ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ގައުމީ ޓީމު މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ އަމިއްލަ ގައުމުގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް 2021ގެ ކުރިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރެއްވުމަށް މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ދިވެހިން ތިބީ ގައުމީ ޓީމާއެކު ތިންވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ކަމަށާއި ކޮވިޑް-19 ގެ ސަބަބުން އެހެން ހުރިހާ ކަމަކަށް އަސަރު ކުރި ފަދައިން ފުޓްބޯޅައަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި މި ލިބުނު ކުޑަ މުއްދަތުގެ ތެރޭގައި ގައުމީ ޓީމު މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމުން އައި އިނާމުގެ ފައިސާގެ އަދަދު މީގެ ކުރިން ބޮޑުކުރައްވާފައިވާކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ ބޯނަސް ހަދިޔާއަކީ ކޮބައިކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ގައުމެއް ކަމަށާއި ދިވެހިންގެ އުންމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށް ކަމަށް ގައުމީ ޓީމާ މުހާތަބުކުރައްވަމުން ރައީސް ވަނީ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެސް ކުޅިވަރެއް ބާކީނުކޮށް ކުޅިވަރުތަކާއި ކުޅިވަރު އިންފްރާސްޓްރަކްޗާތައް ތަރައްގީކުރުމަށް އިސްކަންދެއްވާފައިވާ ކަމަށާއި އެގޮތުން ގައުމީ ފުޓުބޯޅަ ދަނޑު ބޭނުންވާ ހިދުމަތްތަކާއެކު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާ 13 ވަނަ ފަހަރެވެ. އަދި މީގެ ކުރިން ރާއްޖެއިން ވަނީ 2008 އަހަރާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. މީގެ ކުރިން ލަންކާއާއެކު 2008ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ހޯސްޓުކޮށްފައިވާ އިރު، މިފަހަރު ވެގެންދާނީ ރާއްޖޭގައި މުޅި މުބާރާތް ހޯސްޓު ކުރާ ފުރަތަމަ ފަހަރަށެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ 9:00 ގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން މުބާރާތް ފަށާ މެޗުގައި މާދަމާ ހަވީރު 4:00ގައި ސްރީލަންކާ އާއި ބަންގުލަދޭޝް ބައްދަލުކުރާނެއެވެ. އެ ހަތަރު ޓީމުގެ އިތުރުން ދެން މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ ވާދަވެރި އިންޑިއާއެވެ.