ދިވެހިރާއްޖޭގެ ތާރީޚު

ފުވައްމުލަކު ތާރީހުގެ އެންމެ ހިތާމަވެރި ދަތުރު، "ބުއްރޫހި" ދޯނީގެ އެންމެ ފަހު ދަތުރު

މުނީރު ހަސަން، ޏ. ފުވައްމުލައް

ފުވައްމުލަކު ރައްޔިތުންނަކީ ވެސް ހުވަދު އަތޮޅާއި އައްޑޫ އަތޮޅު ރައްޔިތުންނެކޭ އެއްފަދައިން ފުވައްމުލަކު އޮޑިފަހަރުގަ އާއި ދެފަރާތުގައި އޮންނަ ދެއަތޮޅު ކަމަށްވާ އައްޑޫ އޮޑިފަހަރާއި ހުވަދޫ އޮޑިފަހަރުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށް އުޅުނު ދަތުރުވެރި ބައެކެވެ. އެމީހުން ރާއްޖެއިން ބޭރަށް އާންމުކޮށް ދަނީ ރަށުގެ ބަހުރުވައިން ކޮޅުބަށެވެ. ބައެއް ފަހަރު އޮޅުދޫ ދަތުރުވެސް ކިއައެވެ.

މިގޮތަށް ކުރާ ދަތުރުތަކުގައި ގެންދަނީ ނާރުވައްފަލުދަ އާއި ހިކިކަނޑުމަހާއި އާރޮސް އަދި ރިހަހަކުރާއި ބޮނޑި އާއި ވެށުމާއި ދިވެހިހަކުރާއި ފުއްޕީބަތާއި އޮލްބަތް ފަދަ ބާވަތްތަކެވެ، މީގެ ތެރެއިން ހިކިކަނޑު މަހަކީ އެދުވަސްވަރު ވެސް މިޒަމާނާ އެއްފަދައިން ރަށުން އެންމެ އުނދަގުލުން ލިބޭ މުދަލެވެ. އޭރު ރަށުގައި ބޮއްކުރާ ފަހަރާއި ހަފަލި ދޯނި {ވަދުދޯނި}ފަހަރާއި ދިހަފަލި ދޯނި ފަހަރާއި{މަސްދޯނި} ދަތުރު ދޯނި ފަހަރު ގެންގުޅުނެވެ. ބައެއް މޫސުމުގައި އެން ލިބި ދިހަފަލި ދޯނިފަހަރުގައި އެން ދަމައިގެން މަހަށް ގޮސް މަސްވެރިކަން ނިމޭއިރު މީހަކަށް ދިހަބާރަ ހަންދަރުމަސް ވެސް ލިބިދެއެވެ. އަދި ވަދު ދޯނިފަހަރުގެ މަސްވެރިކަމުން ވެސް ކޮންމެ ވެސް ވަރެއްގެ އާމްދަނީއެއް ލިބެއެވެ. ނަމަވެސް ދަތުރަށް ބޭނުންވާ ވަރަށް ހިކިކަނޑު މަހާއި ރިހާކުރު ނުލިބޭތީ އެތަކެތި ގަންނަން ހުވަދު އަތޮޅަށް ދަތުރު ކުރުމަކީ ވެސް އާދަވެ ކުރާ މަސައްކަތެކެވެ. ހުވަދު އަތޮޅަށް ވިއްކަން ގެންދަނީ ހިއްކި ބަނބުކޭލާއި ދިވެހި ހަކުރާއި ހަކުރުލީ ކޭލާއި ހަކުރުލީ އަލަ ފަދަ ބާވަތްތަކެވެ. ދަތުރު ރާވަނީ ހުވަދުއަތޮޅުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު އެންމެ ރަނގަޅަށް މަސްބާނާ ރަށްރަށަށް ފަހަރަކު ރަށަކަށް ގޮސް ވިޔަފާރި ކުރެވޭ ގޮތަށެވެ.

މިގޮތަށް ކުރި އެއްދަތުރަކީ ފުވައްމުލަކު ރައްޔިތުން އެދަތުރުގެ ހަނދާން ނައްތައި ނުލާނެ ހިތާމަވެރި ހާދިސާއެއް ހިނގި ދަތުރެކެވެ. އެހާދިސާގައި ފުވައްމުލަކުގެ އެކި އަވަށް އަވަށަށް ނިސްބަތްވާ 20 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މި މީހުން ދަތުރުކުރީ ބުއްރޫސް ކިޔާ ދޯނީގައެވެ. އެދޯނި ހުވަދުއަތޮޅުން ފުރައިގެން ރަށަށް ކުރި ދަތުރުގައި ވަނީ ބަންޑުން ޖަހާލައިފައެވެ. އެ ދޯނިން ފުވައްމުލަކުން ހުވަދުއަތޮޅަށް 22 މީހުން ދަތުރު ކުރި އެވެ.

1937 ވަނަ އަހަރު ވިޔަފާރިކަމު ހުވަދު އަތޮޅަށް ދަތުރުކުރި ދޯނިފަހަރުގެ ތެރެއިން ހަތަރު ދޯންޏެއް ވަނީ ގައްދޫން ދިމާވެފައެވެ. އެއީ ކުރީގެ ނަމުންނަމަ ދަޑިމަގު އޮޅޮގިނައިގޭ އަލްމަރުޙޫމާ ޙައްވާދީދީގެ "ބުއްރޫހި" ކިޔާ ދަތުރު ދޯންޏާއި މާދަޑު ވާރުގޭ އަލްމަރުޙޫމް ހަސަންދީދީގެ "ދަތުރު" ދޯންޏަކާއި މާދަޑި އަލިކަލޭގެ އަލްމަރުޙުމް އަލިތަކުރުފާނުގެ ދަތުރު ދޯނީގެ އިތުރުން މާދަޑު ބަޑިއައި އަލްމަރުޙޫމް މަނިކުފާނުގެ ދަތުރުދޯންޏެވެ. މީގެތެރެއިން ފުރަތަމަ ގައްދު އަށް ދިއައީ މާދަޑި އަލްމަރުޙޫމް އަލިކަލޭގެ ފުތުގެ ދަތުރު ދޯންޏެވެ. އެދޯނި އޮތީ 1356 ޖުމާދަލްއާޚިރާ މަހުގެ 2 ވަނަ ދުވަހުގެ ރޭ ރަށަށް ފުރަން ތައްޔާރު ކޮށްފައެވެ. އެހެންކަމުން އެދޯނި އެރޭ ފުރައިގެން ރަށަށް އައިސް އަނެއް ތިން ދޯނި ވެސް 03 ޖުމާދަލްއާޚިރާ 1356 ގައި ރަށަށް އަންނާނެ ކަމުގެ ޚަބަރު ދިނެވެ. އަދި އެދޯނިން ދިއަ ހުސްނުހީނާގޭ އަލްމަރުޙޫމް މުޙައްމަދު ނަޖީބު ގައްދޫ ގައި މަޑު ކުރީ ފަހުދުވަހު ފުރާ ދޯނާޑި އަލްމަރުޙޫމް މުޙައްމަދު ދީދީ އާއިއެކު ރަށަށް އަންނަން ވެގެން ކަމުގެ މަޢުލޫމާތު ވެސް ދިނެވެ. ޖެހިގެން އައިދުވަހު އަލިވިލުނު އިރު ރަށަށް މޫސުން ވަނީ ވަރަށް ގޯސް ވެފައެވެ. އެދުވަސްވަރު ދޮންތައްޚާނުބެއަގެ އަކީ ކުދިން ކިޔަވަން ދާގެއެކެވެ. ދޮންތައްޚާނުބެއަގެ އަލްމަރުޙޫމް ދޮންތުއްތު ދީދީ {އިސްމާއީލް ދީދީ}އަކީ އޭރު އެގެ އަށް ކިޔަވަންދިޔަ ކުދިންނަށް ޤުރުއާނާއި ނަމާދުގައި ކިޔަވާތަކެތި ކިޔަވައި ދެއްވާ އެދުރު މީހާއެވެ. މީގެއިތުރުން އަސްރަފީގޭ އަލްމަރުޙޫމް އިބުރާހީމް ސަޢީދު މޫސާ އާއި އޮޅޮގިނައިގޭ އަލްމަރުޙޫމާ ހައްވާދީދީ ވެސް އެގޭގައި ކިޔަވައި ދެއްވައެވެ. އަލްމަރުޙޫމް އިބުރާހިމް ސަޢީދު އާއި އަލްމަރުޙޫމް ދޮންތުއްތުދީދީ {އިސްމާޢީލްދީދީ}އަކީ އަލްމަރުޙޫމާ ދޮންތައްޚާނުބެއަގެ އަލްމަރުޙޫމް މޫސާދީދީ (ކަތީބު މޫސާދީދީގެ) ކުދިންގެ ތެރެއިން ދެކުދީންނެވެ. އަލްމަރުޙޫމާ ޙައްވާދީދީ އަކީ އަލްމަރުޙޫމް މޫސާދީދީގެ އަނބިކަބަލުންނެވެ.

އެދުވަސްވަރު އެގެއަށް ކިޔަވަންދިޔަ ކުދިންގެ ތެރެއިން ބިލެތްދޫގެ އަޙުމަދު މަނިކު ކިޔައިދިން ގޮތުން އެދުވަހު ކިޔަވަން ތިއްބައި ކުއްލިއަކަށް ހުޅަނގު އުތުރުން އައިބާރުގަދަ ވިލާގަނޑެއްގެ ވަޔާއެކު ބައެއް ރުއްގަސް މުލުން ގޮސް އެ ވިލާގަނޑުގެ ވައި މަޑު ނުވެ މެންދުރާއި ހަމައަށް އޮތެވެ. އެ ދުވަހަކީ ކުރިން ދެންނެވި ތިން ދޯނި ދަތުރުކުރަން ހަމަޖެހިފައި އޮތް ދުވަހެވެ. އަނބުލު އަތިރިމަތީ ހުރި ކަނދުގަހަކަށް އެވިލާގަނޑު އައުމުގެ ކުރިން ތިމަންނާ އަރައި އޮތްވައި ރަށުގެ އުތުރު ކޮޅުން ދޯންޏެއްގެ ރިޔާ ފެނުނު ކަމަށާއި ވިލާގަނޑުގެ ވައި އަންނާތީ އަވަހަށް ފޭބީ ކަމަށް ހޯދަޑު ސަރުސޫނުމާގޭ އަލްމަރުޙޫމް މުޙައްމަދު މޫސާ ކިޔައިދިނެވެ.

ބުއްރޫހީގެ ޙާދިސާގެ އިތުރު ތަފުސީލު ދެމުން ބިލެތްދޫގޭ އަޙްމަދު މަނިކު ކިޔައިދިން ގޮތުގައި އޭގެ ތިން ދުވަސް ފަހުން .6/6/1356 14/8/1937 ދުވަހު ހެނދުނު ކިޔަވަން ތިއްބައި އަލްމަރުޙޫމް އަހިވަލިގޭ މުޙައްމަދު މަނިކު ޝަބުނަމީގޭ މުޙައްމަދު މަނިކު ރޮމުން ރޮމުން "ބުއްރޫހި" ދޯނީގެ އިންނަ ފަތްގަނޑެއް ހިފައިގެން އައެވެ. ފަތްގަނޑުގެ ދެ ކޮޅުގައި ވަރުގަދައަށް ރޯނުން ތަނެއްގައި ހައްޔަރު ކޮށްފައިހުރި ކަމުގެ ނިޝާން ފެންނަން ހުއްޓެވެ. އަދި ދޮންތުއްތުދީދީ {އިސްމާޢީލްދީދީ}ގެ މުންޑަކާއި ޓީޝާޓެއް ވެސް ބަނދެފައި ހުއްޓެވެ. އެހެންކަމުން އެދޯނި ފެތިފައިވާ ކަމަށް ޤަބޫލުވެވި މީހުންގެ ރުއިމާއި ގިސްލުމުގެ އަޑު ނޫން އަޑެއް ނުއިވެއޭ ދެންނެވުމަކީ މުޅިއެކު ދޮގަކަށް ނުވާނެއެވެ. ސަބަބަކީ ކުރިން ދެންނެވި ފަދައިން އެދޯނިން ރަށުގެ އެކި ހިސާބުން 22 މީހުން ހުވަދު އަށް ގޮސްފައިވާތީ އެވެ. މިދެންނެވި ފަތްގަނޑުގެ އިތުރުން ވެސް ބައެއް ތަކެތި ރަށަށް ވަނީ ލައްގާފައެވެ. އޭގެ ތެރޭގައި ދަޑިމަގު ބިއްދަރިގޭ އަލްމަރުޙޫމް އިބްރާހީމް ތައްޚާނުގެ ފުޅަފިން ހަދާފައިވާ އުޅާލި އަޅާފައި ހުރި ވަށިގަނޑަކާއި އަދި އިބްރާހީމް ތައްޚާނުގެ ދަތުރު ފޮއްޓާއި ދިގުވާނޑު ކަޅުވަލިގޭ އަލްމަރުހޫމް މުޙައްމަދު ތައްޚާނުގެ އުޅާލި ޑަބިޔައެއް ވެސް އުއްސަންފައި މުލި ކިޔާ ސަރަޙައްދަށް ވަނީ ލައްގާފައެވެ.

"ބުއްރޫހި" ދޯނިން ހުވަދު އަށް ދިއަ މީހުންގެ ތެރެއިން ދަޑިމަގު ހައްދިންމަތްތެ އަލްމަރުޙޫމް ތުއްތުދީދީ {ޙުސައިންދީދީ،} ވަނީ ފުރަން އޮތް ދުވަހު ގައްދު އަށް ފިލާފައެވެ. އަދި މާދަޑު ރަންފުތުގެ އަލްމަރުޙޫމް އެޅަކަލޯވެސް ވަނީ ރަށަށް އަންނަން އެހެން ދޯންޏަކަށް އަރާފައެވެ. މާތްﷲ ވަނީ މިގޮތުން މިހާދިސާއިން މިދެ މީހުން ސަލާމަތް ކުރައްވާފައެވެ. އެދުވަހު ކަނޑުވެ މަރުވި މީހުންނަކީ 1 ދަޑިމަގު ދޮންތައްޚާނުބެއަގެ އަލްމަރުޙޫމް މޫސާދީދީގެ އަލްމަރުޙޫމް އިސްމާޢީލްދީދީ {ދޮންތުއްތުދީދީ} މިއީ ދޯނީގެ ވެރިފަރާތެވެ. 2- ދަޑިމަގު ބިއްދަރިގޭ އަލްމަރުޙޫމް އިބްރާހީމް ތައްޚާނު ދޯނީގެ މާލިމީ، 3- ދަޑިމަގު މަޅަބިގޭ އަލްމަރުޙޫމް ހުސޭން ބެއަށްކަލޯ (ދިގުވާނޑު މައިގެދަރިދައިތާގެ)، ޢަލީ 4- ދަޑިމަގު އަހިވަލިގޭ އަލްމަރުހޫމް އާދަމްފުތު މީނާ ވެސް ރަށަށް ނާންނަން ވެގެން ގައްދު އަށް ފިލައިގެން އުޅުނެވެ. ނަމަވެސް މީނާ ހޯދައިގެން ދޯނީގައި ވަނީ ގެނެސްފައެވެ. 5- ދަޑިމަގު ވަލިގެ އަލްމަރުޙޫމް އިސްމާޢީލްދީދީ، 6- ދިގުވާނޑު ކަފިއަގެ އަލްމަރުޙޫމް މޫސާދީދީ، 7- ދަޑިމަގު ކުދުފީށެ އަލްމަރުޙޫމް ބެއްޔަ، 8- ދަޑިމަގު ހޫނިގޭ އަލްމަރުޙޫމް އާދަމްފުތު، 9 -ދަޑިމަގު ކަލަފަނގި އަލްމަރުޙޫމް ޙުސައިން ތައްޚާނު، 10- ދިގުވާނޑު ކަފިއަގެ އަލްމަރުޙޫމް މޫސާދީދީ، 11-ދިގުވާނޑު ގެރަދޫގޭ އަލްމަރުޙޫމް އިބްރާހިމް ތައްޚާނު، 12 މިސްކިތްމަގު ރަންދުވަރު އަލްމަރުޙޫމް އަލިދީދީ، 13- މާދަޑު ފެނަންސާރި އަލްމަރުޙޫމް އެޅަކަލޯ، 14- ދިގުވާނޑު ގޫގަނޑިދަޑި މުޙައްމަދު ޙަސަންދީދީ (ކޮއްކޯބެއަ) މިދަތުރު ކުރިއިރު މީނާ އުޅެނީ ދަޑިމަގު ހުސޭންބެއަގެ ދޮންބަގީޗާގޭ ގައެވެ. 15- ހޯދަޑު ލަކައުގެ އަލްމަރުޙޫމް ޢަލީ، 16-ދިގުވާނޑު އަލްމަރުޙޫމް ފާތިންދައިތާގެ ކަލޯ މީނާގެ ގޭގެ އެޑުރެސް އެނގޭގޮތެއް ނުވިއެވެ. 17- ދިގުވާނޑު ވޭރެގަމިގޭ އަލްމަރުޙޫމް ޙަސަންދީދީ، 18- ދިގުވާނޑު ކަޅުވަލިގޭ އަލްމަރުޙޫމް މުޙައްމަދު ތައްޚާނު، 19- ދިގުވާނޑު ކޭހިގޭ އަލްމަރުޙޫމާ ފާޠިމަތުދީދީގެ އަލްމަރުޙޫމް މުޙައްމަދުދީދީ 20- ދަޑިމަގު މަޅަބިގޭ އަލްމަރުޙޫމް އާދަންފުތު (އާދަން ތައްޚާން) މި 20 މީހުންނެވެ.

މަތީގައި ދެންނެވި ތާރީޚުގައި ރަށަށް އަންނަން ފުރި އަނެއް ދެ ދޯނި ފުރީ ބުއްރޫހި ދޯނިވެސް ފުރިރޭ ބުއްރޫހި ދޯންޏަށްވުރެ ފަހުންނެވެ. އެދެދޯނިވެސް ވިއްސާރާގައި ދަތުރުގެ މިސްރާބު ވަނީ އޮޅިފައެވެ. މިދެދޯނި އޭރު އޮތީ ހުވަދުއަތޮޅާއި ކައިރީގައި ކަމުން ވައިގެ އަސަރު ކުރީ ތަންކޮޅެއް ކުޑަކޮށްނެވެ. މިސްކިތްމަގު ދޯނާޑު އަލްމަރުޙޫމް މުޙައްމަދުދީދީ އާއިއެކު ދަތުރު ކުރި މީހުންގެ ތެރެއިން ފުނާޑު ހުސްނުހީނާގޭ އަލްމަރުޙޫމް މުޙައްމަދު ނަޖީބު ދޯނީގެ ސާރިމަތި ފަތްގަނޑުގައި އިންނަވަނިކޮށް ޖެހިރާޅާއެކު އެރި ލޮޅުމުގައި ކަނޑަށް ވެއްޓުނެވެ. އެވަގުތު ނަޖީބުއަށް ދޯނީގެ ލާގަތް ފަލީގެ ފަލިތަންޑު (މޮހަރު) ގައި ހިފުމާއިއެކު އެ ފަތްގަނޑުގައި އޭރު އިން ފުނާޑު މަގިއެދުގޭ އަލްމަރުޙޫމް އިބުރާހީމްދީދީ އަށް ނަޖީބުގެ މުންޑުގައި ހިފުމުގެސަބަބުން ސަލާމަތް ވިއެވެ. ނަމަވެސް އެދޯނިން ދިޔަ މަދިރުގެ ޙަސަންބެ ވަނީ ކަނޑަށް ވެއްޓި ގެއްލިފައެވެ. އަލްމަރުޙޫމް މުޙައްމަދުދީދީގެ މާލިމީކަމުގައި ދަތުރު ކުރި ދޯންޏަށް ދެވުނީ ސްރީލަންކާގެ ގަންދަރަށް ކަމަށް އެދަތުރުގެ އެއްބައިވެރިއެއް ކަމުގައިވާ ދިގުވާނޑު ވޭރެގަމިގޭ އަލްމަރުޙޫމް މުހައްމަދުދީދީގެ ފަރާތުން ވަނީ މަޢުލޫމާތު ލިބިފައެވެ.

ރަންރުތުގެ އަލްމަރުޙޫމް މުޙައްމަދު ތައްޚާނުގެ މާލިމީ ކަމުގައި ދަތުރުކުރި ދޯނީގެ މީހުން ބޯޓަކަށް ނަގައިގެން އެމީހުންވެސް ގެންދިޔައީ ކޮޅުނބަށެވެ. އަލްމަރުޙޫމް މުހަންމަދު ތައްޚާނު ޗާޓުން ރާއްޖެ ފާހަގަކޮށްދިނުމުން އެބޯޓުގެ މީހުން ދަތުރުކުރާ މިސްރާބުން އެންމެކައިރީން ދެވެން އޮތީ ގަންދަރަށް ކަމަށް ވާތީ އެމީހުން ނެގި ބޯޓުން އެމީހުންވެސް ގެންގޮސް ބޭލީގަންދަރަށެވެ. މިދޯނިފަހަރުގައި ދަތުރުކުރި މާލިމީންނަކީ ތިރިފަހިމާލިމީންނެވެ.

ބުއްރޫސް ދޯނި އޭގެ ދުވަސްކޮޅެއް ފަހުން އައްޑު އަތޮޅު ކޯއްޓޭ އަށް ވަނީ ލައްގައިފައެވެ. "ބުއްރޫހި" އެތާނގައި އޮވެ ހަލާކުވީއެވެ. އެއިގެ ފަހުން ވެސް އޮޅޮގިނައިގޭ އަލްމަރުޙޫމް ޙައްވާދީދީގެ "ބުއްރޫހީ"ގެ ނަމުގައި ދަތުރު ދޯންޏެއް ވަނީ ދުއްވާފައެވެ. ބުއްރޫހިން ގޮސް ކަނޑުވި މީހުންގެ ތެރެއިން ބިއްދަރިގޭ އަލްމަރުޙޫމް އިބްރާހިމް ތައްޚާނު އާއި ގޫގަނޑިދަޑި އަލްމަރުޙޫމް މުޙައްމަދު ޙަސަންދީދީ އާއި މަޅަބިގޭ ޙުސައިންބެ އަށް ކަލޯ {މައިގެދަރިދައިތާގެ ޢަލީ}ގެ ޢާއިލާ އެބައޮތެވެ. އަދި މަދިރުގެ ހަސަންބެއަގެ އާއިލާ ވެސް އެބައޮތެވެ. ކުރީގެ އާދަކާދައިގެ ތެރެއިން ބުއްރޫހިން ދަތުރުކުރި މީހުން ކަނޑުވި ދުވަސް ފާހަގަކޮށް ކުދިންގެ ފާތިޙާ ދުވަހުގެ ގޮތުގައި ފާތިޙާއަށް ކައްކާ ހަދަމުން އައިސްފައިވެއެވެ. އެހެން ކަމުން ބުއްރޫހިން ގިނައިން ދިއައީ ޒުވާނުން ކަމަށް ބެލެވެއެވެ. އަޅުގަނޑުގެ ހަނދާނުގައި ވެސް ކުދިންގެ ފާތިޙާ ދުވަސް ފާހަގަކޮށްފައިވެއެވެ. މިހާދިސާގައި ގެއްލި ދިޔައީ އޭރު ރަށުގައި ތިބި އެންމެ ނަގާކިޔާ ޒުވާނުންގެ ތެރެއިން ވެސް ކަނޑުމައްޗަށް ފަރިތަ، ފަތާން މޮޅު، ބައެއް ކަމުގައި މިހާރު ވެސް މުސްކުޅީން ބުނެއުޅެއެވެ. މާތްﷲ މިހުރިހާ އެންމެންގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރަށްވާށިއެވެ. އާއިލާތަކަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ.

********

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާ ކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.