އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ނޭޕާލާ ދެކޮޅަށް ނުކުންނާނެއެވެ. ގަތަރުގައި ކުރި ތަމްރީނުތަކަށްފަހު މިހާރު އެނބުރި އައިސް ހޮޓެލް ޖެންގައި ކޭމްޕް ކޮށްގެން ގައުމީ ޓީމު ތިބިއިރު، ކޯޗު އަލީ ސުޒޭންގެ ނަޒަރުގައި ޓީމު އޮތީ ފުރިހަމައަށް ތައްޔާރު ވެފައެވެ. ގައުމީ ދަނޑުގައި މިއަދު ބޭއްވި ޕްރި މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޯޗު ސުޒޭން ފާހަގަކުރީ ޓީމުގެ ތައްޔާރީތައް ފުރިހަމަ ކަމަށާއި، ޓީމުގައި ތިބި ލީޑާޝިޕް ރަނގަޅު ކުޅުންތެރިންގެ ސާބިތުކަމާއެކު ހިތްވަރު ލިބިގެންދާ ކަމަށެވެ.

" ތައްޔާރީތަކުގައި މިވެނި ކަމެއް، މިވެނި ގޮތަކަށް ކުރެވުނު ނަމައޭ ހިތަށް އަރާ އެއްވެސް ކަމެއް ނޯންނާނެ. ބޭނުން ގިނަ ކަންތައްތަކެއް ހާސިލުވެފަ ވަނީ. ލަންކާއާ އެކުވެރިކަމުގެ މެޗު ކުޅެން އުޅުނީ ތިން މެޗެއް ހަމަކޮށްލަން ވެގެން. އެކަމަކު ނުކުޅެވުމުން މާ ބޮޑު މައްސަލައެއް ދިމާވާނެ ކަމަކަށް ނުބެލެވޭ. ކޮވިޑުގެ ހާލަތުގައި ގިނަ މެޗުތަކެއް ކުޅުންވެސް ސޭފެއް ނޫން އަސްލު ހަގީގަތުގައި،" ގަތަރުގެ ކޭމްޕާ ގުޅިގެން ކޯޗު ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ދިވެހި ކޯޗިން ޓީމަކާއެކު ނުކުންނަ ނަމަވެސް، މިއީ ވާނެ ކަމެއްކަން އެނގިގެން ދަނީ ކެޕްޓަން އަކުރަމް އަބްދުލްޣަނީ އާއި ހުރިހާ ކުޅުންތެރިންގެ ލީޑާޝިޕުން ކަމަށެވެ. އެއީ ޓީމުގެ އެންމެ ބޮޑު ހިތްވަރު ކަމަށް ސުޒޭން ފާހަގަކުރިއެވެ.

"އަޅުގަނޑަށް ގައުމީ ޓީމާ ހަވާލުވީ ކުއްލިއަކަށް ނޫން. ޓީމުގެ ހާލަތަށް ބަލައިފައި، (މުޅިން ދިވެހި ކޯޗުންނާއެކު) މިކަން ރާއްޖޭގައި ކުރެވިދާނެ ކަމަށް ބަލައިފައި އެއްބަސްވީ. އޭގެ އެންމެ ބޮޑު އެއް ސަބަބު މި ފެންނަނީ އަޅުގަނޑުގެ ކައިރިން ކެޕްޓަން އަކުރަމް އަބްދުލްޣަނީ، ޓީމުގައި އެ ލީޑާޝިޕް އަޅުގަނޑަށް ފެނިގެން ދިޔައީ ޑުބާއީގައި ކުރި މަސައްކަތުގައި. އޭގެ ކުރިންވެސް އަކުރަމް ކެޕްޓަނަކަށް އައިސް މި ވީ ދުވަސްތަކުގަ ޓީމުގެ ޑިސިޕްލިން އާއި ބޮންޑު ފެނުނީމަ، މިވަރުގެ ޓީމެއް ގެންގުޅުމުގައި ހުރި ފަސޭހަތައް ފެނިގެން ދިޔަ،" ސުޒޭން ބުންޏެވެ.

އަމިއްލަ ދަނޑުގައި ތަފާތު ދެއްކޭނެ ކަމަށް ކޯޗު ސުޒޭން ބުނެފައިވާއިރު، ރަނގަޅު މެޗެއް ފެންނާނެ ކަމަށް ސުޒޭން ފާހަގަކުރި އެވެ. އެގޮތުން ދެޓީމުވެސް ފޯމުގައި އޮތުމަކީ އޭގެ ސަބަބެއް ކަމަށް ކޯޗު ސުޒޭން ވަނީ ފާހަގަކޮށްފައެވެ. ސުޒޭން ބުނީ ފުޓުބޯޅައަށް ބަދަލުތަކެއް އަންނަން ޖެހޭ މި ދަނޑިވަޅުގައި ބަދަލުތަކެއް ގެންނަން ކުރަމުން އަންނަ މަސައްކަތް އުންމީދީ ކަމަށެވެ. ގިނަ ދަނޑުތަކެއް ހަދައި، ލީގުގެ ފޯމެޓުވެސް ބަދަލުކުރަން މަސައްކަތް ކުރަމުންދާ ދިޔުމަކީ ފުޓުބޯޅައަށް ލިބޭ ހިތްވަރެއް ކަމަށާއި، މި ހާލަތުގައިވެސް ދަނޑަށް ސަޕޯޓަރުން ވަދެ ޓީމަށް ވަރަށް ބޮޑަށް ހިތްވަރު ދޭނެ ކަމަށް ގަބޫލު ކުރާ ކަމަށްވެސް ސުޒޭން ފާހަގަކުރިއެވެ.

ގައުމީ ޓީމުގެ މެޗަށް މިހާރުވެސް ޓިކެޓު ވިކެމުން އަންނައިރު، މެޗު އޮންނާނީ މާދަމާ ރޭ 9:00 ގައެވެ. ގައުމީ ދަނޑަށް ވަކި އަދަދަކަށް ސަޕޯޓަރުން ވައްދަން އެފްއޭއެމް އިން ނިންމާފައިވާއިރު، ކޮވިޑުގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެއެވެ.