ސާފް ޗެމްޕިއަންޝިޕްގެ ފޯރި ގަދަކޮށް، ގައުމީ ޓީމާއެކު ޒުވާނުން ތިބިކަން ދައްކައިލުމަށް ހާއްސަ ސައިކަލު ބުރެއް މިއަދު ހަވީރު ބާއްވަން އެފްއޭއެމް އިން ނިންމައިފިއެވެ.
ސައިކަލު ބުރު މިއަދު ހަވީރު 4:00 ގައި ފެށުމަށް ތައްޔާރުވެފައިވާއިރު، ބުރު ފަށާނީ އެއް ނަންބަރު ޓާފު ކައިރިންނެވެ. މާލޭގެ އެކިއެކި ސަރަހައްދުތައް އަންނަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުކުރަމުންނެވެ. ފެއްސާއި ރަތާއި ހުދުން މުޅި މާލެ ޖަރީވަމުން އަންނައިރު، ސާފް ޗެމްޕިއަންޝިޕްގެ ބިލަބޯޑުތަކާއި ޕޯސްޓަރުތައްވެސް ވަނީ ހަރުކޮށްފައެވެ. މިއަދުގެ ސައިކަލު ބުރަށް ވީހާވެސް ގިނަ ބަޔަކު ނުކުތުމަށް އެފްއޭއެމްއިން އެދިފައިވާއިރު، ގައުމީ ޖޯޝު ސައިކަލު ބުރުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
މިއީ ރާއްޖެއިން އެކަނި ސާފް ޗެމްޕިއަންޝިޕް ހޯސްޓު ކުރާ ފުރަތަމަ ފަހަރެވެ. މިއަހަރުގެ މުބާރާތް ފެންވަރު ރަނގަޅުކޮށް ކުރިއަށް ގެންދިއުމަށް މާކެޓިންގެ ބޮޑެތި މަސައްކަތްތަކެއް ކޮށް، މުބާރާތް ވަނީ ތަފާތު ކޮށްލައިފައެވެ. މުބާރާތުގެ ތެރެއިން ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ކޮންޓެންޓުތަކެއް ހަދައި، ތަފާތު އިޝްތިހާރުތަކާއެކު މުބާރާތް އަންނަނީ އިޝްތިހާރު ކުރަމުންނެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ނޭޕާލާ ދެކޮޅަށް ނުކުންނައިރު، މެޗުގެ ޓިކެޓު އަންނަނީ ވިކެމުންނެވެ. އިއްޔެ މެންދުރު ފަހު 2:00 ގައި ޓިކެޓު ވިއްކަން ފެށުމާއެކު ގިނަ ބަޔަކު ކިޔޫގައި ޖެހި ޓިކެޓު ނަގަން ފަށާފައިވެއެވެ. ޓިކެޓު ވިއްކަމުން އަންނަނީ އައިޑީކާޑާއި ވެކްސިން ކާޑު ދެއްކުމުންނެވެ.
މިމަހުގެ އެއްވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ސްރީލަންކާ އާއި ބަންގްލަދޭޝް ވާދަކުރާއިރު، އެ މެޗުގެ ޓިކެޓް ވިއްކާނީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ސްޓޭންޑާ ވީ ފަޅީގެ ގޭޓުންނެވެ. ފުރަތަމަ ދުވަހުގެ ރޭ އޮންނަ ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗުގެ ޓިކެޓު ވިއްކާނީ އޮލިމްޕަސް ކައިރީ ގޭޓުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު