ކުޅިވަރު

ފަހު ސިކުންތުގައި ގޯލު ޖަހައި، ރޮނާލްޑޯ ޔުނައިޓެޑު މޮޅުކޮށްދީފި

މުޙައްމަދު ޝަމްޢޫން

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ވިލަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ސިކުންތުގައި ކްރިސްޓިއަނޯ ރޮނާލްޑޯ ޖެހި ގޯލާއެކު، ޔުނައިޓެޑުން މުހިއްމު ތިން ޕޮއިންޓު ހޯދައިފިއެވެ.

ރޭ ޔުނައިޓެޑުގެ ދަނޑު، އޯލްޑް ޓްރެފޯޑުގައި ކުޅުނު ގްރޫޕް އެފްގެ މެޗުން ޔުނައިޓެޑު މޮޅުވީ 2-1 ގެ ނަތީޖައަކުންނެވެ. މެޗު އެއްވަރުވާން ދަނިކޮށް، މެޗުގެ ފަހު ސިކުންތުގައި އެޓީމު މޮޅުކޮށްދިނީ އުމުރުން 36 އަހަރު ޕޯޗުގަލް ސުޕަ ސްޓާރު ރޮނާލްޑޯއެވެ. އެ ގޯލަކީ މި ސީޒަނަށް ޔުނައިޓެޑަށް ބަދަލުވިފަހުން ރޮނާލްޑޯ ޖެހި ހަތަރުވަނަ ގޯލެވެ. ރޭގެ މެޗުގެ ކުރިން ޔުނައިޓެޑުން މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޔަންގް ބޯއީސް އަތުން ބަލިވެފައި އޮތްއިރު، ރޮނާލްޑޯ ވަނީ އެ މެޗުގައިވެސް ގޯލު ޖަހައިފައެވެ.

ވިލަރެއާލް އާއި ޔުނައިޓެޑަކީ މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލް ކުޅުނު ދެ ޓީމެވެ. އެ ފައިނަލް ޕެނަލްޓީ ޖަހައިގެން ވިލަރެއާލް އިން ކާމިޔާބު ކޮށްފައިވާއިރު، ރޭގެ މެޗަށް ޔުނައިޓެޑު ނުކުތީ ބަދަލު ހިފުމަށެވެ. އެހެން ނަމަވެސް އެޓީމަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. ކެޕްޓަން ހެރީ މެގުއާ އަނިޔާގެ ސަބަބުން މެޗުގައި ކުޅެފައި ނުވާއިރު، ފަހަތަށް ކުޅޭ ބިސާކާ ހުރީ ސަސްޕެންޝަނުގަ އެވެ.

މެޗުގެ ކުރީކޮޅުގައި ޔުނައިޓެޑުގެ ފަރާތުން ވަނދު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ވިލަރެއާލް އިން ވަނީ 53 ވަނަ މިނެޓުގައި ޕަބްލޯ އަލްކަސޭރުގެ ގޯލާއެކު ލީޑު ނަގައިފައެވެ. އޭގެ ފަހުން އަލްކަސޭރަށް އިތުރު ފުރުސަތެއް ލިބި ބޭކާރު ވެގެން ގޮސްފައިވާއިރު، މެޗުގެ 60 ވަނަ މިނެޓުގައި އެލެކްސް ޓެލާސް ދުރުން ފޮނުވާލި ބާރު ހަމަލާއާއެކު ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރިއެވެ.

އެ ގޯލާއެކުވެސް މެޗު އެއްވާރުވާނެ ކަމަށް ބޮޑަށް ބެލެވިގެން ދިޔަ ނަމަވެސް ފަހު ސިކުންތު ލިންގާޑު ތަނަވަސްކޮށްދިން ބޯޅައަކުން ރޮނާލްޑޯ ގޯލު ޖެހިއެވެ. ސްޓޭޑިއަމް ކައްކުވާލައި، ރޮނާލްޑޯ އުފާ ފާޅު ކުރީ ޖާޒީ ބާލައިގެންނެވެ.

ގްރޫޕް އޭގައި ރޭ އެޓަލަންޓާއިން ކުޅުނު މެޗުގައި ޔަންގް ބޯއީސް 1-0 އިން ބަލިކޮށްފައިވާއިރު، ގްރޫޕުގެ އެއްވަނައިގައި މިވަގުތު އޮތީ އެޓަލާންޓާއެވެ. ޔަންގް ބޯއީސް ދެވަނައިގައި އޮތްއިރު، ޔުނައިޓެޑު އޮތީ ތިންވަނައިގައެވެ. ވިލަރެއާލްއަށް ޕޮއިންޓެއް ލިބިފައިވާއިރު، މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.