ދުވަސްވެފައިވާ މައްސަލައެއް ސެކްޝަނުގައި ނުބާއްވަން ވެގެން ސިވިލް ކޯޓުން އެ މައްސަލަ ބޭރުކޮށްލި އެ ކޯޓުގެ ގާޒީ އަލީ ނަސީރު ގެ މަގާމު މެޖިސްޓްރޭޓެކަށް ދަށްކޮށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް މިއަދު ހަމަޖައްސައިފި އެވެ.

ގާޒީ އަލީ ނަސީރުގެ މަގާމު ދަށްކުރަން ނިންމާފައިވާ ކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައި އެކަން އިއުލާނުކޮށްފައި ވަނީ މިދިޔަ ހަފުތާގަ އެވެ.

ޖޭއެސްސީން ބުނީ އަލީ ނަސީރު ވަނީ ސިވިލް ކޯޓުގެ ދެ ގަޒިއްޔާއެއްގައި ހިމެނޭ ހަސްމުން، އެ ދެ ގަޒިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް ގަޒިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް މިވަގުތު ނެތްކަމަށް ކަނޑައަޅައި، ގަޒިއްޔާގެ ދައުވާ ފޯމު ބާތިލު ކޮށް ހުކުމް ކޮށްފައި ވަނީ އެ ގަޒިއްޔާގެ މައުލޫއަށް ހުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް އޭނާގެ ސެކްޝަނުގައި ނުބޭއްވުމުގެ މަގްސަދުގައިކަން އެ ކޮމިޝަނުން ކުރި ތަހުގީގުން ސާބިތުވެފައިވާ ކަމަށެވެ.

ޖޭއެސްސީ އިތުރަށް ބުނީ، ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިސަލާ ކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަގުސަދުގައި މައްސަލައިގެ ހަސްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ހުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރު ކުރުމަކީ އަދުލުއިންސާފު ގާއިމުކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު އަދި ފަނޑިޔާރުގޭގެ މުގައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއިޒު ގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުސަތު ލިބިގެންދާ ކަމެއް ކަމަށެވެ.

ގާޒީ އަލީ ނަސީރުގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެ މައްސަލައަކީ ރިހިވެލި ބީޗް ރިސޯޓްގެ ސަބްލީސް އެއްބަސްވުމާ ގުޅޭ ގޮތުން ގާޒީ އަލީ ނަސީރު އިއްވި ހުކުމެއްގެ މައްސަލަ އެވެ.