންގެ ނަޒަރުގައި ފެޑަރޭޝަންގެ ވިސްނުންވެސް ހުރީ އެ ގޮތަށް. ލީގުގައި އަހަރެންގެ ޓީމުން ދެއްކި ކުޅުން ތަކުރާރުކުރަން ބޭނުންވާ ކަމަށް ބެލެވޭ. އެއީ އަހަންނާ ޓީމު ހަވާލުކުރުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށް ފެނޭ،" އޮސްކާ ބުނެފައިވެއެވެ.

ޓީމު ތައްޔާރު ކުރަން އޮސްކާއަށް ލިބުނީ ހަފުތާއެކެވެ. އެހެންނަމަވެސް އޮސްކާގެ ކްލަބު ބަޝުންދަރާ ކިންގްސްގައި ހިމެނުނު ގިނަ ކުޅުންތެރިން ގައުމީ ޓީމުގައި ހިމެނުމާއި، ލީގު ނިމުން ލަސްވުމުން ކުޅުންތެރިން ގައުމީ ޓީމަށް ހާނުވަން އުނދަގޫތަކެއް ކުރިމަތި ނުވާ ކަމަށް އޮސްކާ ފާހަގަކުރިއެވެ.

"ބުރަ ހަފުތާއަކަށްފަހު ޓީމު އޮތީ ތައްޔާރަށް. ވަރަށް ކޮންފިޑެންސާއެކު ޓީމު މިވަގުތު އޮތީ. މި ފުރިހަމަ މުބާރާތް ފަށަން ތައްޔާރަށް ޓީމު އޮތީ. ރާއްޖެއަށް ޝުކުރު އަދާކުރަން މުބާރާތް ހޯސްޓް ކުރާތީ. އެއް ހަފުތާ ތެރޭ ޓީމު ތައްޔާރުކުރުން އުނދަގޫ، އެކަމަކު، ނުވާނެ ކަމެއް ނޫން. އެކަމަކު، މިދިޔަ ތިން އަހަރު ބަންގްލަދޭޝް ފުޓްބޯޅަ ބޮޑުތަނުން ކުރިއަރައިފި. އަހަރެން ބޭނުންވަނީ އެ ވާހަކަ ނުދައްކައި އަމަލުން އެކަން ކުރެވޭތޯ ބަލަން،" އޮސްކާ ބުންޏެވެ.

އޮސްކާގެ ވާހަކަތައް ޓީމުތަކުގެ ފީފާ ރޭންކިންއަށް ވަރަށް ބޮޑަށް ބަރޯސާ ކޮށްފައިވެއެވެ. އޮސްކާ ފާހަގަކުރީ ކޮންފިޑެންސް ލެވެލްއަށް ބަލާއިރު، ބަންގްލަދޭޝް އޮތީ ފީފާ ރޭންކިންގެ ގަދަ 10 ގައި ކަމަށެވެ.

"ފީފާގެ ރޭންކިން އިން މި ސަރަހައްދުގައި އަހަރެމެން ދެވަނަ އަށް އެންމެ ދަށު ޓީމަކަށް އޮތިއްޔާ، އަހަރެން ބުނާނީ ކޮންފިޑެންސަށް ބަލާއިރު، އަހަރެމެންގެ ޓީމު އޮތީ ދުނިޔޭގެ ގަދަ 10 އެއް ގައޭ. އެ ވިސްނުމުގައި މެޗުތަކަށް ނުކުންނާނީ. މި ވާހަކަ ދައްކާއިރު ވިސްނާ އެއް ކަމަކީ އޮފިޝަލް ރޭންކިން އަނެއް ކަމަކީ އަން-އޮފިޝަލް ރޭންކިން. އަން އޮފިޝަލް ރޭންކިންއިން އަހަރެން ވިސްނާނީ މިޓީމު އޮތީ ގަދަ 10 ގައޭ. އެއީ ކޮންފިޑެންސަށް ބަލާއިރު،" އޮސްކާ ބުނެފައިވެއެވެ.

އިންޑިއާގެ ފުޓުބޯޅައިގައިވެސް ގިނަ ދުވަސްތަކެއް ހޭދަކުރި އޮސްކާ ބުނެފައި ވަނީ މިފަހަރު މުބާރާތުގެ ފެވަރިޓުންނަކީ އިންޑިއާ ކަމަށެވެ. ބަންގަލަދޭޝްއިން ވިސްނާނީ މެޗަކަށްފަހު މެޗަކަށް ކަމަށާއި، މިއަދުގެ މެޗުގައި ލަންކާ ބަލިކުރަން ޕްލޭނެއް އޮތް ކަމަށްވެސް އޮސްކާ ބުންޏެވެ.

މިއަދު ހަވީރު 4:00 ގައި އޮންނަ މެޗަށް ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނާނެ ކަމަށް އަންދާޒާ ކުރެވެއެވެ. 2016 ވަނަ އަހަރު ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗަށްވެސް ބަންގްލަދޭޝް އެތައް ސަތޭކަ ބަޔަކު ދަނޑަށް ވަދެފައިވާއިރު، ޓީމުގެ ކެޕްޓަން ޖަމާލް ބުޔާން ބުނެފައި ވަނީ ގިނަ ބަންގްލަދޭޝް ރައްޔިތުން ރާއްޖޭގައި އުޅުމަކީ ލިބޭ ފައިދާއެއް ކަމަށެވެ.

"ވަރަށް އުފާވޭ ގިނަ ބަޔަކު ތިބީމަ. އަނެއްކާ އިއްޔެ ވެސް ޕްރެކްޓިސް ބަލާލަން ވަރަށް ގިނަ ސަޕޯޓަރުން އައި މަންޒަރު ފެނުނީމަ ކުޅުންތެރިން ވަރަށް ހިތްހަމަޖެހުނު. އުއްމީދަކީ އެ ސަޕޯޓަރުންނަށް މެޗުގައި ބަދަލެއް ދިނުން،" ޖަމާލް ބުންޏެވެ.