ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއިން ބެނިފީކާއާ ދެކޮޅަށް ކުޅުނު މެޗުންވެސް ބަލި ވެ، ކޯޗު ރޮނާލްޑް ކޯމަން އަށް ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ބެނިފީކާގެ ދަނޑުގައި ރޭ ބާސާއިން ކުޅުނު މެޗުން އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ބާސާއިން ކުޅުނު އެއްވެސް މެޗަކުން އެޓީމު މޮޅުވެފައި ނުވާއިރު، މިއީ ބާސާ ތާރީހުގައި ޗެމްޕިއަންސް ލީގެއްގެ އެންމެ ދަށް ފެށުމެވެ. ރޭގެ ބައްޔާ އެކު މިދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ނުދިއުމުގެ ބިރު ވެސް ބާސާއަށް ވަނީ ބޮޑުވެފަ އެވެ.

ގްރޫޕް އީގެ ފުލުގައި މިވަގުތު ބާސާ އޮތް އިރު، އެޓީމަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 އެންމެފަހުން ގެއްލުނީ 2000-2001 ވަނަ އަހަރުގެ ސީޒަންގަ އެވެ. އޭގެ ފަހުން ދެން ބާސާ އަށް އެންމެ ދަށް ސީޒަނަކާ ކުރިމަތިލާން ޖެހުނީ 2003-04 ވަނަ އަހަރުގެ ސީޒަންގަ އެވެ. އެފަހަރު ބާސާ ޗެމްޕިއަންސް ލީގަށް ކޮލިފައިއެއް ނުވެ އެވެ.

ރޭގެ މެޗު ބެނިފީކާ އިން ފެށީ ވަރުގަދަ ކޮށެވެ. ތިންވަނަ މިނެޓުގައި ޑާވިން ނުނޭޒްގެ ގޯލާއެކު އެޓީމުން ލީޑު ނަގައިފައިވާއިރު، ދެވަނަ ހާފުގައި ބެނިފީކާގެ ލީޑު ފުޅާ ކުރީ ރަފާ ސިލްވާ ޖެހި ގޯލުންނެވެ. ބެނިފީކާގެ ތިންވަނަ ގޯލަކީ ނުނޭޒްގެ ޕެނަލްޓީއެކެވެ. ބާސާގެ ޑިފެންޑަރު އެރިކް ގާސިއާއަށް މެޗުގެ 87 ވަނަ މިނެޓުގައި ރަތް ކާޑު ދައްކާފައިވާއިރު، އެޓީމަށް ގޯލަށް އަމާޒުކޮށްލެވުނީ އެންމެ ހަމަލާއެކެވެ.

ލިއޮނަލް މެސީ ކްލަބު ދޫކޮށްލުމާއެކު ބޮޑު މާޔޫސް ކަމެއްގައި ސީޒަން ފެށި ބާސާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފައިސާގެ މައްސަލައެވެ. ކްލަބުގެ މުސާރަތައް ބޮޑުތަނުން ކުޑަކުރަން އެ ކްލަބަށް ޖެހިފައިވާއިރު، ކޯޗު ކޯމަން އަށް ޕްރެޝަރު ބޮޑުވެ އޭނާ ވަނީ މީޑިއާއާ ވެސް ކުރިމަތިލައިފައެވެ. އުނދަގޫ ހާލަތަކަށް ކޯމަން ގޮސްފައިވާއިރު، ހަބަރުތައް ބުނެފައިވާ ގޮތުން ކޯމަންގެ ބަދަލުގައި ކޯޗެއް ހޯދަން ބާސާއިން މިހާރު ވަނީ މަސައްކަތްތައް ފަށައިފައެވެ.